ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އާއި އޭނާގެ އަނބިކަނބަލުން ބްރިޖެޓް މެކްރޯން ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅެއްގައި ތަފާއްޔެއް ޖެހި މަންޒަރު ސޯޝަލް މީޑިއާގައި މިވީޑިއޯ ވަނީ ވައިރަލް ވެފައެވެ. އަދި އެސޯސިއޭޓެޑް ޕްރެސްއިންވެސް މީގެ ސައްހަ ކަން ބަލާފައި ވެއެވެ. މަތިންދާބޯޓުން ފައިބައި ވަޑައިގަންނަވަމުން ދިޔަ މަންޒަރެއް ވަނީ އިޖުތިމާޢީ ވިއުގަތަކުގައި ފެތުރި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މި މަންޒަރުގައި ފެންނަނީ މަހާރެހެނދި ބްރިޖެޓް މެކްރޯން އޭނާގެ ފިރިކަލުންގެ މޫނުމަތީގައި ތަފާއްޔެއް ޖަހާ ކަމަށް ބެލެވޭ މަންޒަރެކެވެ.
މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ރޭ ހަނޯއި އެއަރޕޯޓުގައެވެ. މަތިންދާބޯޓުގެ ދޮރު ހުޅުވުނު އިރު، ރައީސް މެކްރޯން ފެނުނީ އަދިވެސް ބޯޓު ތެރޭގައި ހުންނަވާ ތަނެވެ. އެވަގުތު ބްރިޖެޓްގެ އަތް ފެނުނީ އޭނާގެ ފިރިކަލުންގެ މޫނުމަތީގައި ލެޑިގެން ދިޔަ މަންޒަރެވެ. މި މަންޒަރުން ރައީސް މެކްރޯން ހައިރާންވެ ވަޑައިގެންނެވި ކަމަށް ހީވި ނަމަވެސް، ވަރަށް އަވަހަށް އެނބުރިވަޑައިގެން ސަލާމް ކުރެއްވިއެވެ.
މި މަންޒަރު ފެތުރުމާ ގުޅިގެން، ފްރާންސްގެ ރަސްމީ ފަރާތްތަކުން ވަނީ މިއީ ޞައްޙަ މަންޒަރެއް ނޫން ކަމަށް ބުނެފައެވެ. އެފަރާތްތަކުން ބުނީ މިއީ މަބު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް ކަމަށެވެ. ނަމަވެސް، ފަހުން ފްރާންސްގެ މީޑިއާއިން ވަނީ މި މަންޒަރުގެ ޞައްޙަކަން ކަށަވަރުކޮށް ދީފައެވެ.
ރައީސްގެ ގާތް ފަރާތަކުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ދެމަފިރިހެނުންގެ މެދުގައި ހިނގި ކުޑަ ޒުވާބުކޮޅެއް ކަމަށެވެ. ފްރާންސްގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ މި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ނެޝަނަލް ރެލީގެ މެންބަރެއް ކަމަށްވާ ޖީން-ފިލިޕް ޓެންގުއީ ވަނީ ރަސްމީ ފަރާތްތަކުގެ ބަޔާން ”ދޮގު“ ކަމަށް ބުނެފައެވެ. އޭނާ ބުނީ މިފަދަ ކޮންމެ މައްސަލައެއްގައި މެކްރޯންގެ ޕާޓީން އާޓިފިޝަލް އިންޓެލިޖެންސް އާއި ރަޝިއާގެ ޖާސޫސީ އިދާރާ ބަދުނާމުކުރާ ކަމަށެވެ.
މި ދަތުރުފުޅަކީ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ފްރާންސްގެ ރައީސަކު ވިއެޓްނާމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.