ދަތުރުނާމާ (ދެވަނަ ބައި)

ދަތުރުނާމާ (ދެވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
މެއި 31, 2025

ނަފީސާއަކީ، މާމޮޅު ތަޢުލީމެއް ލިބިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ޒަމާނުގައި ދިރިއުޅުނު މާޙައުލުން ލިބޭނެ އެންމެ މަތީ ފެންވަރަށް ނަފީސާ ހުރީ ތަޢުލީމު އުނގެނިގެންނެވެ. މަދުރަސީ ދައުރުގައި، އޭނާގެ އަތު ލިޔުމަކީ މުޅި މަދުރަސާގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އަތުލިޔުމެވެ. އެއީ ނަފީސާއަށް ލިބިފައިވާ ގިނަ ހުނަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ހުނަރެވެ. އެކަން މިއަދު އަރުޝީގެ އަތަށް އެރި އެ ޑައިރީގެ ބަނޑޭރިގަނޑުންވެސް ފާހަގަ ވެއެވެ. އުމުރުން ފަސްދޮޅަސް އަހަރު ވީއިރުވެސް އެހުނަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއީ އަރުޝީގެ މަންމައަށްޓަކާ އޭނާ އަބަދުވެސް ފަޚުރުވެރިވާ ކަންކަމެވެ. މަންމަގެ ހަނދާން އައުކޮށްލަމުން ވަރަށް  މަޑުމައިތިރި ކަމާއިއެކު، އެ ޞަފްޙާގައި އަތްތިލަ ބީއްސާލިއެވެ. ލުއިލުއި ހިނިތުންވެލުމަކާއި އެކުގައެވެ. މަންމައަށް ޓަކާ ފަޚުރުވެރިވާ ކަހަލަ ގޮތަކަށެވެ. އެއަށްފަހު މަޑުމަޑުން އަނެއް ޞަފްޙާ ހުޅުވާލިއެވެ. އެޞަފްޙާގައި ބޮޑުއަކުރުން ލިޔެފާ އޮތީ، ”ދަތުރުނާމާ“ މިހެންނެވެ. ތިންވަނަ ޞަފްޙާ ހުޅުވާލިއިރު، އޮތީ ސިޓީއެކެވެ. އެސިޓީ ލިޔެފައިވަނީ ވަކި ގަނޑެއްގައެވެ. އަރުޝީ އެސިޓީ ނަގާފާ، ޑައިރީ ކައިރީގައި ބާއްވާލިއެވެ. އަދި ވަރަށް ސަމާލުކަން ދީގެން އެސިޓީ ކިޔަންފެށިއެވެ.

”މަންމަގެ ދެލޯފަދަ ލޯބިވާ ދަރިފުޅު އަރުޝީއަށް،

މި ފޮތަކީ، ދަރިފުޅު މަންމައާއި ދުރުގައި ހުރިއިރު މަންމަގެ އެކަނިވެރިކަމާ، ހިތުގެ އުދާސްތައް ބޭރުކޮށްލުމަށްޓަކާ ލިޔަންފެށި ފޮތެކެވެ. ނަމަވެސް އިންސާނެއްގެ ވަޤުތާއި ޙާލަތު ބަދަލުވާނީ ކޮންއިރަކުން ކޮންގޮތަކަށް ކަމެއް އެއީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫންތާއެވެ. އެހެންކަމުން މަންމަ ގަސްތުކުރީ މިފޮތް ދަރިފުޅަށް ހަދިޔާކުރާށެވެ. ދަރިފުޅަށްވެސް މަންމަގެ ޙަޔާތުގެ މިދަތުރުން ޢިބުރަތެއް ލިބޭނެކަމުގެ އުންމީދުގައެވެ. މިފޮތް ކިޔާ ނިމޭއިރު މަންމަގެ ޙަޔާތުގެ އަނދިރި ފަރާތްވެސް ދަރިފުޅަށް ވަރަށް ރަނގަޅަށް އެނގިގެން ދާނެއެވެ. އަދި މަންމަގެ މި ޙަޔާތުގައި ހެދިފައިވާ، ނުވަތަ ހަދާފައިވާ ގޯސްތައް ދަރިފުޅު ނުހަދާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް މަންމައަށް އެބައޮތެވެ. މަންމަ މިހެން ބުނުމުން ދަރިފުޅަށް ޤަބޫލުކުރަން ދަތިވާނެކަންވެސް މަންމައަށް އެނގެއެވެ. އެހެނީ ދަރިފުޅަށް ފެނިފައި ހުންނާނީ ތަފާތު މަރުޙަލާތަކުގާ މަންމަ ކަންކަމަށް ކެތްތެރި ވެފައިވާ މަންޒަރެވެ. ދިމާވާ ދަތިތަކުގައި އުންމީދު ކަނޑާނުލާ ކުރިޔަށް ދިޔަތަނެވެ. ދަރިފުޅަށްޓަކާ މަންމަ ކުރި ބުރަ މަސައްކަތެވެ. އެހެނަސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، އެއްވެސް އިންސާނަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ މީހަކަށް ނުވާނެކަމެވެ. ދަރިފުޅާއެވެ. މަންމައަކީވެސް އިންސާނަކީމެވެ. ވީއިރު މަންމައަށްވެސް ދިރިއުޅުމުގެ އެކި މަރުޙަލާގައި ގޯސް ހެދިފައި ހުންނާނެތާއެވެ. ކުށްވެސް ކުރެވިފައި ހުރެދާނެތާއެވެ. އޭގެ އިތުރުން ފާފަވެސް ކުރެވިފައި ހުރެދާނެތާއެވެ. އެގޮތުން މިފޮތް ކިޔާލުމުން މަންމަގެ ޙަޔާތުގެ ޑައިރީއިން މީގެ ކުރިން ދަރިފުޅަށް ފެނިފައިނުވާ އެތައް ޞަފްޙާތަކެއް ފެނިގެން ދާނެއެވެ. އުންމީދު ކުރަނީ ދަރިފުޅު މަންމައަށް މަޢާފުކުރާނެ ކަމަށެވެ. އެހެނީ މިފޮތް ދަރިފުޅުގެ އަތަށް އަރާއިރު މަންމަ މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މަންމަގެ ޢަޖަލު ހަމަވެދާނެ ކަމުގެ ބިރު ހީވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނީ ބުނެދޭން ނޭންގޭ ކަހަލަ އުނދަގޫތަކެއް ވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިސިޓީ މިލިޔަނީވެސް އެސަބަބަށް ޓަކައެވެ. މަންމަ ގަސްތުކޮށްގެން ހުރީ މަންމަ ދުނިޔޭގައި ސަލާމަތުން ހުއްޓާ ދަރިފުޅު މަންމައާއި ހަމައަށް އަތުވެއްޖެނަމަ މަންމަގެ އަތުން މިފޮތް ދަރިފުޅަށް ހަވާލުކުރާށެވެ. އެހެނީ އެތައް ސިއްރުތަކެއް މި ހިތުތެރޭގައި ފޮރުވައިގެން ހުންނަތާ އެތައް ޒަމާންތަކެއް ވެއްޖެއެވެ. އަދި އެހުރިހާ ކަންކަމަކީވެސް ދަރިފުޅަށް އޭގެ ހުރިހާ ޙަޤީޤަތެއް އެނގެން ޙައްޤު ކަންކަމެވެ. މިއީ މަންމަގެ ހަޔާތުގެ ދަތުރު ހޭދަވެގެން ދިޔަގޮތުގެ ވާހަކަ ލިޔެފައިވާ ފޮތް ކަމަށްވާތީ، މަންމަ ގަސްތުކުރީ މިފޮތަށް ”ދަތުރުނާމާ“ގެ ނަމުން ނަން ދޭށެވެ.

މަންމަގެ ދުޢާއަކީ، ދަރިފުޅުގެ ޙަޔާތް ބާއްޖަވެރިވެ، އަބަދުވެސް އުފާ ފާގަތިކަންމަތީގައި ދިރިއުޅުން ހޭދަކޮށް، ދަރިފުޅުގެ ޙަޔާތުގެ ދަތުރު ނިމޭށެވެ. އުފަލާ، ހިތާމަޔާ، ރުޅިއާއި ބިރާއި ކަންބޮޑުވުމަކީ އިންސާނާގެ ޠަބީޢަތުގާ ހުންނަ ސިފަތަކެކެވެ. އެގޮތުން ދަރިފުޅުގެ ދިރިއުޅުމުގައިވެސް އަޑިގަނޑާއި އުސްގަނޑު އަންނާނެކަން ދަންނަން ވާނެއެވެ. ދިމާވާ ކޮންމެފަދަ ޙާލަތަކަށްވެސް ކެތްތެރިކަމާ ހިތްވަރާއި އެކު ކުރިމަތިލާން ދަސްކުރަން ވާނެއެވެ. މަންމަ އަބަދުވެސް ދަރިފުޅަށް އިތުބާރު ކުރަމެވެ. މި ސިޓީ ނިންމާލަމުންވެސް މަންމަ ކުރަން އޮތީ ހަމަ އެންމެ އިލްތިމާސްއެކެވެ. ދަރިފުޅު މަންމައަށް މަޢާފުކުރުމަކީ މަންމަގެ އެންމެ ބޮޑު އެދުމެވެ.

ސިޓީ ކިޔާނިންމާލިއިރު، އަރުޝީ އިނީ ފެންކަޅި ވެފައެވެ. އެހެނަސް މޫނުމައްޗަށް ވެރިވެފައިވާ ހައިރާންކަން އެއަށްވުރެ މާބޮޑެވެ. އެހެނީ އޭނާގެ މަންމަ އޭނާގެ ކިބައިން މަޢާފަށް އެދެންޖެހޭ ވަރުގެ އެއްވެސް ކަމެއް އޮންނާނެ ކަމަކަށް އަރުޝީއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ، އަރުޝީގެ މަންމައަކީ އަރުޝީ އަބަދުވެސް ނަމޫނާއަކަށް ބަލަމުން އައި ހިތްވަރުގަދަ ކަނބަލެކެވެ. އަރުޝީ އަބަދުވެސް އޭނާގެ މަންމައަށް ފަހުރުވެރި ވެއެވެ. އަދި މަންމަގެ ހިތްވަރުގަދަ ކަމުގެ ވާހަކަ އޭނާގެ ރައްޓެހިން ކައިރީގައިވެސް އަބަދުވެސް ދައްކައެވެ. މިފަދަ ވިސްނުމެއްގައި އިނދެ، ޑައިރީގެ ޖެހިގެން އޮތް ޞަފްޙާ ހުޅުވާލަންވެސް އަރުޝީ ޖެހިލުން ވެއްޖެއެވެ. މަންމައާއި ގުޅުންހުރި އެއްވެސް ބާވަތެއްގެ ނޭދެވޭ ވާހަކައެއް އެނގޭކަށް އަރުޝީ ބޭނުމެއް ނުވިއެވެ. އަމުދުން މިހާރު އޭނާގެ މަންމަ ދުނިޔޭގައި ނެތަތީވެސް މެއެވެ. އެހެންނަމަވެސް ޑައިރީ ކިޔާނުލައެއްވެސް އަރުޝީ ހިތްހަމައެއް ނުޖެހުނެވެ. އެގޮތުން އަރުޝީ ނިންމީ ކޮންމެގޮތެއް ވިޔަސް އޭނާގެ މަންމަގެ ޙަޔާތުގެ ދަތުރުނާމާ ކިޔާށެވެ. މިވިސްނުމުގައި އިންދާ، އަރުޝީ ސިއްސައިގެން ދިޔައީ، ސަމްސުއްނިސާ ގޮވާލި އަޑަށެވެ. ”އަރުޝީ ހިނގާ ދެން ކޮންމެސް އެއްޗެއް ކާލަން. މާލެ އައިއްސުރެން ތި އިންނަނީ އެއްވެސް އެއްޗެއް ނުކައެއްނު. ދެން ދޭ ކައިގެން އަރާމުކޮށްލަން.“ އަރުޝީ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ޑައިރީ އޮތީ ދެއަތުން ހިފާ، މެޔާއި ކައިރިކޮށްލާފައެވެ. ”އާން. ޖޫސްތައްޓެއް ބޯލާނީ. އެހާ ބޮޑަކަށް ބަނޑުހައެއް ނުވޭ.“ ވަރަށް މަޑުމައިތިރި ކަމާއިއެކީ އަރުޝީ ބުނެލިއެވެ. ”އެކަމަކު އޮއްޓަރު އެއްޗެއްވެސް ކާލަން ވާނެ. ހުންނާނެ އަލުވި ރިހަ ކައްކާފަ. އަރުޝީއަށް ނުލާހިކު މީރު އެއްޗެއްނު އެއީ ދޯ.“ ވަރަށް އޯގާތެރިކަމާއެކީ ސަމްސުއްނިސާ ބުނެލިއެވެ. ”ދައްތައަށް ކިހިނެއް އެނުގުނީ އަހަރެންނަށް އަލުވި ރިހަ މީރުކަމެއް؟ މަންމަ ދޯ ބުނީ؟“ ”އާން. ނަފީސާ ވަރަށް ގިނައިން ދައްކާނެ އަރުޝީގެ ވަހަކަ ދައްތަ ކައިރީގަ. ބައެއްފަހަރަށް އަރުޝީ މަތިން މާބޮޑަށް ހަނދާންވީމަވެސް އަރުޝީއަށް މީރު އެއްޗެހިވެސް ހަދާނެ.“ ސަމްސުއްނިސާ އެހެން ބުނުމުން އަރުޝީ ކޮންމެސް ވަރަކަށް ވިސްނާލިއެވެ. ”އާން މަންމަ ގުޅައިގެން ވަހަކަ ދައްކާ ބައެއް ދުވަސްދުވަހު ބުނާނެ އެދުވަހު ހަދާފަ ހުންނަ ބައެއް ކާއެއްޗެހީގެ ވާހަކަވެސް. މީދޯ މިވާގޮތަކީ. އަހަރެން މަތިން މާބޮޑަށް ހަނދާންވީމަ މިކަހަލަ ކަމެއް މިކޮށްލަނީ. އެހެންވީމާ، މަންމަ ސީދާ ސީދާ ނުބުނާ ބައެއް ވާހަކަތައް އެބަ ހުރިތާ ދޯ.“ ކޮންމެވެސް ވަރަކަށް ވިސްނާލުމާއިއެކު ބުނެލިއެވެ. މަޑުމަޑުން ބޯވެސް ޖަހާލުމާއިއެކުގައެވެ. އަދި އޭނާގެ މަންމަގެ ޑައިރީ ކިޔާލުމުގެ އަޒުމު ވަރުގަދަ ކޮށްލިއެވެ. ހިތާއިހިތުން ބުނެލުމާއިވެސް އެކުގައެވެ. ”ކީކޭ ތިބުނީ؟ ދައްތައަކަށް ނުވިސްނުނު އަރުޝީ ތިބުނި އެއްޗެއް.“ ސަމްސުއްނިސާ ކުރި ސުވާލަށް އަރުޝީ ޖަވާބު ދިނީ އެއީ މާބޮޑުކަމެއް ނޫންކަމަށް ބުނަމުންނެވެ.

އެވަޤުތު ކޮންމެވެސް މީހަކު ބޭރުން ސަލާމް ގޮވާލި އަޑު އިވުނެވެ. ދެމީހުން އެއްފަހަރާ ދޮރާއި ދިމާއަށް ބަލައިލިއެވެ. ސަލާމުގެ ޖަވާބު ދިނީ ސަމްސުއްނިސާއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ. އަރުޝީ ހުރީ، ހުރި ފިޔަވަޅުމަތީ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ދޮރުމަތީގައި ހުރީ ސާމިރުއެވެ. ސަމްސުއްނިސާއަށްވެސް ސާމިރު އެނގެއެވެ. އެހެނީ އަރުޝީގެ ޣައިރު ޙާޟިރުގައިވެސް ސާމިރު ކޮންމެވެސް ވަރަކަށް އެގެއަށް އައިސް އުޅުނެވެ. އަރުޝީ ފުރައިގެން ދަމުން އޭނާގެ މަންމަގެ ޙާލު ބަލާ ހެދުމަށް ސާމިރުގެ ގާތުން އެދިފައި އޮތުމާއިވެސް އެކުގައެވެ. އެހެންނަމަވެސް މިއަދު އެއައީ، އަރުޝީގެ ޙާލުބަލާށެވެ. މިފަދަ ދަނޑީވަޅެއްގައި އަރުޝީ އެކަނި ދޫކޮށްލަންވެސް ބޭނުން ނުވާތީއެވެ.  އެހެނީ ދެމީހުންގެ މެދުގައި އުމުރުގެ ތަފާތު ހުއްޓެއްކަމަކު، އެންމެ ކުޑައިރުއްސުރެވެސް ދެމީހުން އުޅެ ބޮޑުވީ އެކުގައި ކުޅެން އުޅުމާއި އެކުގައި ސްކޫލަށް ގޮސްހަދައިގެންނެވެ. އެންމެ ތުއްތު އިރުއްސުރެވެސް ދެކުދިންގެ ހިތުގައިވަނީ، ގާތް ރަޙުމަތްތެރި ކަމުގެ ކުލުނު އުފެދިފައެވެ. އެދުވަހުން ފެށިގެން އަދިއަދަށް ދާންދެންވެސް އެރަޙުމަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ. ފުރާވަރަށް އަރައިގެން އައިރުވެސް ހަމަ އެފަދައެވެ. އެހެންކަމުން އެދެމީހުން ގާތުން ދެކެމުން އައި އެތައް ބަޔަކު، އެރަޙުމަތްތެރިކަމަށް ތަފާތު ނަޒަރުން ބަލަމުން ގެންދިޔައެވެ. އަދި ސާމިރުގެ މައިންބަފައިންނާ، ނަފީސާކައިރީގައި ފާޑުފާޑުގެ ވާހަކަތައްވެސް ދައްކަމުން ގެންދިޔައެވެ. ދެމީހުންގެ ގާތް ގުޅުމާއިމެދު ޝައްކުގެ ނަޒަރުން ބަލަމުންދިޔަ މީހުންނެއްވެސް އަވައްޓެރިންގެ ތެރޭގައި މަދެއް ނޫނެވެ. ނަމަވެސް ނަފީސާއަށް އޭނާގެ ދަރިފުޅާއިމެދު ފުރިހަމަ އިތުބާރު އޮތެވެ. ސާމިރުއަކީވެސް ތަޢުލީމީ ދައުރު ކާމިޔާބުކަމާއިއެކު ނިންމާލި ތޫނުފިލިދަރިވަރެކެވެ. ތަނަވަސް ޢާއިލާއަކަށް އުފަން، އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ސާމިރުއަށް ކަތިނަޒަރުން ބަލަމުން ގެންދާ ޒުވާން އަންހެން ކުދިން އެހިސާބުގަނޑުގައިވެސް މަދެއް ނޫނެވެ. އެހެނަސް ސާމިރު އެއިން އެއްވެސް ކުއްޖަކާއި ދިމާއަށް އެފަދަ އެއްވެސް ނިޔަތަކުން ބަލަން ބޭނުންނުވާ ކަހަލައެވެ. އެހެނީ އެއިން ކޮންމެ ކުއްޖަކީ ސާމިރުގެ ރައްޓެއްސެއް ކަމަކު ރަހުމަތްތެރިއެއް ނޫނެވެ. އަރުޝީ ފިޔަވައެވެ.

ސާމިރު އައިސް އެންމެ ފުރަތަމަވެސް އަރުޝީގެ ޙާލު އަހާ، ކައިފިންތޯ ސުވާލު ކުރިއެވެ. އަރުޝީ، ސާމިރުއަށް ދިނީ ސަމްސުއްނިސާއަށް ދިން ޖަވާބެވެ. އަރުޝީ ވަރަށް ވަރުބަލިވެފައި ހުރިކަން ސާމިރުވެސް ފާހަގަ ކުރިއެވެ. އެހެންކަމުން އަރާމުކޮށްލުމަށް ބުނެ ސާމިރު ދިޔައީއެވެ. އަނެއްދުވަހު އަންނާނަން ކަމަށްވެސް ބުނަމުންނެވެ. އަރުޝީވެސް ޖޫސްތައްޓެއް ބޯލައިގެން ދިޔައީ ކޮޓަރިއަށް އަރާމުކޮށްލުމަށެވެ. ޑައިރީވެސް ހިފައިގެންނެވެ. ކޮޓަރިއަށް ވަދެ ރަނގަޅަށް ހަމަޖެހިލައިގެން އެނދުގައި އޮށޯވެލިއެވެ. އަދި ޑައިރީ ނަގާ، އޭގެ ތިންވަނަ ޞަފްޙާ ހުޅުވާލިއެވެ. އޭރު އަރުޝީގެ މޭ ބާރަށް ތެޅެއެވެ. އޭގައި ލިޔެފައިވާނެ އެއްޗަކާމެދު ބިރު ހީވާތީއެވެ. މަންމަގެ ސިޓީގައި މަޢާފަށް އެދިފައި އޮތުމާއިވެސް އެކުގައެވެ. އެހެނަސް ފުން ނޭވާއެއް ލުމާއިއެކު، ޑައިރީ ކިޔަން ފެށިއެވެ.

”އަހަރެންނަކީ، މާލެއިން ދެކުނުގެ އަތޮޅެއްގެ ވަރަށް ކުޑަކުޑަ ރަށަކަށް ނިސްބަތްވާ މީހަކީމެވެ. އާބާދީގެ ގޮތުން ނިސްބަތުން މީސްކޮޅުވެސް މަދު ރަށަކަށް ވާތީ، ރަށުގެ ގިނަ މީހުންނަކީ ލޭގެ ގުޅުމުން އެކަކު އަނެކާ ގުޅިފައި ތިބޭ ބައެކެވެ. އެހެންކަމަށްވާތީ، ރަށުގެ ގިނަ މީހުން ކައިވެނި ކުރަނީ ރަށުން ބޭރު މީހުންނާއިއެވެ. މިހެން ބުންޏަސް އެއްބަނޑު އެއްބަފާ ނޫނިއްޔާ ކައިވެނި ހަލާލުވާ އުސޫލުން ކައިވެނިކުރާ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ. އެގޮތަށް ބަލާނަމަ އަހަރެންގެ މަންމައާއި ބައްޕައަކީވެސް ލޭގެ ގުޅުން އޮންނަ ދެމީހުންނެވެ. އަހަރެން ދުނިޔެމައްޗަށް ހޭލައިގެންއިރު، އަހަރެންގެ މަންމައެއް ނެތެވެ. އަހަރެންގެ އުމުރުން ދޮޅުއަހަރުގައި މަންމަ ނިޔައުވީއެވެ. އަހަރެންނަށް އެނގިފައި އޮތްގޮތުގައި މަންމަގެ ބަނޑުގައި ރިއްސީއެވެ. މެދުނުކެނޑި ދެރޭ ދެދުވާ ވަންދެން ރިއްސުމަށްފަހު އެންމެފަހުން އެބަލީގައި މަންމަގެ ފުރާނަ ދިޔައީއެވެ. އެޒަމާނަކީ މާމޮޅު ބޭސްފަރުވާއެއް އޮންނަ ޒަމާނަކަށް ނުވުންވެސް އޭގެ އަސްލަކަށް ވެދާނެއެވެ. މަންމަ ނިޔައުވުމުން، އަހަރެން ގެންގުޅެ ބޮޑުކުރީ، އުފަން ބައްޕައާއި ބޮޑުދައިތައެވެ. އެއީ ބައްޕަގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މަންމައެއްގެ ލޯތްބާއި ކުލުނަކީ ކޮންއެއްޗެއްކަން އަހަރެންނަށް އެނގުނީ އެބޮޑުދައިތަގެ ފަރާތުންނެވެ. ބައްޕައަކީ އާދައިގެ މަސްވެރިއެކެވެ. އެޒަމާނުގައި މަސްވެރިކަން ކޮށް އުޅުނީ ފަތިހު ފުރައިގެން ގޮސް އިރުއޮއްސުމުން އެނބުރި ރަށަށް އަންނަ އުސޫލުންނެވެ. މަހެއް ބޭނުނަސް ނުބޭނުނަސްވެސް މެއެވެ. އެހެންކަމުން އަހަރެންގެ ބައްޕައާއި އަހަރެންނާއި ބައްދަލުވަނީ ކޮންމެ ދުވަހެއްގެވެސް އިރުއޮއްސުމަށް ފަހުގައެވެ. ހުކުރުދުވަސް ފިޔަވައެވެ. އެހެނީ ހުކުރު ދުވަހަކީ ހުރިހާ މަސްވެރިންވެސް ރަށުގައި ތިބޭ ދުވަހެކެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކުވެސް ބައްޕަ އަހަރެން ގޮވައިގެން މޫދަށް ގޮސް ހަދައެވެ. މޫދަށް އެރުމުގެ ކުރިން ވަލަށްގޮސް ކަށިކެޔޮ ފަތުން ދޯނި ހެދުމާއި، ފަނުން ބަށި ވިއުން ފަދަ އަތްތެރި މަސައްކަތުގެ ހުނަރު ދަސްކޮށްދެއެވެ. އަދި އަތިރިމައްޗަށް ގޮސް ގޮނޑުދޮށުގެ ތެތްވެލި ބޭނުންކޮށްގެން ގެ ހަދަންވެސް ދަސްކޮށްދެއެވެ. މައިގަޑު ގޮތެއްގައި މިފަދަ ހުނަރަކީ އޭރުގައި ފިރިހެންކުދިންނަށް ޚާއްޞަ ހުނަރުތަކެވެ. އެހެންނަމަވެސް އަހަރެންގެ ބައްޕަގެ ވިސްނުން ތަފާތެވެ. ބައްޕަ ޤަބޫލުކުރާ ގޮތުގައި އެއްވެސް ހުނަރެއް ނުވަތަ މަސައްކަތްތެރި ކަމެއް ވަކި ޖިންސަކަށް ޚާއްޞަވާކަށް ލާޒިމެއް ނޫނެވެ. ކެރުމާއި ހިތްވަރު ހުރިއްޔާ، ކޮންމެ މީހަކަށްވެސް ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް ކުރާ މަސައްކަތުގައި އިހުލާސްތެރިކަން ހުންނަން ވާނެއެވެ. އެގޮތުގެ މަތިން ޖުމުލަކޮށް ބަލާނަމަ އަހަރެންގެ ޅަފަތުގެ ދުވަސްވަރު ހޭދަކުރީ ވަރަށް ހިތްހަމަ ޖެހުމާއި އުފަލުގައެވެ. އެދުވަސްވަރަކީ މާމަތީ ތަޢުލީމެއް ރާއްޖެތެރޭގެ އެއްވެސް ރަށަކުން ލިބެއް އޮތް ދުވަސްވަރެއް ނޫނެވެ. އަހަރުމެންގެ ރަށުގައިވެސް ޤުރުޢާން ޚަތިމު ކުރުމާއި ނަމާދުކުރަން ދަސްކޮށް ދިނުމުގެ އިތުރުން އޮންނަނީ، ދިވެހިބަސް ކިޔަވައިދިނުމާއި، ހިސާބުން އެއްކޮށް ކަނޑާ ގުނަކުރަން ދަސްކޮށް ދިނުމެވެ. އޭގެ އިތުރުން ނަވަތަ ދަސްކުރުމާއި، އަރަބިތާނަ ރީތިކޮން ލިޔަން ދަސްކޮށްދިނުމެވެ. މިކަންކަމުން ރަނގަޅަށް ފާސްވެއްޖެނަމަ އެހުރީ އެންމެ މަތީ ތަޢުލީމު ޙާޞިލު ކުރެވިފައެވެ. އެއަށްފަހު ފިރިހެން ކުދިން ދާނީ މަހަށްފަރަށެވެ. އަންހެން ކުއްޖެއް ވިއްޔާ ޢުމުރުން ފަނަރަވަރަކަށް އަހަރު ފުރޭއިރަށް ޒަވާޖީ ޙަޔާތެއް ފަށަން ޖެހޭނެއެވެ. އެހެންނޫންނަމަ އެއީ އިންނާނެ މީހަކު ނުވެފަހުރި އަންހެކެވެ. އަންހެން ކުދިންގެ އުމުރުން ނުވައެއް ދިހައެއް، އަހަރަށް އަޅާލުމުން ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ދަސްކުރަން ޖެހެއެވެ. އެގޮތުގެ މަތިން އަހަރެންވެސް ގޭތެރޭގައި އަންހެނުން ކުރާ ހުރިހާ މަސައްކަތެއްވެސް ދަސްކުރީމެވެ. ރަށުގެ އާދަކާދައިގެ މަތިން އަހަރެންވެސް ކައިވެނީގެ އުމުރަށް އެޅުމުން ކައިވެނި ކުރީމެވެ. އޭރު އަހަރެންގެ ޢުމުރަކީ ފަނަރަ އަހަރެވެ. ކަންދިމާކުރި ގޮތުން އަހަރެންގެ މައިންބަފައިންނެކޭ އެއްގޮތަށް، އަހަރެންވެސް

ކައިވެނި ކުރީ ރަށުގެ މީހަކާއެވެ. އޭނާއަކީ އަހަރެންނާއި ދެވަނަ ދަރިކޮޅުން ދެބެންގެ ދެދަރި މީހެކެވެ. މަންމަ ފަރާތުންނެވެ. އޭނާގެ ނަމަކީ މުޙައްމަދު އިބްރާހީމެވެ. ޢާންމު ނަމަކަށް ކިޔަނީ މުހައްމަދުފުޅެވެ. އަހަރެންނާއި ކައިވެނި ކުރިއިރު އޭނާގެ އުމުރަކީ، ވިހި އަހަރެވެ. އަހަރެންނަށްވުރެ،ފަސްއަހަރު ދޮށްޓެވެ.

އަހަރުމެންގެ ޒަވާޖީ ޙަޔާތް ހޭދަކުރީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމުގައެވެ. އެކަކު އަނެކަށް އިތުބާރު ކުރީމެވެ. ކުރިމަތިވާ ކޮންމެ ތަކުލީފަކަށްވެސް ކުރިމަތިލީ ގުޅިގެންނެވެ. އެހެނަސް އަހަރުމެންގެ ޙަޔާތުގައިވެސް އުނިކަމެއް އޮތެވެ. އަހަރުމެންގެ ކައިވެނީގެ ފަސްއަހަރު ފާއިތުވެގެން ދިޔައިރުވެސް ދަރިޔަކު ނުލިބެއެވެ. އެޒަމާނުގެ ބޭކެނބިދައިތައިންގެ ކައިރިން އެތައް ބޭސްފަރުވާއެއް ކުރީމެވެ. އެހެންނަމަވެސް ލިބެންނެތް ނިޢުމަތެއް ނުލިބޭނެތާއެވެ. ކައިވެންޏަށް އެހާ ދުވަސް ވީއިރުވެސް ދަރިޔަކު ނުލިބުމުން، ރަށުގެ މީހުން އެކަމުގެ ޒިންމާ އަޅުވަމުން ގެންދިޔައީ އަހަރެންގެ ބޮލުގައެވެ. އަހަރެންނަކީ ދަރިން ނުލިބޭ މީހެއް ކަމަށްވެސް ބުނަމުން ގެންދިޔައެވެ. އަދި އަހަރެން ވަރިކޮށްފަ އެހެން މީހަކާ ކައިވެނި ކުރުމަށް މުހައްމަދުފުޅަށް ނަސޭހަތްތެރި ވަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރުމެން ދެމީހުން އެކަކު އަނެކަކު ދެކެ ވީ ޙަޤީޤީ ލޯތްބެވެ. އެލޯތްބަށްޓަކާވެސް މުހައްމަދުފުޅު އަހަރެން ދޫކޮށްނުލާނެ ކަމުގެ ޔަޤިންކަން އަބަދުވެސް އަހަރެންނަށް އޮތެވެ. ކަންވީވެސް އެހެންނެވެ. މުހައްމަދުފުޅު ބުނަމުން ގެންދިޔައީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ނަފީސާ ދޫކޮށްނުލާނެ ކަމަށެވެ. ﷲ އިރާދަ ކުރެއްވިއްޔާ ލިބެންހުރި ދަރިޔަކު ދެއްވާނެއެވެ. އެކަން އެހެން ނުވާނީ، އޭގެ ފަހަތުގައިވެސް ކޮންމެވެސް ޙިކުމަތެއް އޮތީމައެވެ.

މުހައްމަދުފުޅު ޢާމްދަނީ ހޯދަން ކޮށްއުޅުނު މަސައްކަތަކީ ރާއެރުމެވެ. އޭނާ ބާލައިގެން ގެންނަ ރާ ކެއްކުން އެއީ އަހަރެންގެ ޒިންމާއެކެވެ. ދެމަފިރިން ގުޅިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ގެންދިޔައީމެވެ. ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ އުފަލާއި ހިތްހަމަ ޖެހުމާއި އެކުގައެވެ. އެހެންނަމަވެސް އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލީ ދިމާވި ނުރައްކާތެރި ޙާދިސާއަކުންނެވެ. އެއްދުވަހެއްގެ ހެނދުނު ސައިކައްކާ ނިންމާފަ އަހަރެން އޮތީ ގޭދޮށުގައި މަގުމަތި ކުނިކަހާށެވެ. އިރުކޮޅަކުން އަހަރެންނަށް އިވުނީ، ނަފީސާއޭ ކިޔާފައި ވަރަށް ބާރަށް މީހަކު ގޮވާލި އަޑެވެ. އަހަރެން ކުއްލިޔަކަށް އަޑުއައި ދިމާއަށް ބަލައިލީމެވެ. އަހަރެންނަށް ފެނުނީ، ފަތްޖެހި އެނދަކަށް ލައިގެން ހަތަރު ފިރިހެނުންގެ ކޮނޑުމަތީގައި ކޮންމެވެސް މީހަކު ގެންނަ މަންޒަރަވެ. އޭގެ ކުރިއަށް ބާރު ދުވެއްޔެއްގައި ދުވެފައި މީހަކު އައިސް އަހަރެންނަށް އެދިނީ، އަހަރެންގެ މުޅި ދިރިއުޅުން ބަނަވެގެން ދިޔަ ޚަބަރެކެވެ. އާނއެކެވެ. ފަތްޖެހި އެނދުގައި ބާއްވާފައި އޮތީ ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ފިރި މުހައްމަދުފުޅެވެ. އޭނާ ރުކުގައި އޮއްވާ، ރުކުން ފަނެއް ނައްޓާލައިގެން މުހައްމަދުފުޅު ކައްސާލައިގެން ބިންމައްޗަށް ވެއްޓުނީއެވެ. އެޚަބަރު ލިބުމާއިއެކު އަހަރެންގެ މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީއެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *