އަށާރަ އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން ލިބޭ މަޝްރޫޢު މިއަހަރު ފަށަނީ

މުހައްމަދު އަލީ
މެއި 31, 2025

މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އަމާޒަށް ވާސިލް ވުމަށް އަށާރަ އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް ”ފުރަތަމަ ގެ“ ނުވަތަ ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް ވިދާޅުވިއެވެ.

އަށާރަ އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް ”ފުރަތަމަ ގެ“ ނުވަތަ ”ފަސްޓް ހޯމް“ ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެވައުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލް ވިދާޅުވިއެވެ. މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ބޭއިންސާފުން ކުރީގެ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވާކަމަށް އިޝާރާތްކުރައްވަވައި، ނޫސްވެރިޔާ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފްލެޓް ގެއްލުނު ފަރާތްތަކަށް، މިސަރުކާރުގެ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ހަވާލުކުރެވޭނެއެވެ. މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *