ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުމެ ވަޑައިގެން ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލައިފި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ސިޔާސަތު މިހާރުވަނީ ފޭލިވެ ފާލުން ނެއްޓިފައި ކަމަށެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގާބިލްކަމެއްވެސް މިސަރުކާރުގައި ނެތްކަމަށް ވިދާޅުވެފައިވެއެވެ. މިހާލަތުގައި ސަރުކާރުން ނުކުމެ ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
”މިއަދު ރާއްޖޭގެ އިގްތިސާދީ/މާލީ ސިޔާސަތު ފެއިލްވެ ފާލުން ނެއްޓި، އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގާބިލްކަމެއް މިސަރުކާރުގަ ނެތުމުން، ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް،“ ކުރީގެ މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިސަރުކާރުން ވަނީ ”ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައި،“ ކަމަށްވެސް އަމީރު ވަނީ ވިދާޅުވިއެވެ. އޭގެ އިތުރުން ލޯނު ލިބުންވަނީ ދަތިވެފައި ކަމަށާއި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މަތިވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
”ސަރުކާރުގެ އަމަލުތަކުން އެނގިގެންދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއްވެސް ނެތްކަން. 2024 ވަނައަހަރުގެ އުފެއްދުންތެރިކަމުގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުން އުފެއްދުންތެރިކަމަށް ’ކޮންޓްރިބިއުޓް‘ ކޮށްފަ ހުރީ 8.6 އިން ސައްތަ. (ޖުމްލަ 101 ބިލިއަން ތެރެއިން 8.8 ބިލިއަން ރުފިޔާ). އެހެންކަމުން ގައުމީ އުފެއްދުންތެރިކަމުގެ 91.4 އިން ސައްތަ ’ވެލިއު އެޑް‘ ކުރަނީ ސީދާ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުން. ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން. އަދި އޭގެ ބަދަލުގައި ސަރުކާރުން މިހާރު ކުރަމުންދާ އިސްރާފަށް ޖާގަދިނުން. ސަރުކާރުގެ ޚަރަދު ކުޑަކުރުމެއް ނެތި، ސިޔާސީ މުވައްޒަފުން ހައްދެއް ނެތި އިތުރުކުރަމުން، ވިޔަފާރިވެރިންނާއި މިގޮތަށް ސަރުކާރުން ޖައްސާލުމަކީ އިގްތިސާދަށް މި ސަރުކާރުން ގަސްތުގައި ދޭ ވަރަށް ބޮޑު ގެއްލުމެއް. އިޤްތިސާދުގެ އުފެއްދުންތެރިކަން ފަނާކުރަނިވި ކަމެއް،“ އަމީރު ވިދާޅުވެފައިވެއެވެ.
އަމީރު މިހެންވިދާޅުވީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވުމުންނެވެ. ”އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ،“ ރައީސް ވިދާޅުވެފައިވެއެވެ.