އަމިއްލަ މުއްސަނދިކަން ހޯދުމުގައި ޓްރަމްޕް

އިބްރާހީމްް ސަމީރު
ޖޫން 17, 2025

އެމެރިކާގެ ރައީސް ޓްރަމްޕްގެ އާއިލީ ވިޔަފާރި ކުންފުނިން ބޭރުގައި ކުރަމުންދާ އިންވެސްޓްމެންޓްތަކުގައި އިންޑިއާގެ ޕާޓްނަރަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ އެވެ.

ޓްރަމްޕްގެ އާއިލާއިން ދަނީ މުށްޖަހައި ބޭރު ގައުމުތަކުން ވިޔަފާރި ޑީލްތައް ހޯދަމުންނެވެ.

ރައީސް ޓްރަމްޕްގެ މާލީ ހާމަކުރުންތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ޓްރަމްޕް އައުލާދުން ހިންގާ ކުންފުނި ޓްރަމްޕް އޯގަނައިޒޭޝަނަށް ބޭރު ޤައުމުތަކުގައި ލައިސަންސް ދިނުމާއި އެނަމުގައި ތަންތަން ތަރައްގީކުރުމުގެ ފީގެ ގޮތުގައި 44.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 8 މިލިއަނަށް ވުރެން އެތައް ގުނަ ބޮޑު އަދަދެކެވެ.

މި އާމްދަނީ މައިގަނޑު ގޮތެއްގައި ލިބިފައިވަނީ ވިއެޓްނާމް، ދުބާއީ، ސަޢޫދީ ޢަރަބިއްޔާ އަދި އިންޑިއާގައި ހިންގާ ޓްރަމްޕް ބްރޭންޑްގެ މަޝްރޫޢުތަކުންނެވެ.

މުންބާއީގައި ހިންގާ ޓްރަމްޕް މަޝްރޫޢަކަށް މުކޭޝް އަމްބާނީގެ ވިޔަފާރި ޔުނިޓެއް ކަމަށްވާ ރިލަޔަންސް 4އައިއާރު ރިއަލްޓީ ޑިވެލޮޕްމަންޓުން ވަނީ 10 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައެވެ. އިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ އަމްބާނީ ވަނީ ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ފައިސާ ދީގެން ބައިވެރިވެފައެވެ. އަދި 2025 ގައި ޤަޠަރުގައި ތްރަމްޕް ކުރި ޒިޔާރަތުގައި ބޭއްވި ދައުލަތުގެ ޖާފަތުގައިވެސް ބައިވެރިވެފައެވެ.

ޓްރަމްޕް ޢާއިލާއިން، ޚާއްޞަކޮށް ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ އަދި އެރިކް ޓްރަމްޕްގެ ބެލުމުގެ ދަށުން، މި ދައުރުގައި ބޮޑެތި ޑީލްތައް ހޯދައި ވިޔަފާރި ކުރަން ފަށާފައި ވެއެވެ.

ޤަޠަރު، ސާބިއާ އަދި އިންޑިއާގައި ފަށާފައިވާ އައު މަޝްރޫޢުތަކުން ދައްކުވައިދެނީ ރިއަލް އެސްޓޭޓް، ގޯލްފް އަދި އެހެނިހެން ދާއިރާތަކުގައި އެ ޢާއިލާ ނުފޫޒު ފުޅާވެ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަށް ވުމަށް މިސްރާބު ޖަހާފައިވާ ތަނެވެ.

ސައުދީ އަރަބިއްޔާ، އޮމާން، އަދި ދުބާއީގެ މަޝްރޫއުތަކަށް ސައުދީ ޑިވެލޮޕަރު ދާރުލްއަރްކާން އިން 22 މިލިއަން ޑޮލަރު ދީފައިވެއެވެ.

ވިއެޓްނާމް އަދި ދުބާއީގެ ޑިވެލޮޕަރުން ވަނީ 5.2 މިލިއަން ޑޮލަރު ދީފަ އެވެ.

ޓްރަމްޕްގެ ދެވަނަ ދައުރުގައި ކޮރަޕްޝަނާއި މަސްލަހަތު ފުށުއެރުންތަކުގެ ތުހުމަތުތައް ސުރުޚީތަކަށް އަރަން ފަށައިފިއެވެ. ސަރުކާރުގެ ސުލޫކީ މައްސަލަތަކަށް ފާރަވެރިވާ ވަކީލު ކެތްލީން ކްލާކް ފަދަ ފާޑުކިޔާ ފަރާތްތަކުން ވަނީ މިހާރު ފާޅުގައި މަސްލަހަތު ފުށުއަރާ ކަންކަން ކޮށް، އެމެރިކާ ސަރުކާރުން ”އެމެރިކާ ލޫޓުވާލާ“ ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ މާޗް 11 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ސިޔާސީ ޖަމާއަތްތަކަށް 100 މިލިއަން ޑޮލަރު ހޭދަ ކުރި ސީއީއޯ އެލޮން މާސްކްއާ އެކު ޓެސްލާގެ އައު މޮޑަލެއް ވައިޓްހައުސްގެ ގޯތި ތެރޭގައި ތައާރަފް ކުރައްވާފައެވެ.

އޭގެ ދުވަސްތަކެއް ފަހުން ޓެސްލާގެ ކުންފުނީގައި ހިއްސާ ގަނެފައިވާ އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ފޮކްސް ނިއުސްގައި ޓެސްލާގެ މޮޅު ވާހަކަ ދައްކަވައި ބެލުންތެރިންނަށް ”ޓެސްލާ ގަތުމަށް“ ހިތްވަރު ދެއްވާފައެވެ. ވިޔަފާރިއާ ބެހޭ ވަޒީރު ހަވާޑް ލުޓްނިކް އަކީ މަސްކްގެ ސްޕޭސްއެކްސް އަދި ސްޓާލިންކް ވިޔަފާރިތައް ގަވާއިދަށް ފެއްތުމުގެ ޒިންމާ އޮންނަ ފަރާތްވެސް މެއެވެ. އަދި އޭނާއަކީ މަސްކުގެ ކުންފުނިތަކުގައި 300 މިލިއަން ޑޮލަރުގެ ހިއްސާދާރެއްވެސް މެއެވެ.

ސަރުކާރުގެ 42.5 ބިލިއަން ޑޮލަރުގެ ބްރޯޑްބޭންޑް ޕްރޮގްރާމެއްގެ ބަދަލުގައި ސެޓެލައިޓް އިންޓަނެޓް ބޭނުން ކުރުމަށް ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ހަމަޖައްސަވާފައެވެ. އޭނާ ވަނީ މަސްކްގެ ސްޓާލިންކަށް 10-20 ބިލިއަން ޑޮލަރު ގެ ވިޔަފާރި ހޯދައި ދީފައެވެ.

ޓްރަމްޕް ވަނީ ގަތަރުން 400 މިލިއަން ޑޮލަރުގެ ލަގްޒަރީ ޖެޓެއް، އެއާފޯސް ވަންގެ ބަދަލުގައި ބޭނުން ކުރުމަށް ހިލޭ ހޯއްދަވާފައެވެ.

ފާޑުކިޔުންތެރިން ބުނެފައި ވަނީ ކޮންގްރެސްގެ ރުހުމާ ނުލައި ރައީސުންނަށް ބޭރުގެ ގައުމުތަކުން ހަދިޔާތައް ބަލައިގަތުން ގަނޫނުއަސާސީން މަނާ ކަމަށެވެ. ”އުޑުމަތީގައި ގަނޑުވަރެއް“ ގެ ނަމުން ނަންދީފައިވާ މި މިޖެޓް ހޯއްދެވުމުގައި ޓްރަމްޕް ގާނޫނު ބޮލާލައި ޖެއްސެވިއެވެ.

ޓްރަމްޕްގެ އައުލާދުން ކަމަށްވާ އެރިކް އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ވަނީ އިއްޔެ ”ޓްރަމްޕް މޯބައިލް“ ތައާރަފްކޮށްފައެވެ. މިއީ އަންލިމިޓެޑް ޓޯކް، ޓެކްސްޓް އަދި ޑޭޓާ ހިމެނޭ ގޮތަށް 47.45 ޑޮލަރަށް ހުށަހަޅާ ފޯން ޕެކޭޖެކެވެ.

ޓްރަމްޕް އޮގަނައިޒޭޝަން އިން ވަނީ މިކަމަށް ލައިސަންސް ނަގާފައެވެ.

އެކުންފުނިން އޮގަސްޓް މަހު އެމެރިކާގައި އުފައްދާފައިވާ ޓީ1 ސްމާޓްފޯން 499 ޑޮލަރަށް ވިއްކަން ފަށާނެއެވެ. އެރިކް ޓްރަމްޕް ބުނެފައި ވަނީ މިއިން އެމެރިކާގެ ވަޒީފާތަކަށް ދިރުމެއް ލިބޭނެ ކަމަށެވެ.

ޓްރަމްޕް އާއިލާގެ ވިޔަފާރީގެ ނުފޫޒު ފުޅާވެފައިވަނީ ކްރިޕްޓޯކަރަންސީ އާއި ރިއަލް އެސްޓޭޓް ގެ ދާއިރާއަށެވެ.

ޓްރަމްޕާއި އޭނާގެ އައުލާދުން ވޯލްޑް ލިބަޓީ ފައިނޭންޝަލް މެދުވެރިކޮށް މީމް ކޮއިން ($ޓްރަމްޕް، $މެލާނިއާ) އާއި ސްޓޭބަލްކޮއިން ލޯންޗުކޮށްފައި ވެއެވެ. ޓްރަމްޕް ވަނީ ބިޓްކޮއިންގެ ގަވާއިދުތަކަށް ލުޔެއް ދީފައެވެ.

ޗައިނާއަށް އުފަން ޖަސްޓިން ސަން އާއި ޔޫއޭއީގެ ވެރިންނާ ގުޅުން ހުރި އެމްޖީއެކްސް ފަދަ ބޭރުގެ އިންވެސްޓަރުން ވަނީ ޓްރަމްޕްގެ ކްރިޕްޓޯ ގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އެރިކް ޓްރަމްޕް ވަނީ އެމެރިކާގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓް ކުރުމަށް ޓްރަމްޕް މެދުއިރުމައްޗަށް ވަޑައިގަތުމުގެ ކުރިން ގަތަރުގައި ޓްރަމްޕް ބްރޭންޑްގެ ރިސޯޓެއް ހެދުމަށް ފަސް ބިލިއަން ޑޮލަރުގެ ޑީލެއް ޤަތަރު ސަރުކާރާ ގުޅިގެން ހޯދާފައެވެ. ކޮރަޕްޝަންގެ ކަންބޮޑުވުންތައް ޓްރަމްޕްގެ ކެބިނެޓާ ހަމައަށް ވެސް ފޯރައެވެ. ބައެއް މަސްއޫލުވެރިން ވަނީ އެފަރާތްތަކުން ކުރިން ކުރަމުން އައި ވިޔަފާރިތައް ދަރިންގެ ނަމަށް ބަދަލުކޮށްފައެވެ.

ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވުމަށް 5 މިލިއަން ޑޮލަރު ދެއްކުމުން އެކަން ހަމަޖެހެއެވެ.

ޓްރަމްޕްގެ ހުވައި ކުރި ޖަލްސާ ބާއްވަން ފައިސާ ދިން މީހުންނަށް ސަރުކާރުގެ މަގާމުތައް ދެއެވެ. އެޖަލްސާއަށް 239 މިލިއަން ޑޮލަރު ޚަރަދު ވިއެވެ.

ފޑުކިޔުންތެރިން ބުނަނީ މިފަދަ ކަންކަމުން ޓްރަމްޕަށް ވޯޓު ދިން 77 މިލިއަން މީހުންގެ މެދުގައި އޭނާގެ އިތުބާރު ގެއްލިގެން ހިނގައި ދާނެ ކަމަށެވެ.

ވައިޓް ހައުސްއިން ޓްރަމްޕް ދިފާއުކޮށް ދެއެވެ. ބުނަނީ މައްސަލަތަކުގައި ފުށުއެރުންތަކެއް ނެތް ކަމަށާއި ރައީސް ޓްރަމްޕްގެ އެސެޓްތައް ހުރީ ދަރިން ބަލަހައްޓާ އަމާނާތެއްގެ ގޮތުގައ ކަމަށާއި ޓްރަމްޕް ފޯކަސް ކުރައްވަނީ އެމެރިކާގެ އާންމުންގެ މަސްލަހަތަށް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *