އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް: ފޮޓޯ އެމްޑީޕީ

މިޑީއާގައި ތަޅުއެޅުވުމަށްކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ފައްޔާޒު

ޟަމްރަތު އަހްމަދު
އޯގަސްޓް 24, 2025

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށާއި، އެކަމަށް މިސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް ވެރިޔަކު މިކަން ކުރައްވަން މަސައްކަތް ކުރެއްވިކަމަށެވެ. އެފަހަރުވެސް ކާމިޔާބެއް ނުވި ކަމަށާއި، ”އިރާދުކުރެވިއްޔާ މިފަހަރު ވެސް ކާމިޔާބެއް ނުވާނެ،“ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށެވެ. ”ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް. ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއްނޫން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނާނޭ ކަމަށެވެ.

 

 

މި ލިޔުމާ ގުޅޭ