ޑިސެމްބަރ 23, 2024 17:50

ގައުމިއްޔަތުގެ މޫސުމް

ޟަމްރަތު އަހްމަދު
ސެޕްޓެމްބަރ 13, 2024

”ހިރި ނޫސް“ މައުޖޫދުވެގެން މިއަންނަނީ ގައުމިއްޔަތުގެ މޫސުމެއްގެ ތެރެއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ގައުމިއްޔަތުގެ ސިޔާސަތާ ގުޅިގެން ގައުމިއްޔަތުގެ އަޑު ގަދަވަމުން އަންނަ ވަގުތެއްގައެވެ. މި މޫސުމުގައި އެކި މާނައިގައި އެކި މަގުސަދުގައި ނަމަވެސް ގައުމިއްޔަތުގެ ވާހަކަ ގިނަގިނައިން އެބަ ދެކެވެއެވެ. ބަހުސްތައް އެބަ ކުރެވެއެވެ.

އެންމެ ވައިގައި ހިފައިފައިވާ ވާހަކައަކީ ގައުމިއްޔަތަކީ ކޮބައިކަން ކަނޑައެޅުމެވެ. އެކި މީހުން ގައުމިއްޔަތު ތައާރަފު ކުރަނީ އެކި މާނައިގައެވެ. އެއްބައެއްގެ މާނަ އަނެއް ބަޔަކަށް ކަމުދާކަމަކަށެއް ނުފެނެއެވެ. ނަމަވެސް މިއިން އެއްވެސް މާނައެއް މުޅީން ނުބައެކޭ ނުބުނެވޭނެއެވެ. ސަބަބަކީ ގައުމިއްޔަތަކީ ބޭރުން މުޑުވައް ގެނެސްގެން އިންދާ އެއްޗަކަށް ނުވާކަމެވެ. އެއީ ގައުމެއްގެ ހިތާއި ސިކުނޑީގައި އަށަގަންނަ އެއްޗަކަށްވާކަމެވެ. މި ހަގީގަތް މިގޮތުގައި އޮންނާތީ މާޒީގެ ގަބޫލުކުރުންތަކާއި، ދިގު ޒަމާންތަކެއް ވަންދެން އެއްބަސްވެގެން ތިބި ކަންތައްތައް ނުލައި ގައުމިއްޔަތެއް ވަށައިޖެހިދާނޭކަމަށް ގަބޫލު ނުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ގައުމިއްޔަތުގެ މާނަ ކޮންމެ ގޮތަކަށް ކުރިކަމުގައި ވިޔަސް އޭގެ އަސާސީ މައުދަނަކީ ހިތާއި ސިކުނޑީގައި އަށަގަންނަ ސުލޫކީ ތަރުބިއްޔަތެކެވެ. އެހެންކަމުން ގައުމިއްޔަތު އޮންނާން ޖެހެނީ ހޮޅުއައްޓަކު ނޫނެވެ. އޭގެ ތަންމައްޗަކީ ފަރުދުންގެ ހިތާއި ސިކުނޑިއެވެ. ކަރުދާހަކު ނޫނެވެ.

ފަރުދުންގެ ހިތުގައި އަށަގަނެ ލޭގެ ވިންދާ އެކުވެ އީމާނާ އެކުވެފައިވާ ހޫނު ގައުމިއްޔަތެއް އިއުލާން ކުރަނީ އެބައެއްގެ އަދަބިއްޔާތުންނެވެ. ނަމަވެސް އަދު ހާލަކީ ކޮބައިތޯއެވެ. ގައުމިއްޔަތުގެ އޮޑި ކަޅިން ވަންނަނީއެވެ. އަދަބިއްޔާތުގެ އޮޑި ގާދޫކޮލުން ނުކުންނަނީއެވެ.

ގާނޫނުއަސާސީގައި ބުނަނީ ދިވެހިންގެ ބަސްކަމުގައެވެ. އަހުރެމެން ބުނެ ނަގަނީ ދައުލަތް ހިންގަނީ ދިވެހިބަހުން ކަމުގައެވެ. މި ހަގީގަތުގެ ހަގީގަތް މިއަދު އޮތީ ކޮންތާކުތޯއެވެ؟

މި ރާއްޖޭގައި އިނގިރޭސި ބަހާއި އަރަބި ބަހުން ތައުލީމު ދެއެވެ. ނަމަވެސް ދިވެހިބަހުން ތައުލީމުދިނުމެއް ވެސް އޭގެ ފިކުރެއް ވެސް ނެތެވެ. އަލުން ގައުމިއްޔަތު އިއާދަކުރި ގައުމުތަކާއި އޮއި ބާރު ދުނިޔޭގައި ގައުމިއްޔަތު ނެގެހެއްޓި ގައުމުތަކުން އެމީހުންގެ ދަރިންނަށް އަމިއްލަ ބަހުން ތައުލީމުދެއެވެ.

ދިވެހި މުގައްރަރުތަކުން ދިވެހިކަން ކެނޑިއްޖެއެވެ. ދަރިވަރުންނަށް އޮތީ ބިދޭސީ ތޮށިގަނޑެއްގެ ތެރޭގައި އޮތް ލަފުޒުކޮޅެކެވެ.

ދިވެހި ފޮތްތަކުން ދިވެހިވަންތަކަމާއި ދިވެހި ލެޖެންޑުންނާއި ދިވެހި މާސްޓަރ ޕީސްތައް ގެއްލިއްޖެއެވެ. މުގައްރަރުގައި އޮތް އަދަބިއްޔާތުގެ އުންސުރު ވެސް އެންމެ ފަހުން އެއިން ވަކިވެގެން ދިޔައީއެވެ.

ބަޔާންވެ ދިޔަ ހަގީގަތް އެހެން އޮތުމަކީ ގައުމިއްޔަތުގެ ވާހަކަ ދައްކަންޖެހޭ ސަބަބެވެ. އަޑުގަދަކޮށް ގިނަގިނައިން ދައްކަންޖެހޭ ސަބަބެވެ. ގައުމިއްޔަތުގެ ސިޔާސަތަށް ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން ވެސް ގަބޫލުކުރާ ކަމަކީ ގައުމުގެ ވާހަކަ މާގިނައިން ވެސް ދައްކަން ޖެހިފައިވާކަމެވެ. ގައުމިއްޔަތުގެ ވާހަކަ ދައްކަންޖެހިފައިވާކަމެވެ. އަދާ ހަމައަށް އައީ މި ވާހަކަތައް ދައްކަމުންނެވެ. ނުކުރެވި އޮތީ ކަމެވެ.

މިއަދުގެ ތަފާތަކީ ސިޔާދަތާއި ބާރުވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މިކަމުގައި އިސްނެންގެވުމެވެ. ނަތީޖާ ކަނޑައެޅިފައިވާ ސިޔާސަތެއް ތަންފީޒުކުރެއްވުމަށް ފެށްޓެވުމެވެ. މިއީ ހެޔޮ ފާލެކެވެ. ތަރުހީބުދީ ބައިވެރިވާންޖެހޭ ކަމެކެވެ. އަދި ކިއެއްތަ، މިކަމުގައި ލިބޭނޭ ފަހު ފުރުސަތެވެ. ގާދޫކޮލުން ނުކުތް އޮޑި ކަނޑު ފެތިއްޖެނަމަ އެހިސާބުން އެ ނިމުނީއެވެ.

އަންނަން އޮތީ މާދަމާއެވެ. ދިވެހިބަހުން ވާހަކަދައްކަން ހުންނާނީ ކާކުހެއްޔެވެ؟ ދިވެހިބަހުން ޝަރީޢަތް ކުރޭވަރަށް ބަސްދަންނާނީ ކިތައް ފަނޑިޔާރުން ހެއްޔެވެ؟ ދައުލަތް ހިންގުމުގައި މިހާރު ވެސް ފެންނަނީ ހުސް ކަށި ދިވެއްސެވެ. ބަހުގެ ވާހަކަ ދައްކާ މީހުންނަކީ އެވާހަކަ ނޫން އެއްޗެއް ނުދަންނަ ޖާހިލު ބައެއްކަމުގެ މަރުކާ ޖެހިއްޖެއެވެ.

މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މާނައަކީ ގައުމިއްޔަތު ދިރުވުމުގައި ގިރާކުރަން ޖެހިފައިވާ ހުރަސްތަކުގެ އުސްކަމެވެ. ދައްޗާއި ތުރާތައް ގިނަކަމެވެ. ހިތުގެ އަޑީން މީގައި ބައިވެރިވާން ތިބޭނޭ މީހުންގެ މަދުކަމެވެ.

މި ކަންކަމަކީ ގައުމިއްޔަތުގެ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ހުރި ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. މި ހާލަތަށް ވެއްޓިފައިވާ ތަނެއްގައި ގައުމިއްޔަތުގެ ސިޔާސަތު ތަންފީޒުކުރެވޭ މަރުހަލާގައި ހުންނާނޭ ދަތިތައް ވަކިން ގިނަވާނެއެވެ. މިކަން ކުރަން އިސްނަގާ މީހުންނަށް އާޑަފުރައްސާރަ ކުރެވޭނޭކަމެވެ. އެހެންކަމުން ގައުމިއްޔަތުގެ ސިޔާސަތު ތަންފީޒުކުރުމަކީ ބުރަ ބޮޑު ބަރު މަސައްކަތެވެ. ގޮންޖެހުންތައް ގިނަ މަސައްކަތަކަށެވެ. ވަގުތު ހޭދަވާނޭ މަސައްކަތަކަށެވެ.

މި ލިޔުމާ ގުޅޭ