ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑީޕީ ސަރުކާރުން ހިންގަމުންގެންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހުއްޓުވާލާފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެގޮތުން ފ.ފީއަލީގައި އެމްޑީޕީ ސަރުކާރުން ފެށި ހޮސްޕިޓަލުގެ މަސައްކަތް ބާރު ދުވެލީގައި ލިންޓެލް އާއި، ފައުންޑޭޝަން އަޅައި، ދެވަނަ ޝީޓު އެޅުމަށް ތަނބު ޖަހައި، ޝީޓު ތައްޔާރުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ދެވަނަ ޝީޓް އަޅަން ތައްޔާރުކޮށްފައިވާ ތަކެތި ރޫޅާލައިގެން ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”ޖަހާފައިވާ ތަބުތައް ފީވެ ދަނގަޑުތައް ދަބަރަށްވެ، ކޮށްފައްފައިވާ އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް ބޭކާރުކޮށްލާ، ރައްޔިތުން ރަށުން ލިބުމަށް އެދުނު ސިއްޚީ ޚިދުމަތުގެ އުއްމީދު މި ސަރުކާރުން މިވަނީ އޮޔާލާފައި. ރައްޔިތުންތަކެއް މާޔޫސް ކޮށްލާފައި،“ ޝާހިދު ވިދާޅުވެފައިވެއެވެ.






