ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯކުރަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންވިދާޅުވީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދު ޓޯކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
އުޅަނދު ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 16ވަނަ ދުވަހު އެކަނިވެސް 200އަށްވުރެ ގިނަ އުޅަނދު ފުލުހުން ނަގާފައިވެއެވެ.
މާލޭ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްތަކަށް ބޭނުންނުކޮށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އެ ދުވަހު ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 208 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 168 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރުފޮރޮޅުލީ އުޅަނދެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ސައިކަލް ޕާކްކުރުމަށްޓަކައި ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ އެދިވަޑައިގެންފައެވެ.
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.






