ދުނިޔެއިން އިންސާނާއަށް ސިޓީއެއް!

މަރިޔަމް ލީނާ
ސެޕްޓެމްބަރ 14, 2024

މިއީ ތިބާ އުޅެމުން ތިޔަދާ ދުނިޔޭގެ އަޑެވެ. މި އަޑުއަހާށެވެ. އަމަލު ކުރާށެވެ. އަހަރެންގެ ބުރިކަށި މަތީގައި އުޅެމުންތިޔަ ދަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ. ތާހިރު ކުރުމެއްނެތިއެވެ. އެއްވެސް ލޯތްބެއް ކުލުނެއްނެތިއެވެ. އޭގެ ސަބަބުން އަހަރެންގެ ހުރިހާ އުންމީދެއް ވިއްސިވިހާލި ވެއްޖެއެވެ. އެހެންވެ އިތުރު އުންމީދެއް ލިބޭތޯ މިސިޓީ ލިޔުނީއެވެ.

ތިބާ މަގުމައްޗަށް ނުކުމެ ހިނގާބިނގާ އުޅެމުއެވެ. ހީހީފައި ސަކަރާތް ޖަހަމުއެވެ. ފެންނަ ފިހާރައަކަށް ނުވަތަ ރެސްޓޯރެންޓަކަށްވަދެ ސުޕާރީ، ނުވަތަ ކޮންމެވެސް ޒާތެއްގެ ޕެކެޓެއް، ނުވަތަ ދަޅެއް ގަންނަމުއެވެ. އެ ކައި، ބޮއި ހުސްކުރުމަށްފަހު އެއްވެސް ބެލުމެއްނެތި އެއްލާލަމުއެވެ. އެވީ ކުންޏަށެވެ. އެގޮތަށް އެތައް ކުންޏެއް އަޅައި އަހަރެންގެ ބުރިކަށިމަތި ފުރާލަމުއެވެ. ކުނިގޮނޑަކަށް ހަދައިލައެވެ. އެހެން މަޚުލޫގުންނަށް އެއްވެސް ޖާގައެއް ނުދީއެވެ.

އެނގޭ ހެއްޔެވެ؟ ތިޔަ އުކާލާ އެކިޒާތުގެ ކުދިކުންޏާއި ދަބަރަށްވެ އުކާލާ މާސިންގާ އުޅަނދުފަހަރުގެ ސަބަބުން އަހަރެންގެ ބުރިކަށްޓަށް ހާދަބާރު ބޮޑުވެއެވެ. ހާދަވޭނެއް އަޅައެވެ. އެކަމަކު ތިބާއަށް ރޭކާވެސް ނުލައެވެ.

އަހަރެންގެ އުމުރުން އެތައް ގަރުނެއް ފާއިތުވެ ހިނގައްޖެއެވެ. މުސްކުޅިވެ ގައިގެ ބާރުކެނޑިއްޖެއެވެ. އިންސީ ޚިދުމަތުގައެވެ. ތިބާގެ ޙިދުމަތުގައެވެ. އެހެނަސް އެ ޚިދުމަތް ތިޔަބައި މީހުން ބަލައި ނުގަނެއެވެ. އަހަރެންގެ ބުރިކަށި މަތީގައި ހެދިފައިވާ ގަސްތައް ކަނޑައި ހުސްކުރަނީއެވެ. އަމިއްލަ މަންފާއަށްޓަކެއެވެ. އޭގެ ސަބަބުން އަހަންނަށް ލިބެމުންދިޔަ ފިނިކަން ގެއްލި ހޫނުކަން ތަހަންމަލް ކުރަންޖެހިއްޖެއެވެ. ގަސްކެނޑުމުގެ ކުރީން ވިސްނާލިނަމައެވެ. ނުވަތަ ކެނޑުމަށްފަހު ދެތިންގަސް އިންދާލިނަމައެވެ. އަހަންނަށް ކުރާ ހޫނުގެ އަސަރު ބޮޑުކަމުން އަހަރެންގެ އެއްބައި ކަމަށްވާ ގަނޑުފެންތައް ވިރެން ފެށިއެވެ. ނަތީޖާ ވަރަށްގޯހެއްވެ. ކަނޑުގެ ދިޔަބޮޑުވާން ފެށީއެވެ. ރަށްތަކަށް އޮތް ނުރައްކާތެރިކަން ބޮޑުވީއެވެ. ރަށްތައް އަޑިއަށް ހިނގައިދާނޭ ކަމަށް ބުނެ ސައިންސުވެރީން އިންޒާރު ދެނީއެވެ. އެމީހުންނަށް ލިބިފައިވާ އިލްމުގެ ބޭނުންކޮށްގެން ދިރާސާ ކުރުމަށްފަހު އަހަންނާމެދު އެބުނަނީ ތެދުވާހަކަތަކެވެ. އެހެނަސް އެވާހަތަކަށް ތިޔަދެނީ ބީރުކަންފަތެވެ. އެންމެފަހުން އަހަރެން މިޖެހުނީ ތެދުވެ އެއީ ތެދެއްކަން އަމިއްލައަށް ބުނެދޭށެވެ. މި ބުނެދުނީއެވެ. އެވެރީން އެބުނަނީ ހަމަތެދެކެވެ.

އަހަރެންގެ ވަށައިގެން މާރިތި މޫދަކާއި ގޮނޑުދޮށެއް އޮންނަ ވާހަކަ މާ ފަޚުރުވެރިވެލާފައި ތިޔަދައްކަނީ ކީއްވެހެއްޔެވެ؟ އެތަންތަނަށް އެއްވެސް ހުރުމަތެއް ނުބަހައްޓާ އިރުގައިވެސް މެއެވެ. އެތަނަށް ޕްލާސްޓިކް ފުޅިތަކާއި އެހެނިހެން ސާމާނު ތިޔައަޅަނީ ކީއްވެ ހެއްޔެވެ؟ ތިޔަބުނާ ރީތިކަމާއި ހިތްގައިމު ކަމުގެ ބަދަލުގައި އަހަންނަށް ލިބެނީ ގެއްލުމެވެ. ނެތިގެންދަނީ ވަށައިގެންވާ ދިރުމެވެ. ތިޔަ ތަޣައްޔަރު ކޮށްލަނީ ސާފުވައެވެ. ބުނަންހެއްޔެވެ؟ ތިޔަބައި މީހުން ވެސް ދާނެއެވެ. އެއަށްފަހު އައުޖީލެއް އަންނާނެއެވެ. އެ ޖީލަށް މަރުހަބާ ކިޔަން އަހަރެން ބޭނުމެވެ. ތިޔަބުނާ ނަލަކަމާއި ރީތިކަންމަތީގައެވެ. ދުޅަހެޔޮކަންމަތީގައެވެ. އެޖީލަށްޓަކައި ވެސް އަހަރެން ސަލާމަތް ކޮށްދޭށެވެ. ސަލާމަތްތެރި ކަމާއެކު އެޖީލަށް ވާސިލް ކޮށްދޭށެވެ.

އަހަރެންގެ ވަށައިގެންވާ ކަނޑު އަޑީގެ ރީތިކަމާއި މުރަކައިގެ ފަރުތަކަކީ ރީތިކަމުގެ ނަމޫނާއެކެވެ. އެތަންތަނުގެ ވަށައިގެން އުޅޭ ކުލަކުލައިގެ މަހަކީ އަޖައިބެކެވެ. ބަލައި ފޫއްސެއްނުވާނެއެވެ. އެހެނަސް އެތަނަށް ވެސް ތިޔަހަދާލަނީ ހަދާނޭ ގޮތެކެވެ. ގޮނޑަކަށެވެ. ޕްލާސްޓީކް ކޮތަޅާއި ހަލާކުނުވާ ޒާތުގެ އެތައް އެއްޗެއް ތިޔަ އުކާލަނީ މުސްތަގުބަލަށް އެއްވެސް ވަރަކަށް ނުވިސްނައެވެ. ހުރިހާ ދެރައެއް އޮތީ އަހަންނަށެވެ. އަހަރެންވާ ކެތްކުރެވޭތީ ބަލާނަމެވެ. އެކަމަކު އަހަރެންގެ ބުރިކަށިމަތީގައި އުޅެމުންދާ ތިޔަ އިންސާނާއަށް ވާނީ ކިހިނެއްހެއްޔެ؟ މި ސުވާލުގެ ޖަވާބު އަމިއްލައަށް އެނގެއެއް ނޫންހެއްޔެވެ؟

ތިޔަބައި މީހުންނަށްޓަކައި ”ގުދަންކޮށްގެން“ އަހަރެން ގެންގުޅޭ ކަނޑުގެ ދިރުންތައް ނެތިދަނީއެވެ. އޭގެ ހާލިތައް ހަލާކުވަނީއެވެ. މީގެ ކުރިން ބޯމަތީގައި އުދުހުނު ދޫނިތައް ކޮބައިހެއްޔެވެ؟ އޭގެ ރީތިރާގުތަކުގެ އަޑު މިހާރު ނީވެއެއް ނޫންހެއްޔެވެ؟ އެހެންއެވީ އެ މަޚުލޫގުންގެ ގޮވަތި ކަމަށްވާ ދޮންވެލި ފިނޮޅުތަކާއި ތުނޑިތައް އަމިއްލަ ބޭނުމަށް ގުރުބާން ކޮށްލުމުންނެވެ. އިންސާނާގެ އަމިއްލަ އެދުމުގެ ބޮޑުކަމާއެވެ.

ދެން މިޖެހެނީ ހިމާޔަތްކުރާށެވެ. އެކަން ކުރުމުން އިންސާނާއަށް ލިބޭ މާއްދީ ފައިދާ މެދުކެނޑިދެއެވެ. މިސާލަކަށް ވެލާ، ކަހަނބާއި މިޔަރެވެ. މި އެއްޗެހި ހިފުމުގައި ވެސް ހައްދު ފަހަނަޅާ ދިޔައިމާ ހިމާޔަތްކުރީއެވެ. އެހެންޏާ އެއީ އިންސާނުން ވިޔާފާރިކޮށްގެން މާލީ މަންފާ ހޯދި އެއްޗެއްސެވެ. އެހެންވީމާ އަހަރެން މިއެދެނީ އޯގާތެރި ކަމުގެ އަތަކަށެވެ. އަޅައިލާނޭ އަތަކަށެވެ. އެކަން ކޮށްދެވޭނޭ ހެއްޔެވެ؟

އެންމެ ކުޑަމިނުން މިދަންނަވާ ކަންކަން ކޮށްދޭށެވެ. އަހަރެންގެ ވަށައިގެންވާ ގޮނޑުދޮށްތަކާއި މޫދާއި ފަރުތަކަށް ކުނިއެޅުން ހުއްޓާލަދޭށެވެ. މާހައުލީ ނިޒާމް ސަލާމަތްކޮށްދޭށެވެ. ޚާއްސަކޮށް ތިބާގެ އަމިއްލަ ގެއިންނެރެ އުކާލާ އަމިއްލަ ކުނިން އަހަރެން ސަލާމަތްކޮށްދޭށެވެ. ބޮޑުވެގެންވާ ޒިންމާއެއް ކަމަށް ދެކިގެންނެވެ. އަދި ބުނަންހެއްޔެވެ؟ މިހާރު އުކަލާފައިވާ ކުނިބުނިތަކުން އަހަރެން ސަލާމަތްކޮށްދީ ފުރިހަމައަށް ނޭވާލެވޭނެ މަގު ތަނަވަސްކޮށްދޭށެވެ. ސާފު ވެއްޓެއް ގާއިމްކޮށްދޭށެވެ.

މިއީ މުޅި އިންސާނުންނަށް އަހަރެން ފޮނުވާ އާދޭހުގެ ސިޓީއެކެވެ. އަހަރެން ތިބާއަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ބަނޑުދަށުން ކާއެއްޗެހިނެރެ ފޯރުކޮށްދެމެވެ. ނޭވާލާނޭ ސާފު ވައި ފޯރުކޮށްދެމެވެ. އުފާކުރުމަށް ބޭނުންވާ ފިނޮޅުތަކާއި ތުނޑިތައް އަހަރެން ދިނީމެވެ. މޫދަށްއެރި މަޖާކޮށްލާނޭ ސާފު މޫދެއް ދިނީމެވެ. މިހެންގޮސް އެތައް ކަމެކެވެ. އެތައް ހަދިޔާއެކެވެ. އޭގެ އަގު ވަޒަން ކުރަން ނޭނގުނީމާ މިއަދު އަހަރެން މިޖެހެނީ އެކަން ސަމާލުކަމަށް ގެނެސްދޭށެވެ. އަހަންނަށްވާ އުދަގޫ އެނގޭތީއެވެ.

މިފަދަ އެތައް ހަދިޔާއެއް ދިނީމާ ބަދަލުގައި ތިޔަދެނީ ސަޒާ ނޫންހެއްޔެވެ؟ މުސްކުޅިވެފައިވާ ހާލުގައި ވެސް އިންސާނުންނަށް ޚިދުމަތް ކޮށްދެވޭތޯ އަދިވެސް މިބަލަނީއެވެ. އެހެނަސް ޚިދުމަތުގެ ފެންވަރު ރަނގަޅުވާނީ ތިކޮޅުންވެސް އަހަންނަށް އަޅާލައިގެންނެވެ. ދުޅަހެޔޮ ސިއްހަތެއް ހޯދައިދީގެންނެވެ.

މި މުހިންމު މެސެޖު ގެތަކާއި، ސްކޫލުތަކުގައި އިއްވައިދޭށެވެ. ސްކޫލް ތަކުގެ ދަރިވަރުންނާއި ތިބާގެ ދަރީންނަށް އަހަރެން ވަށައިގެންވާ ނާޒުކު ތިމާވެށި ބުނެދޭށެވެ. ރައްކާތެރިކުރަން ދަސްކޮށްދޭށެވެ. އެކަމަށް އަހުލުވެރިކޮށްދޭށެވެ.

އަހަންނަށް އަމިއްލަ ޒާތުގައި ސާފުތާހިރުވާން ވަރަށް އުނދަގުލެވެ. އަހަރެންގެ ބުރިކަށި ބަރު ކުނިބުނިން ބަރާކޮށްފައިވާތީއެވެ. އަތެއްފަޔެއް ގުޑުވާނުލެވޭތީއެވެ. ތިބާ އަމިއްލަ ޒިންމާ ނަގައި އަހަރެން ނިކަން ރަނގަޅަށް ސާފުތާހިރު ކޮށްދޭށެވެ. އަދި އެކަން އެގޮތުގައި ދަމަހައްޓައިދޭށެވެ. ތިޔަ ބޭރުކުރާ ކުނިބުނި އެކަމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ގެންދާށެވެ. ރީސައިކަލް ކުރެވޭ ތަކެތި އެގޮތަށް ހަދާށެވެ.

ތިބާއާއި އެހެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އަހަރެންގެ ރީތިކަން ދެމެހެއްޓޭނެއެވެ. އަދި ތިބާއަށާއި ތިބާގެ ދަރިންނަށް ދުޅަހެޔޮ، ރީތި، ސާފު، ރައްކާތެރި އަދި އުފާވެރި ދުނިޔެއެއް އަލުން ހޯދައިދެވުމުގެ ފުރުސަތު ފަހިވީއެވެ. ތިޔަބައި މީހުން އަހަނަށް އުފާ ހޯދައިދޭށެވެ. އަހަރެން ތިޔަބައި މީހުންނަށް އުފާ ހޯދައިދޭނަމެވެ.

ޝުކުރިއްޔާ

ސަލާމަތަށް ބޭނުންވެފައިވާ ތިބާގެ ދުނިޔެ!

 

މި ލިޔުމާ ގުޅޭ