އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އަންގައިފިއެވެ.
އެކްސްގައި މިއަދު ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިފައިވާ ކަމަށެވެ. ފައްޔާޒު ވަނީ އެ ޗިޓްގެ ފޮޓޯއެއް އެ ޕޯސްޓާއެކު ހިމަނައިފައެވެ.
ޗިޓުގައި ބުނެފައިވާ ގޮތުން ފައްޔާޒް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާ ކަމަށް ޗިޓުގައިވެއެވެ.
އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފައްޔާޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.






