ލާމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ހިރި ނިއުސް
އޮކްޓޯބަރ 22, 2025

ހައްދުންމަތީ (ލ.އަތޮޅު) ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގެންނެވިއެވެ. މި ރަށްރަށަށް ވަޑައިގެން ރައީސް ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށުގައި ވަނީ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، ބޭންކިންގްގެ ޚިދުމަތް ލުއިފަސޭހަކޮށްދެއްވުމާ ގުޅޭ މަޝްރޫޢުތައް ފަށްޓަވާފައިވެއެވެ. މިރަށްރަށުގެ އެކި ދާއިރާތަކަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަނީ، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ. ހަމައެއާއެކު، ހައްދުންމަތީ ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ