އިސްދޫ ކަލައިދޫ ރައްޔިތުންނަށް ޒަމާނީ ހޮސްޕިޓަލެއް ލިބެނީ

ހިރި ނިއުސް
އޮކްޓޯބަރ 22, 2025

ލ. އިސްދޫ ކަލައިދޫގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އެ ދެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއް ގާއިމުކުރެއްވުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިސްދޫ-ކަލައިދޫ ބޮޑުމަގުގައި ޖަހާފައިވާ ޓެންޓްގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސުލްޖްމްހޫރިއްޔާ ވިދާޅުވީ މި ހޮސްޕިޓަލު އަޅުއްވާނީ ދެރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ ސަރަހައްދެއްގައި ކަމަށެވެ. އެހެންނަމަވެސް އެސަރަހައްދެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ރައީސް ވިދާޅުވީ މި ހޮސްޕިޓަލުގެ މަސައްކަތް ފަށައި، ނިމުމުގެ ކުރިންވެސް، ދެ ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށެވެ. އެގޮތުން މިހާރު ހުރި ޞިއްޙީ މަރުކަޒަށް މުވައްޒަފުންނާއި އިތުރު ޑޮކްޓަރުން ހޯދަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. އެއީ ދާއިރާގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސްކޫލްގެ ޖާގަ އިތުރުކޮށްދެއްވައި، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވައި، ކަރަންޓުގެ ހާލަތު ރަނގަޅު ކުރެއްވުމަށް އިތުރު ޖަނަރޭޓަރެއް ގެނައުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އިސްދޫ އަދި ކަލައިދޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވާފައެވެ. މިއާއި އެކު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމްގެ ޚިދުމަތް ދޭން ފެށިފައެވެ.

މި ލިޔުމާ ގުޅޭ