ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ނެށުންތެރިޔާ ނޫރާ ފަތުހީ، އޭނާގެ އާ ލަވަ ދުނިޔޭގެ މިއުޒިކް މާކެޓަށް ނެރުމަށް ތައްޔާރުވެއްޖެއެވެ. މި ލަވައަކީ ޖެމައިކާ-އެމެރިކާގެ ފަންނާނު ޝެންސީއާ އާއެކު ވޯނަރ މިއުޒިކްގެ އެހީގައި ނެރޭ ލަވައެކެވެ. މި ލަވައަށް ދީފައިވާ ނަމަކީ “ވޓް އައި ނޯ (ޖަސްޓް އަ ގާލް)” އެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7 ގައި ބާއްވާ ދުބާއީ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ.
ނޫރާގެ މަޝްހޫރުކަން ވަނީ ދުނިޔޭގެ ފެންވަރުގައި އިތުރުވެފައެވެ. އޭނާގެ ހިންދީ ލަވަ ކަމަށްވާ “ދިލްބަރް ކީ އާންކޯން ކާ” ވަނީ 24 ގަޑިއިރުގެ ތެރޭގައި 23 މިލިއަން ވިއުސް ހޯދައި، ޗާޓުތަކުގެ އެންމެ ކުރިއަށް އަރާފައެވެ. މި އަދަދު ވަނީ ޓެއިލަރ ސްވިފްޓްގެ ފުރަތަމަ މިއުޒިކް ވީޑިއޯ “ޑެސްޓިނީ އޮފް އޮފީލިއާ” އަށް ވުރެވެސް އިތުރުވެފައެވެ. މި ލަވައަށް 10 މިނެޓުގެ ތެރޭގައި އެއް މިލިއަން ވިއުސް ލިބިފައިވެއެވެ.

ޓޮރޮންޓޯގައި އުފަންވެފައިވާ ނޫރާއަކީ އަސްލު މޮރޮކޯ މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ގެންދަނީ ހިންދީ ސިނަމާ އިންޑަސްޓްރީގައެވެ. އޭނާ އަކީ އަރަބި ސަރަހައްދާއި ބޮލީވުޑްގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
އޭނާގެ މަޤްބޫލުކަން ދެކުނު އޭޝިއާގެ ހިންދީ ފިލިމް ބަލާ މުޖުތަމަޢުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވެއެވެ. އޭނާގެ ފަންނަށް މި ސަރަހައްދުތަކުގެ އަސަރު ކޮށްފައިވާ ގޮތާ ބެހޭގޮތުން ސިޓީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ނޫރާ ބުނެފައިވަނީ،
“ދެކުނު އޭޝިއާގެ މުޖުތަމަޢުގެ ފަރާތުން އަހަންނަށް ވަރަށް ބޮޑު ލޯތްބާއި މަޤަބޫލުކަމެއް ލިބިފައިވޭ. އަހަރެން ބަލައިގެންފައި ވަނީ އެމީހުންގެ މީހެއްގެ ގޮތުގައި، އަހަރެންގެ ފަންނާއި، އުފެއްދުމާއި މިއުޒިކާއި، ނެށުމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރޭ، އެ ސަރަހައްދުގެ މީހަކަށް ނުވިޔަސް އަހަރެން ދެކެ އެމީހުން ވަރަށް ލޯބިވޭ“

ނޫރާގެ އަސްލު ވަޠަން ކަމަށްވާ މޮރޮކޯއާ ބެހޭގޮތުން އޭނާ ބުނެފައިވަނީ، “މިއީ އެމީހުންގެ ތަރިންގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރާ ޤައުމެއް. މޮރޮކޯގައި އަހަރެންގެ ފޭނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި ލޯތްބެއް ލިބޭ. އަދި ޔޫއޭއީއާއި އަރަބި ދުނިޔޭގެ ފަރާތުން ވެސް އެފަދަ އެހީތެރިކަމެއް ލިބޭ.”
މިފަހަރު ދުބާއީގައި އޮތް އިވެންޓެއްގައި ނޫރާ ވަނީ އޭނާގެ މަޝްހޫރު ލަވަ “މާމާ ތަތީމާ” އަށް ކުޑަކުދިންނާއެކު ނަށާފައެވެ. މި އިވެންޓަކީ ދުބާއީ ފެސްޓިވަލްސް އެންޑް ރިޓެއިލް އެސްޓެބްލިޝްމަންޓް އާއި ދީރާ ސިޓީ ސެންޓަރު ގުޅިގެން ބޭއްވި އިވެންޓެކެވެ. މިއީ މަޝްހޫރު ވިޔަފާރި މަރުކަޒުގެ 30 ވަނަ އަހަރީ ދުވަހުގެ ޙަރަކާތްތަކާއި، ދުބާއީގައި ދީވާލީ ގެ ލައިޓްސް ފެސްޓިވަލް 2025 ގެ ތެރެއިން ބޭއްވި އިވެންޓެކެވެ. މި އިވެންޓަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ، ނޫރާ ނަށަމުން ދިޔައިރު އޭނާއަށް ހިތްވަރު ދީފައިވެއެވެ.
