ކުށްކުރުމާއި ކުށް ކުރެވުމަކީ އިންސާނާގެ ޠަބީޢަތެވެ. ކުށް ކުރެވުމުން އެކުށް ގަބޫލުކޮށް އެކުށަށް އިޢުތިރާފްވުމަކީ މުސްލިމުން ކަންކުރަންޖެހޭ ގޮތެވެ. އަދި ކުށަށް ތަޢުބާވެ އަސްތަޣުފާރުކުރުމަކީ ތެދުމަގެވެ. އަޅުގަނޑުމެންގެ ބަފައިކަލުން ފުރަތަމަ އިންސާނާ އާދަމް ޢަލައިހިއްސަލާމް އެންމެ ފުރަތަމަ ކުރެއްވި ދުޢާއަކީ ކުށަށް އިޢުތިރާފްވެވަޑައިގެން ތައުބާލެއްވުމަށް އެދިވަޑައިގެން ކުރެއްވި ދުޢާއެވެ. ﷲ، ވަގުތުން އެކަލޭގެފާނުގެ ތައުބާ ގަބޫލުކުރައްވައި އެކަލޭގެފާނުގެ ކުށް ޢަފޫކުރައްވައި އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ.
އަޅުގަނޑުމެން ކުށް ގަބޫލުކޮށް ކުށަށް ތައުބާވުމަކީ އިބިލީހަށް ފިސާރި ބޮޑުވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކުށް ކުރި މީހާ ކުށުން ބަރީއަވާތީއެވެ. ﷲ އޭނާގެ ކުށް ޢަފޫކުރައްވައި އޭނާގެ ފާފަ ފުއްސަވާތީއެވެ. އަދި ﷲ އަށް ބިރުވެތިވާ ކިޔަމަންތެރި އަޅެއްގެ މަގަށް އެނބުރި އަންނާތީއެވެ. މިއީ އިބިލީހަށް ކެތްކުރެވޭވަރަށްވުރެ މާބޮޑު ކަމެކެވެ.
ރެޔާ ދުވާލު އިބިލީހުގެ މަސައްކަތަކީ އަޅުގަނޑުމެން މަގުފުރެއްދުމެވެ. ނުވަތަ އަޅުގަނޑުމެން ތެދުމަގުން ދުރުކޮށް ކަތިމަގުގައި އަޅުގަނޑުމެން ބޭތިއްބުމެވެ. އެހެންވެ އޭނާގެ ވަސްވާހުގެ މަޅީގައި އަޅުގަނޑުމެން ބެދެއެވެ. އޭނާ އަޅުގަނޑުމެންނަށް ވިސްނައިދެނީ ކުށަކީ އެންމެ ރަނގަޅު ކުށެއްކަމަށެވެ. އެ ކުށް ކުރެވުނީ އެހެން ގޮތެއް ނެތިގެން ކަމަށެވެ. އެހެން އިބާރާތަކުން ބުނަންޏާ ތިމާއަށް ކުރެވުނު ކުށަކީ އެންމެ ރަނގަޅު ކުށެއްކަމަށް ވިސްނައިދީ އެކުށް ޖަސްޓިފައިކޮށްދިނުމަކީ ވަސްވާސްދިނުމަށް އިބިލީސް ބޭނުންކުރާ އެންމެމޮޅު އިސްތިރާޖީ (ސްޓްރެޓެޖީ) އެވެ.
މިސާލަކަށް މީހަކު ވައްކަންކުރިއެވެ. އޭނާ ވައްކަން ކުރީ އަތުގައި އެއްވެސް އެއްޗެއް ނެތިގެން ގޮތް ހުސްވެގެންނެވެ. މިހާލަތުގައި އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް އިބިލީސް އޭނާއަށް ވަސްވާސްދެއެވެ. އަދި އޭނާގެ ހާލަތު ﷲ ދެނެވޮޑިގެންވާ ކަމަށްވެސް އިބިލީސް އޭނާއަށް ވަސްވާސްދެއެވެ. އެހެންވެ ކުރެވުނު ކުށަކީ ކުށަކަށް ނުބެލުމަށް އިބިލީސް އެމީހާއަށް ވިސްނައިދެއެވެ. އެކުށް ގަބޫލުކޮށް އެކުށަށް ތައުބާނުވިޔަސް އެންމެ ރަނގަޅުވާނެކަމަށް ވިސްނައިދީ އިބިލީސް ވަސްވާސްދެއެވެ. އެއީ އެއްގޮތަކަށްވެސް އަސްތަޣުފާރުކުރަންޖެހޭ ކަމެއްނޫންކަމަށް އޭނާ ބުނެދީ އެގޮތަށް އޭނާ ވިސްނައިދެއެވެ. އޭނާގެ ހާލަތު ﷲ ރަނގަޅަށް ދެނެވޮޑިގެންވާ ކަމަށް ވިސްނައދީ އިބިލީސް އޭނާއަށް ވަސްވާސްދެއެވެ. އަދި މެދުވެރިވި ހާލަތުގެ ސަބަބުން ތިމާއަށް ކުށްކުރެވުނީކަމަށްވެސް އިބިލީސް ވަސްވާސްދެއެވެ.
ނަތީޖާއަކަށްވަނީ އަޅުގަނޑުމެން ދުނިޔަވީ ހަޔާތުގައި އަބަދު ކުށާއި ފާފައިގައި ދިރިއުޅުމެވެ. ތިމާގެ ކުށް ތިމާއަށް ކުށަކަށް ނުފެންނަންޏާ ދެން އަބަދުކުރެވޭނީ ކުށެވެ. މިހާލަތުގައި ކުށް ގަބޫލުކޮށް ކުށަށް އިޢުތިރާފްވެ ތައުބާވުމަށް އެދި ﷲ އަށް ދެންނެވުމުގެ ވިސްނުމެއް ނުހުރެއެވެ. އަސްތަޢުފާރުނުކޮށް ކުށްކުރުމުގައި ދެމިހުރުމަކީ އިބިލީހުގެ މަޅީގައި ފުރިހަމައަށް ޖެހުމެވެ. މިނުރައްކާތެރި ހާލަތުން ސަލާމަތްވުމަކީ އިބިލީހުގެ ކިބައިން ސަލާމަތްވުމެވެ. އެއީ އަސްތިޣުފާރުކުރުމެވެ. އަޅުގަނޑުމެންގެ ދުލުން އަސްތަޣުފިރުﷲ ކިޔުމަކީ އިބިލީސް އެންމެ ރުޅިއަރާކަންތަކެވެ. އަދި އެއީ އޭނާ އެންމެ ހިތާމަކުރާކަންވެސްމެއެވެ. އަޅުގަނޑުމެން ތައުބާލެއްވުމަށް އެދި ﷲ އަށް ދުޢާ ދެންނެވުމަކީ އޭނާ އެންމެ ރުޅިއަރާ ކަންތަކެވެ. ސަބަބަކީ ﷲ އަކީ ޢަފޫކުރައްވައި ތައުބާލައްވާ ރައްބުކަން އޭނާއަށް އެނގެއެވެ.
އިބުރާހީމް ޢަލައިހިއްސަލާމް އުޅުއްވި އަވަށުގެ އެންމެން ޝަރީކުކުރިއެވެ. އެކަމަކު އެ ހާލަތާ މަތިކޮށް އެކަލޭގެފާނު ޝަރީކުނުކުރައްވައެވެ. ޔޫސުފް ޢަލައިހިއްސަލާމް ޖަލުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އެހާލަތާ މަތިކޮށް އެކަލޭގެފާނު ކުށްވެރިއަކަށް ވެވަޑައިނުގަންނަވައެވެ. މޫސާ ޢަލައިހިއްސަލާމް އެރުވިގެން އެތައް އަހަރަކު މަދުޔަންގައި އުޅުއްވިއެވެ. އެކަމަކު އެކަލޭގެފާނު ދޮގާއި މަކަރު ހައްދަވައިގެން ނޫޅުއްވައެވެ. ﷲ އަންގަވަނީ ކިތަންމެ ގިނަ ބަހަނާއާއި އުޒުރުދެއްކިއަސް އިންސާނާއަށް އޭނާގެ ހާލަތު ސާފުކޮށް އެނގޭނެކަމަށެވެ. އިންސާނާއަށް އުޒުރުދައްކާ މީހަކީ އިބިލީސްއެވެ. އިންސާނާ ކުރާ ކޮންމެ ކަމަކަށް އޭނާއަށް އުޒުރާއި ބަހަނާ ފެންނަނީ އިބިލީސް އެގޮތަށް އޭނާއަށް އެމަންޒަރުދައްކާތީއެވެ.
ﷲ، އާދަމްގެފާނު ބިމަށް ފޮނުއްވުމަށްފަހު އެންގެވީ އިންސާނާއަށް ތެދުމަގު ބޭނުންވާނެ ވާހަކައެވެ. އަދި ﷲ ފޮނުއްވާ ތެދުމަގު ގަބޫލުކުރާ މީހާއަށް ބިރާއި ހިތާމަ ނެތްކަމަށް ﷲ އަންގަވައެވެ. ﷲ އެންމެފުރަތަމަ އާދަމްގެފާނަށް ދެއްވި ތެދުމަގަކީ އަސްތަޣުފާރުކުރުމެވެ. އެއީ ﷲ ގެ ޢަފޫކުރެއްވުމާއި ފުއްސެވުން ލިބޭނެގޮތް އެކަލޭގެފާނަށް އެންގެވުމެވެ. އެގޮތުން އިންސާނާއަށް ﷲ އެންމެ ފުރަތަމަ ދަސްކޮށްދެއްވީ ﷲ އަށް ތައުބާވާށެވެ. ކުށެއް ކުރެވޭ އިރަށް ވަގުތުން އެ ކުށަކަށް ތައުބާވުމަށެވެ. އަދި އެކުށް ތަކުރާރުނުކުރުމަށް އަޒުމް ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށެވެ.
ފުރަތަމަ އިންސާނާ އަޅުގަނޑުމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމަށް ފުރަތަމަ ކުރެއްވި ދުޢާއަކީ ތައުބާވުމަށް ކުރެއްވި ދުޢާއެވެ. އަދި ގިޔާމަތް ދުވަހު އެކަލޭގެފާނުގެ އެންމެ ފަހު ދުޢާއަކީވެސް ތައުބާވުމަށް ކުރާ ދުޢާކަމުގައިވެއެވެ. ރަސޫލުﷲ ރެޔަކާދުވާލު ސަތޭކަ ފަހަރު ތައުބާވެވަޑައިގަތީ އެކަމުގެ ބޮޑުކަމުންނެވެ. އެކަލޭގެފާނު ތައުބާވެވަޑައިގަތީ އެކަލޭގެފާނަށް ކުށްކުރެއްވޭތީއެއްނޫނެވެ. އެއަށްވުރެބޮޑަށް އިބިލީހުގެ ވަސްވާހުގައި އެކަލޭގެފާނު އެއްވެސް މިންވަރަކަށް ޖެހިވަޑައިނުގަތުމަށެވެ. އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ހާލު އެނގިވަޑައިގަންނަވާތީ އެމީހުންނަށް ޝަފާޢަތްތެރިވެވަޑައިގަތުމަށެވެ. އަސްތަޣުފާރުކޮށް ތައުބާވުމުން އިބުލީހުގެ މަސައްކަތް ސުމަކަށް ވެއްޓި އޭނާ މުޅިން ބަލިވެދެއެވެ. ރަސޫލުﷲ އަސްތަޢުފާރުކުރެއްވުމުގެ ނަތީޖާއަކީ އެކަލޭގެފާނާޖެހި އިބިލީސް ބޮޑުތަނުން ބަލިވުމެވެ. އޭނާއަށް އެއްވެސް މިންވަރަކަށް އޭނާގެ މަޅީގައި އެކަލޭގެފާނު ނުޖެއްސުނެވެ.