ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ލޯގޯގައި ނިކުމެގެން އެޕާޓީއަށް ފަންސާސް ގޮނޑިވެސް ނުލިބޭނޭ ކަމަށް ޕީއެންސީގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ޕީޖީލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މީޑީއަށް މިއަދު މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިދިކޮޅު އެންމެބޮޑު އެއް ޕާޓީ ކަމަށްވާ އެމްޑީޕީއަށް، އެޕާޓީގެ އަމިއްލަ ނަމުގައި ކެންޑިޑޭޓުން ނެރެން ނުކެރޭ ކަމަށެވެ. އެހެންވެ ބައެއް ރަށްރަށުން ކެންޑިޑޭޓުން އެޕާޓީން ނެރެނީ އަމިއްލަ ނަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ”އެމްޑީޕީއަށް ޔަގީންކަން އޮންނާނެ އެމްޑީޕީގެ ލޯގޯގައި ނުކުމެއްޖެއްޔާ ދިވެހިރައްޔިތުން އެމްޑީޕީއަށް ނުދޭނެ ފަންސާސް ގޮނޑިވެސް. އަޅުގަނޑު ޔަގީންކަމާއެކު މިދަންނަވަނީ ނުދޭނެކަން،“
ދިވެހި ރައްޔިތުންނަކީ މޮޔަބައެއް ނޫންކަމަށާއި އަމިއްލަގޮތުން ކެންޑިޑޭޓުން ނެރުނަސް އެހެން ގޮތަކުން ނެރުނަސް ޕީއެންސީގެ ކެންޑިޑޭޓުންނަށްނޫން ބަޔަކަށް ގޮނޑިއެއް ނުދޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ޕީއެންސީގެ ލޯގޯގައި ނިކުންނަ ކެންޑިޑޭޓުން ހޮވައިގެންކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއިންތިޚާބު ޕީއެންސީއަށް ކާމިޔާބު ވިޔަނުދިނުމަށް އެމްޑީޕީގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”މިހާރުވެސް އެމްޑީޕީގެ ކައުންސިލްތަކުން އެދަނީ އިންތިޚާބާ ދިމާކޮށް ކަމާނުގުޅޭ ބޮޑެތި ވަޒީފާ ތަކާއި އޭތިމީތި އިއުލާން ކުރަމުން. ދާއިމީކޮށް ނުނެގޭތީ ވަގުތީކޮށް ކޮންޓްރެކް އުސޫލުން އެތައް ކަމެއް ކުރަމުންދަނީ. ހަގީގަތުގައި އެބޭފުޅުން ނުބައްލަވާ ގައުމަށް ލިބޭ ގެއްލުމަކަށް. ރަށްރަށަށް ލިބޭ ގެއްލުމަކަށް. މި ހުރިހާ ސަބަބުތަކެއް ހުރީމާ އަޅުގަނޑަށް ސަތޭކަ ޕަސެންޓު ޔަގީން ﷲ އިރާދަކުރެއްވިއްޔާ މިއިންތިޚާބު ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ޕީއެންސީ ނަގާނެކަން،“ އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މީގެ ކުރިން ވެރިކަންކުރި އެއްވެސް ޕާޓީއަކަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ. މިފަހަރުވެސް އިދިކޮޅު ޕާޓީން ބޭނުންވާނީ އެކަން އެގޮތަށްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. ”ވަރަށް ހޭލައި މިތިބީ. އިރާދަކުރެއްވިއްޔާ ތަފާތުބޮޑުކޮށް މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،“ ފަލާހު ވިދާޅުވިއެވެ.






