ޗައިނާއިން ފިއްތުންތައް އިތުރަށް ވަރުގަދަކޮށްފި: އެޗްއާރުޑަބްލިއު

އިބްރާހީމްް ސަމީރު
ފެބްރުއަރީ 11, 2026

ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާ ސަރުކާރުން 2025 ވަނަ އަހަރު މުޅި ގައުމުގައި ހިންގާ ފިއްތުންތަކާއި، އައިޑިއޮލޮޖިކަލް ކޮންޓްރޯލް އަދި އަސާސީ މިނިވަންކަމަށް އަރައިގަތުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފިއެވެ. އެ ޖަމާއަތުން ނެރުނު ވޯލްޑް ރިޕޯޓް 2026 ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެއިޖިންގް އިން ވަނީ އާންމުންނާއި، އުއިގޫރު މީހުންނާއި އަދި ރަސްމީކޮށް ރަޖިސްޓްރީނުކުރާ ކްރިސްޓިއަން ފައްޅިތަކުގެ މެންބަރުން ފަދަ، ތަފާތު ނަސްލީ ނުވަތަ ދީނީ އައިޑެންޓިޓީއެއް އޮންނަ މުޖުތަމައުތަކަށް ކުރާ ފިއްތުންތައް ވަރުގަދަކޮށްފައެވެ.

އެޗްއާރުޑަބްލިއުގެ ޑެޕިއުޓީ އޭޝިއާ ޑައިރެކްޓަރު މާޔާ ވަންގް ވިދާޅުވީ، ޗައިނާ ސަރުކާރުން ވަނީ ”އިންސާނީ ހައްގުތަކުގެ ވަރަށް ނުރައްކާތެރި ރެކޯޑެއް ގާއިމުކޮށްފައި“ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނިޒާމަށް ބެއިޖިންގް އިން ފޯރުވަމުންދާ ނުފޫޒާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބޭރުގެ ގައުމުތައް ބޮޑުތަނުން ނާކާމިޔާބުވެފައިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މި ރިޕޯޓް ނެރެފައިވާ ދަނޑިވަޅަކީ މުޅި ދުނިޔޭގައިވެސް އިންސާނީ ހައްގުތަކާއި މިނިވަންކަމަށް ޔޫރަޕާއި އެމެރިކާގައި އަދި އޭޝިއާގައި އަރައިގަތުމުގެ އަމަލުތައް އިތުރު ވަމުންދާ ދަނޑިވަޅެކެވެ.

529 ސަފުހާގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު  ޓިެބޓާއި ޝިންޖިއާންގް ގައި ދައުލަތުގެ ބާރުވެރިކަން ދެއްކުމަށް ކުރެއްވި މަސައްކަތެވެ. އަދި އަލަށް އުފައްދާ ގާނޫނުތަކުގެ ސަބަބުން މި ފިއްތުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އެތައް ހާސް އުއިގޫރުންނެއް ނުހައްގުން ޖަލަށްލާފައިވެއެވެ.

ނޭޝަނަލް ސެކިއުރިޓީ ލޯ ތައާރަފްކުރިތާ ފަސް އަހަރު ފަހުން، ހޮންކޮންގްގައި ނުސްވެރިކަމުގެ ފިއްތުންތައް ވަނީ ހަލުވިވެފައެވެ. އެ ސިޓީގައި ހަރަކާތްތެރިވި އެންމެ ފަހު ޕްރޯ-ޑިމޮކްރަސީ ޕާޓީ އުވާލާފައިވާއިރު، ގައުމީ ސަލާމަތާ ބެހޭ ގާނޫނު ބޭނުންކޮށްގެން ބޭރުގައި ހަރަކާތްތެރިވާ އެކްޓިވިސްޓް އޭނާ ކްވޮކްގެ އާއިލާ މެންބަރަކަށް ފުރަތަމަ ފަހަރަށް ދައުވާކޮށްފައިވެއެވެ. މީގެ އިތުރުން މީޑިއާގެ ނުފޫޒުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ޖިމީ ލައި ހިމެނޭހެން ފާހަގަކޮށްލެވޭ އެތައް ބަޔަކު އަދިވެސް ތިބީ ޖަލުގައެވެ. ޖިމީލާއި ވަނީ ޗައިނާއަށް ނިއުކްލިއަރ ބޮމެއް ވައްޓާލުމަށް އެމެރިކާއަށް ގޮވާލާފައެވެ.

ދީނީ ކަންކަން  ޗައިނާގެ ސަގާފަތާ އެއްގޮތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުވެފައިވާކަން އެޗްއާރުޑަބްލިއު އިން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ޝަންޒީ އާއި ބެއިޖިންގްގައި ޗާޗުތަކުގެ މެންބަރުން ހައްޔަރުކުރުމާއި، ބޭރު ގައުމުތަކުގައި ތިބޭ އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ކަންކަން ހިމެނެއެވެ.

އެޗްއާރުޑަބްލިއު އިން ވަނީ ޝިންޖިއާންގްގައި ހިންގާ އަނިޔާވެރިކަން ހުއްޓާލުމަށާއި، ހޮންކޮންގްގެ ސަލާމަތީ ގާނޫނުތައް އުވާލުމަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް ދޫކޮށްލުމަށް ބެއިޖިންގް އަށް ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ