އީރާނަށް ހަމަލަ ނުދީ މަގޭ ލޮލަކަށް ނިންޖެއް ނާންނާނެ: ޓްރަމްޕް

އިބްރާހީމްް ސަމީރު
ފެބްރުއަރީ 11, 2026

އީރާނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ޓެރަިރސްޓް އުދުވާނުގައި އަމަލުކުރި ފަދައިން އަސްކަރީ ފިޔަވަޅު އެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އިޒްރޭލުގެ ޗެނަލް 12 އަށް ދެއްވި ފޯނު އިންޓަވިއުއެއްގައެވެ.

އެމެރިކާއާއި އީރާނާ ދެމެދު އޮމާންގައި މަޝްވަރާތައް އަލުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިއީ ޖޫން މަހުގެ ހަނގުރާމައަށްފަހު ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވޭ ފުރަތަމަ ފަހަރެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ”ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށެވެ.

އެ ވާހަކަތަކުގައިވެސް އެމެރިކާއިން ބޭނުންވި ކަންކަމަށް އީރާނުން ދީލާފައެއް ނުވެއެވެ.

ސަރަހައްދުގެ މަސްރަހު ހޫނުވަމުންދާއިރު، މެދުއިރުމައްޗަށް އިތުރު އެއާކްރާފްޓް ކެރިއަރަކާއި ހަނގުރާމަމަތީ އުޅަނދުތައް ފޮނުވުމަށް ވިސްނަމުންދާ ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. މިހާރުވެސް އެ ސަރަހައްދުގައި ”ޔޫއެސްއެސް ލިންކަން“ މަނަވަރު ހަރަކާތްތެރިވަމުންދާއިރު، އިތުރު ފްލީޓެއް ފޮނުވުމަކީ އީރާނަށް ޕްރެޝަރު ބޮޑުކުރުމަށް ކުރެވޭ ކަމެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމުގެ ގޮތުން އިތުރު މަނަވަރެއް ފޮނުވުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. މިއާއެކު އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހާޒިރުވުން، ދެ އަހަރަށް ދެމިގެންދިޔަ ގާޒާ ހަނގުރާމައިގެ ދުވަސްވަރާ އެއްވަރަށް އިތުރުވެގެންދާނެއެވެ.

މިކަމާގުޅޭގޮތުން މަޝްވަރާ ކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވައިޓް ހައުސްގައި ރައީސް ޓްރަމްޕާ ބައްދަލު ކުރަންގފޮސްފައެވެ. މިއީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ނަތަންޔާހޫ އެމެރިކާއަށް ކުރާ ހަތްވަނަ ޒިޔާރަތެވެ.

 

މި ލިޔުމާ ގުޅޭ