ދުނިޔޭގެ މަސްރަހުގައި އެމެރިކާ އަމަލުކުރަމުންދަނީ ބާރުގަދަ ބުލީއެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެ ގައުމުގެ އެތެރޭގެ ހާލަތު ބަލިކަށިވެ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މުހައްލިލުން ބުނެއެވެ. އެމެރިކާގެ ދަރަނި 32 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެ ގައުމުން ދަނީ ހަކަތައިގެ ވަސީލަތްތަކާއި ސަޕްލައި ލައިންތަކުގެ މައްޗަށް ބާރު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ވިޔަފާރިއާއި އަސްކަރީ ކުރިއެރުމާއި، ރަޝިޔާއިން ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އީރާނުގެ ބާރުވެސް ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާނުން ދަނީ އެ ގައުމުގެ ގާބިލުކަން އިތުރުކުރަމުންނެވެ. މިއީ މެދުއިރުމަތީގައި ހުރި ހުޅަނގުގެ މަސްލަހަތުތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ބުނެފައިވަނީ، އެ ގައުމުން ބޭރުގެ ދުޝްމަނުން ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން އެތެރޭގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. ”އެމެރިކާގެ މި ހަރަކާތްތަކަކީ ބާރުގަދަކަމުގެ ނިޝާނެއް ނޫން، އެއީ އެ ގައުމުގެ އިނދަޖެހުމުން ސަލާމަތްވުމަށް ކުރާ އެންމެ ފަހު މަސައްކަތް،“ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލާއި އެމެރިކާއިން ބޭނުންކުރަމުންދަނީ ނަފްސާނީ ހަނގުރާމައިގެ އުކުޅުތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ބޭނުމަކީ ހަނގުރާމައަކާ ނުލައި ބިރުދައްކައިގެން ބޭނުންވާ ކަންކަން ހާސިލުކުރުމެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނާއެކު ހިނގި 12 ދުވަހުގެ ޓެރަރިސްޓު އުދުވާނާއި ޔަމަނުގެ ހަނގުރާމައިގައި އެމެރިކާގެ ނިންމުންތަކުގެ ސަބަބުން އެ ގައުމުގެ އިތުބާރު ވަނީ ގެއްލިފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އީރާނަކީ ”ބަލިކަށި“ ގައުމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ހަގީގަތުގައި އީރާނަކީ އެމެރިކާގެ އެމްޕަޔަރ އިނދަޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް ބެލެވެއެވެ. ރައީސް ޓްރަމްޕްގެ މަސްލަހަތުތަކަށް އީރާނުގެ ގާބިލުކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އޭނާއަށް އިހުސާސްވަމުންދާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.






