އީރާންގެ އިންގިލާބަށް ބައިގަރުނު ވަނީ: އެމެރިކާގެ ފިއްތުންތަކާއެކު ވެސް ސާބިތުކަންމަތީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 11, 2026

އީރާނުގައި އިސްލާމީ ޖުމްހޫރިއްޔާއެއް ގާއިމުކުރިތާ މަދު މަސްތަކެއްގެ ތެރޭގައި، 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިމާމް ޚުމައިނީ ގުމް ސިޓީގައި ދެއްވި ތަގުރީރެއްގައި އެމެރިކާއިން އީރާނާ ދެކޮޅަށް ރާވާނެ ރޭވުންތަކަށް އިންޒާރު ދެއްވިއެވެ. ޕަހްލަވީ ރަސްކަން އުވާލައި، އެމެރިކާގެ ނުފޫޒު އޮތް ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، އީރާނުން ކުރިއަށްދާނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށް ޚޮމައިނީ ކަނޑައެޅުއްވިއެވެ.

ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި އެމެރިކާގެ އެކި ސަރުކާރުތަކުން ވަނީ އީރާން ބަލިކަށިކޮށް، އެ ގައުމުގެ ނިޒާމު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި 1980 ގެ އަހަރުތަކުގައި އިރާގު މެދުވެރިކޮށް ކުރި 8 އަހަރުގެ ހަނގުރާމައާއި، އެކި ދުވަސްވަރު ކުރިމަތިކުރި އިގްތިސާދީ ދަތިކުރުންތައް ހިމެނެއެވެ. މީގެ އިތުރުން ސައިބަރ ހަމަލާތަކާއި، އީރާންގެ ސައިންސްވެރިންނާއި ޖެނެރަލުން އަވަހާރަކޮށްލުން ފަދަ ޓެރަރިސްޓް ކަންކަން ވެސް ވަނީ ހިނގާފައެވެ.

އިމާމް ޚުމައިނީ އޭރު ވިދާޅުވެފައިވަނީ، ”އެމެރިކާއާއި އެމީހުންގެ އެޖެންޓުން އަހަރެމެންނާ ދެކޮޅަށް ތެދުކުރާނެ، ނަމަވެސް އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ“ މިފަދައިންނެވެ. މި ބަސްފުޅުތަކަކީ ހަމައެކަނި އިންގިލާބީ ޖޯޝެއްގައި ވިދާޅުވި ބަސްފުޅުތަކެއް ނޫންކަން ފާއިތުވި އަހަރުތަކުން ވަނީ ސާބިތުވެފައެވެ.

އީރާނުން މިހާ ގިނަ ދުވަހު ހިފަހައްޓާލުމުގެ ސިއްރަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ހޭލުންތެރިކަމެވެ. ޚާއްސަކޮށް 1953 ވަނަ އަހަރު ސީ.އައި.އޭ އިން އިސްވެ އޮވެ ބޮޑުވަޒީރު މުހައްމަދު މުސައްދަގުގެ ސަރުކާރު ވައްޓާލި ހާދިސާއަކީ އީރާންގެ ރައްޔިތުންނަށް ލިބުނު ބޮޑު ފިލާވަޅެކެވެ. އެއީ މިނިވަންކަން ގެއްލިއްޖެނަމަ، އަލުން އެ ހޯދުމަކީ އުނދަގޫ ކަމެއްކަން އަންގައިދިން ހާދިސާއެކެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ 11 ވަނަ ދުވަހު އީރާންގެ ރައްޔިތުން މަގުތަކަށް ނުކުމެ އިންގިލާބުގެ އަހަރީ ދުވަސް ފާހަގަކުރަނީ، 1979 ވަނަ އަހަރު ނިންމި ނިންމުމުގެ މަތީގައި ސާބިތުވެ ތިބިކަން ހާމަކުރުމަށެވެ. އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ގައުމުން ވަނީ އެމީހުންގެ އަސާސްތައް ދޫކޮށްލުމަށް އިންކާރުކޮށްފައެވެ.

މި ލިޔުމާ ގުޅޭ