އެމެރިކާގެ ފްލޮރިޑާގެ ކޮންގްރެސް މެންބަރެއް ކަމަށްވާ ރެންޑީ ފައިން، ވަނީ މުސްލިމުންނާ ކުއްތާއާ އަޅާކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އެކަމާ ގުޅިގެން ވޮޝިންޓަނުގެ ސިޔާސީ މައިދާނުގައާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ. އަދި މިކަމާ ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ފައިން ލިޔެފައިވަނީ، ”އަހަރެމެންނަށް މަޖުބޫރުކޮށްފިނަމަ، ކުއްތާއާއި މުސްލިމުންނާ ދެމެދު ގޮތެއް ނިންމުމަކީ އުނދަގޫ ކަމެއް ނޫން،“ ކަމަށެވެ. އަދި އެމީހުން ބަލައި ގަންނާނީ ކުއްތާ ކަމަށެވެ. އޭނާގެ މި ބަސްމަގާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ވަގުތުން ފާޑުކިޔަން ފަށާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މުސްލިމުންނާ ދެކޮޅަށް ފާޅުގައި ރައްދުކުރި އިހާނެތި ބަހެއް ކަމަށާއި، ދައުލަތުގެ މަގާމެއްގައި ހުރި މީހަކު މިފަދަ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފައިން ފަހުން ވަނީ އޭނާގެ ވާހަކަތައް ދިފާއުކޮށް ވާހަކަ ދައްކާފައެވެ.
މުސްލިމް މަދަނީ ޖަމިއްޔާތަކުން ވަނީ ފައިންގެ މި ދިފާއު ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އެ ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތް ކުރަނީ މުޅި މުސްލިމް މުޖުތަމައަށް އަމާޒުކޮށް ނަފުރަތު އުފައްދާށެވެ. ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ދަނީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށްވެސް ބާރުއަޅަމުންނެވެ.






