މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 16

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 15, 2026

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ޚުލްޤުހެޔޮ ބޭކަލަކީ ރަސޫލުﷲ ﷺ އެވެ. އަޚުލާޤާއި ސުލޫކުގައި އެކަލޭގެފާނަކީ އެންމެ މާތް ނަމޫނާއެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. އެގޮތުން ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތަކީ އެކަމުގެ މިސާލެކެވެ. ޞަޙީ މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާފަދައިން ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަމާއި އެކަލެގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން އަންގައިދެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމުގައި ކެތްތެރިކަމާއި ހިތްތިރިކަމުގައި އެވަރުގެ ބޭކަލެއް މިދުނިޔެ ނުދެކެއެވެ. ޚުދު އެކަލޭގެފާނުގެ ޢަދުއްވުންވެސް އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ޝައްކެއްނުއުފައްދައެވެ. އެހެންކަމުން ރަސޫލުﷲ ﷺ ގެ މުހިންމުކަން އިންސާނުންގެ މެދުގައި ފަނޑުވާނެ އެއްވެސް ގޮތެއްނެތެވެ.

ރަސޫލުﷲ ﷺ އަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެންމެ ހެޔޮ އަދި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނުގެ އަޙުޒާބު ސޫރަތުގެ 21 ވަނަ އާޔަތެވެ. އެކަލޭގެފާނުގެ ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަތް ކޮންމެ މީހަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކޮށްފި މީހެކެވެ. އެހެންކަމުން ތިމާގެ ހަޔާތް ބާއްޖަވެރިކޮށް ސުވަރުގޭގެ ނިޢުމަތް ހާސިލުކުރުމަށްއޮތް ހަމައެކަނީ މަގަކީ ރަސޫލު ﷲ ﷺ ނަމޫނާއަކަށް ބަލައިގެން އެކަލޭގެފާނު ހިންގެވި މަގުން ހިނގުމެވެ. މިސަބަބަށްޓަކައި ދުނިޔެ އޮތްހާ ދުވަހަކު އެކަލޭގެފާނުގެ މުހިންމުކަމަށް ކުޑަވެސް ފަނޑުކަމެއްނާންނާނެއެވެ.

ރަސޫލުﷲ ﷺ އަކީ މުއައްސަސާއެއް ނުވަތަ އިންސްޓިޓިއުޝަނެކެވެ. އިސްލާމް ދީނުގެގެ ޝަރަޙަ ނުވަތަ ހުރިހާ ތަފުސީލެއްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. އިސްލާމް ދީނުގެ އާދަކާދައާއި ޘަޤާފަތްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. މުސްލިމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަދި ކަންކުރަންޖެހޭގޮތާއި ކަންނުކުރަންނުޖެހޭގޮތް އެކަލޭގެފާނުގެ ސުއްނަތުން އެނގެއެވެ. ނަތީޖާއަކީ މުސްލިމުންގެ އުނގެނެންޖެހޭ މުހިންމު ޢިލްމަކަށް އެކަލޭގެފާނުގެ ސުންނަތްވުމެވެ. ސުއްނަތުގައި ނުހިފުމަކީ ފާފަވެރިވާ ކަމެކެވެ. ބައެއް ހާލަތުގައި ސުއްނަތަށް އިންކާރުކޮށްފި މީހަކު ކުފުރުވެއެވެ. ނަތީޖާއަކީ މުސްލިމުންގެ މެދުގައި އެކަލޭގެފާނުގެ މުހިންމުކަން ދުވަހަކުވެސް ކުޑަނުވުމެވެ.

އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަށްޓަކައި ރަސޫލުﷲ ﷺ ދެއްކެވި ނަމޫނާގައި ހިފަންޖެހެއެވެ. ނުވަތަ ރުކުންތައް ފުރިހަމަކުރުމަށްޓަކައި އެކަލޭގެފާނުގެ ސުއްނަތުގައި ފުރިހަމައަށް ހިފަންޖެހެއެވެ. އެހެންނޫނީ ނަމާދުކުރާންގޮތެއް ނޭގޭނެއެވެ. ޒަކާތްދެވޭނީވެސް އެކަލޭގެފާނުގެ އިރުޝާދަށް ތަބާވެގެންނެވެ. ހަމައެގޮތަށް ﷲ ރުހިވޮޑިގަންނަވާގޮތަށް ރޯދަ ހިފުން އޮތީވެސް އެކަލޭގެފާނު ގެންނެވިގޮތުގައި ހިފައިގެންނެވެ. ޙައްޖާއި ޢުމުރާގެ އެންމެހައި ކަންކަން އަޅުގަނޑުމެންނަށް އުނގަންނައިދެއްވީވެސް އެކަލޭގެފާނެވެ. އެހެންކަމުން ﷲ އަމުރުކުރެއްވިގޮތަށް އަދި އެކަލާނގެ ރުއްސަވާގޮތަށް ދީނުގެ ރުކުންތައް ފުރިހަމަކުރެވޭނީ ރަސޫލު ﷲ ﷺ އަށް ފުރިހަމައަށް ތަބާވެ ކިޔަމަންވެގެންނެވެ. ކަންމިހެންހުރިއިރު އެކަލޭގެފާނުގެ މުހިންމުކަން ނުހަނުބޮޑެވެ.

-ނުނިމޭ

މި ލިޔުމާ ގުޅޭ