މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 17, 2026

ރަސޫލުﷲ ގެ ﷺ ޞަޙާބީން އެކަލޭގެފާނުގެ ސުއްނަތުގައި ބާރަށް ހިއްޕެވިއެވެ. ﷲ އަށް އީމާންވުމަށްފަހު އެބޭކަލުން އީމާންވީ އެކަލޭގެފާނަށެވެ. ﷲ އަށް ކިޔަމަންވުމަށްފަހު އެބޭކަލުން ކިޔަމަންވީ އެކަލޭގެފާނަށެވެ. ޞަޙާބީން އެންމެބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި އިންސާނަކީ އެކަލޭގެފާނެވެ. ޞަޙާބީން އެންމެބޮޑަށްކުރެއްވި މަސައްކަތްޕުޅަކީ ރަސޫލުﷲ ﷺ ގެ ސުންނަތް އާލާކޮށް ދިރުވުމެވެ. އެބޭކަލުން އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ސާބިތުވެ ދިރިއުޅުމުގެ ބިންގާއަޅުއްވައި އެބިންގަލުގެ މަތީގައި ދިރިއުޅުން އާރާސްތުކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް އެބޭކަލުން ބެއްލެވީ ކީރިތި ޤުރްއާނަށާއި އެކަލޭގެފާނުގެ ސުއްނަތަށެވެ. ނަތީޖާއަކަށްވީ އެބޭކަލުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަމާއި އަދުލުވެރިކަމާއި ބާއްޖަވެރިކަންއޮތުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ ފުރަތަމަ ކަމަކީ އެކަލޭގެފާނަށް އިހުތިރާމްކުޑަވާނެ ކޮންމެކަމަކުން ދުރުހެލިވުމެވެ. ނުވަތަ އެކަލޭގެފާނަށް ކުޑައިމީސްވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ. އެގޮތުން އެއްވެސް ސިފައެއްގައި އެކަލޭގެފާނަށް ކަމޭނުހިތާ ބަޔަކާއެކީގައި އަޅުގަނޑުމެން އުޅެގެންނުވާނެއެވެ. އެކަލޭގެފާނުގެ މަގާމާއި ދަރަޖައަށް އުނިކަން އަތުވެދާނޭ ކަންކަންކުރާ މީހުންނާއެކީ އުޅުމެއްވެސްނުވެއެވެ. ހަމައެގޮތަށް އެކަލޭގެފާނުގެ ސުއްނަތުގެ ހުރުމަތްކަނޑާ މީހުންނާއެކީ އަޅުގަނޑުމެން ބައިވެރިވެގެންނުވާނެއެވެ. އަޅުގަނޑުމެން ބައިވެރިވެ ވާގިވެރިވާންޖެހޭނީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދި ކަމޭހިތާ މީހުންނަށެވެ.

ރާއްޖެފަދަ އިސްލާމީ މުޖުތަމަޢުއެއްގައި ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް އިހުތިރާމްކުޑަކޮށްފިނަމަ އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް އަޑުއުފުލަންޖެހެއެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް އެކަމުގައި އަވަސްފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސްކުރަންޖެހެއެވެ. ސަރުކާރުން ޤާނޫނާއ ޝަރީޢަތްމެދުވެރިކޮށް އެމީހަކަށް ޙައްޤުއަދަބުދޭންޖެހެއެވެ. ޣައިރު މުސްލިމުން މިބާވަތުގެ އަމަލުތައް ހިންގުމުން އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް ސުލްހަވެރިކަމާއެކު އަޑުއުފުލަންޖެހެއެވެ. އަޅުގަނޑުމެން އެމީހުންނަށް ދޭ ރައްދުގައި ދައްކަން ޖެހެނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި މާތް ނަމޫނާއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުން ދައްކަންޖެހެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. މިގޮތަށް ރައްދުދިނުމުން އެކަލޭގެފާނަށް ފުރައްސާރަކުރި މީހާ އިސްލާހުވެ އިސްލާމް ދީނަށްވަނުމުގެ ފުރުސަތު ތަނަވަސްވެއެވެ.

ރަސޫލުﷲ ﷺ އަރިހަށް ޔަހޫދީންތަކެއް އައިސް އެކަލޭގެފާނަށް ފުރައްސާރަކޮށް ’އައްސާމް ޢަލައިކަ‘ ގޮވިއެވެ. ޔަޢުނީ ކަލޭގެފާނަށް މަރުހުރި މިހެން އެމީހުންގޮވިއެވެ. ރައްދުގައި އެކަލޭގެފާނު ވިދާޅުވީ ’ކަލޭމެންނަށް އެފަދައިން ހުރި‘ އެވެ. ޔަހޫދީން ހިންގި މިޖަރީމާއާމެދު ކޯފާވެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ ރ.ޢ. ހަޅޭއްފުޅުލެއްވިއެވެ. ރަސޫލުﷲ ﷺ ވަގުތުން އެކަން ހުއްޓުވައި އެކަން މަނާކުރެއްވިއެވެ. ވީމާ ޣައިރު މުސްލިމް ގައުމުތަކުގައި އެމީހުން އެކަލޭގެފާނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަޅުގަނޑުމެން ރައްދުދޭންޖެހެނީ ފިސާރި ސްމާޓުކޮށެވެ. އަމިއްލަ ގައިގަ ރޯކޮށް ގެދޮރާއި މުދަލުގައި ރޯކުރުމުން އަޅުގަނޑުމެންވާނީ އިބުލީހުގެ ދަރިންނަށެވެ. ބޮޑެތި މުޒާހިރާކޮށް އާންމު މަސްލަހަތު ނަގާލުމުން އަޅުގަނޑުމެންވާނީ ޝައިޠާނާގެ ބއިވެރިންނަށެވެ. އެއާޚިލާފަށް ސުއްނަތަށް ރުޖޫޢަވެ އަދަބު އިހުތިރާމާއެކު ރައްދުދިނުމުން އެމީހުންނަށް އިސްލާހުގެ ދޮރުހުޅުވޭނެއެވެ.

-ނުނިމޭ

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *