މީހަކު ނުވަތަ ބަޔަކު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށްފި ހާލަތެއްގައި އެކަމަށް ރައްދުދޭނެ އެންމެ ރަނގަޅުގޮތް ހޯދުމަށް ދުޢާކުރަންޖެހެއެވެ. އެއަށްފަހު ދުލާއި ގަލަމުން އެކަން އަދަބުވެރިކަމާއެކު ކުށްވެރިކޮށް ސޯޝަލް މީޑިއާ ފުރާލަންޖެހެއެވެ. ސޯޝަލް މީޑިއާ ފުރަންޖެހެނީ އެކަލޭގެފާނުގެ އިހުސާންތެރިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްތިރިކަމުގެ އޯގާތެރިކަމުގެ ވާހަކަތަކުންނެވެ. އެކަލޭގެފާނުގެ ޢަފޫކުރެއްވުމާއި އަމާނާތްތެރިކަމުގެ ހާދިސާތަކުންނެވެ. އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ ތަސްވީރުތަކުންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ދީލަތިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ހެޔޮކަމާއި މުރާލިކަމުގެ ވާހަކަތަކުންނެވެ. ހަމައެގޮތަށް ޣައިރު މުސްލިމް ޢިލްމުވެރިންނާއި ފަންނާނުން އެކަލޭގެފާނަށް ތަޢުރީފްކޮށް ފާޅުކޮށްފައިވާ ޝުޢޫރުތަކުންނެވެ. ނަތީޖާއަކަށްވާނީ ބައިބަޔަށް އެމީހުން އިސްލާމް ދީނަށް ވަނުމަށް ޝައުގުވެރިވުމެވެ.
ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ އެއްކަމަކީ އެކަލޭގެފާނުގެ ސީރާ އަޅުގަނޑުމެންގެ ދަރިންނަށް މިހާރަށްވުރެބޮޑަށް ކިޔަވައިދިނުމެވެ. އެކަލޭގެފާނުގެ ޖީލުގެ މީހުން އެންމެބޮޑު ސަމާލުކަމެއްދިނީ އެކަލޭގެފާނުގެ ސީރާއަށެވެ. އެކަލޭގެފާނު އުޅުއްވިގޮތް އެޖީލުގެ ދަރިންނަށް އުނގަންނައިދިނުމަކީ އޭރުގެ މަންހަޖުގައި އެންމެ އިސް މާއްދާއެވެ. ނަތީޖާއަކަށްވީ ރަސޫލުﷲ ﷺ ގެ ޞަޙާބީންގެ ޖީލު އެކަލޭގެފާނުގެ ސުއްނަތާއިއެއްގޮތަށް ދިރިއުޅުން ބިނާކުރުމެވެ. އަޅުގަނޑުމެން މިއަދުކުރަންޖެހޭ ކަމަކީ ސްކޫލްތަކުގެ ގްރޭޑް އެކަކުން ބާރައަށް އެކަލޭގޭފާނުގެ ސީރާ ކިޔަވައިދނިމުވެ. ކޮންމެ ގުރޭޑެއްގައި ބާރަ އަހަރުވަންދެން މިކަންކުރެވިއްޖެނަމަ އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާއި މާތްނަމޫނާއާއި އެއްގޮތަށް އަޅުގަނޑުމެންނަށް ދިރިއުޅުން ބައްޓަންކުރަން ފަސޭހަވާނެއެވެ.
ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ ކަންކަމުގެތެރޭގައި އެކަލޭގެފާނުކުރެއްވި ދުޢާތައް ދަސްކޮށް އެދުޢާތައްކުރުން ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ދުޢާތައް ނުވަތަ މުސްލިމުންގެ ދުޢާގައި ހިމެނޭ އެންމެހައި ދުޢާތައް އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. އަދި މިދެންނެވި ދުޢާތައް ޤަވާޢިދުންކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ދުޢާކުރަންޖެހެއެވެ. އެފަދަ ކޮންމެ ދުޢާއަކީ އެކަލޭގެފާނުގެ ސުއްނަތުން އައިސްފައިވާ ދުޢާއެކެވެ. އެހެންކަމުން މިދުޢާތައް ދަސްކޮށް ދުޢާކުރުން އާދައަކަށް ހެދުމަކީ އެކަލޭގެފާނަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ މުހިންމުކަމެކެވެ.
ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެ ގޮތުން ކުރަންޖެހޭ މުހިންމު އެއްކަމަކީ އެކަލެގޭފާނުގެ ސުންނަތް ދިރުވައިއާލާކުރުމެވެ. އެގޮތުން އެކަލޭގެފާނު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވިގޮތް މީހުންނަށް އަންގައިދޭންޖެހެއެވެ. އެކަލޭގެފާނު މީހުންނަށް އިހުތިރާމްކުރައްވައި ކަމޭހިތްތެވިގޮތް އާންމުކޮށް މީހުންނަށް އަންގަންޖެހެއެވެ. އެކަލޭގެފާނު މީހުންނާއި ގުޅުންތައް ބެހެއްޓެވިގޮތާއި މީހުންނާއި މުއާމަލާތު ހިންގެވިގޮތް މިހާރުގެ ޖީލުތަކަށް ކޮންމެ ދުވަހަކު ހަނދާންކޮށްދޭންޖެހެއެވެ. އެކަލޭގެފާނު މަސްއޫލިއްޔަތު އުފުއްލެވިގޮތާއި ހިތްވަރާއެކު މަސައްކަތްކުރެއްވިގޮތް މީހުންނަށް ކިޔައިދޭންޖެހެއެވެ. ޣައިރު މުސްލިމުންނާމެދު އެކަލޭގެފާނު ބެހެއްޓެވި އިހުސާންތެރިކަން މީހުންނަށް އޮޅުންފިލުވައިދޭންޖެހެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މިންވަރާއި ފެންވަރުން އެކަލޭގެފާނުގެ ސުންނަތް ދިރުވުމަކީ އެކަލޭގެފާނަށް ކަމޭހިތައި އެކަލޭގެފާނުދެކެ ލޯބިވުމެވެ.
-ނުނިމޭ






