ފުވައްމުލައްސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ދީނީ ދަރުހެއް ބާއްވައިފައެވެ. މިއީ ޖަމިއްޔަތުއްސަލަފާއި ބާބާގާޑިޔާ ގުޅިގެން އިންތިޒާމް ކުރި ދަރުހެކެވެ.
މި ދަރުސްއޮތީ މާޗް 16 ވަނަ ދުވަހުގެ ރޭ ތަރާވީސް ނަމާދަށްފަހުގައެވެ. ދަރުސް ބާއްވާފައިވަނީ ދަޑިމަގު ފުޓްބޯޅަ ދަނޑުގައެވެ. މި ދަރުހުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަނގްލަދޭޝް މީހުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ނަސޭހަތް ދެއްވީ ބަނގްލަދޭޝްގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޑރ. މުކައްރަމް ބިން މުޙްސިން މަދާނީއެވެ.
އޭނާގެ ދަރުސް ބުނާކުރެއްވީ ”ޢަޤީދާ އިސްލާހުކުރުމުގެ މުހިންމުކަން“ މި މަޢުޟޫގެ މައްޗަށެވެ. މި ދަރުސްގައި އޭނާ ވަނީ މުސްލިމުންގެ ޞައްޙަ ޢަޤީދާ ހިފެހެއްޓުމާއި، ހަޤީޤީ ޙަޔާތުގައި އެ ޢަޤީދާއަށް އަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނުގެ ޞައްޙަ އަޤީދާ ހަރުދަނާކޮށް ފެތުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައިވެސް އިސްލާމީ މިފަދަ ދަރުސްތައް ކުރިއަށް ގެންދާނެ ކަމަށް ބާބާ ގާޑިޔާއާއި ޖަމިއްޔަތުއްސަލަފުން ވަނީ ބުނެފައެވެ.
މި ދަރުސްގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ގުރުއަތަކުން ހޮވުނު ނަސީބު ވެރިއަކަށް ވަނީ އެއްހާސް ރުފިޔާގެ އިނާމެއް ދީފައެވެ.






