އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެކަމުގެ ސަބަބުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
”އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ވާހަކަ ދަންނަވަން. އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން،“އީސީންވިދާޅުުވެފައިވެއެވެ.
ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށާނޭ ތާރީޚެއް ފަހުން އަންގާނޭ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަލިފާން ރޯވެފައިވަނީ މާފަންނު ކައިރުގޭގައި ހުންނަ ޕްރައިމް ގުދަން1 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މެދުކަނޑާލައިފައިވަނީ އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.






