ގުދަނުގައި ރޯވި އަލިފާން ނިއްވުމުގައި ފަޔަރުން ހަރަކާތްތެރިވަނީ/ފޮޓޯ އެމްއެންޑީއެފް

ރޭގެ އަލިފާނުގެ ހާދިސާގެ ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް ފަށައިފި

މުހައްމަދު އަލީ
މާރޗް 19, 2026

މާލެ، މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ”ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ ގެ ގުދަނެއްގައި އަލިފާން  ރޯވި ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް މިހާރު ވަނީ ފަށައިފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިތަހުގީގާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ގުދަނުގައި ރޭ ރޯވި އަލިފާން ނިއްވަން އުޅުނު ސިފައިންގެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދީފައިވާ ކަމަށެވެ. އެހެންނަމަވެސް ސިފައިންގެ  މީހާއަށް ވެފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ދެއްވާފައި ނުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަނީ ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައި ކަމަށެވެ.

އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަވަނީ ”ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން،“ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *