މި އަހަރުގެ ފިޠުރުޢީދުގެ އުފާ އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވެފައވަނީ ޢީދު ލައިގަތްއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ވަނީ އިންތިހާއަށް ހިތްދަތިކަންތައްތަކެއް ދިމާވެފައި ކަމަށެވެ. އޭގެ އިތުރުން މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގެ މުސްލިމު އެތައް އަޚުންނާއި، އުޚްތުންނެއް ވަނީ، ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވެފައިވެއެވެ.
”މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމުއެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތެވެ.“
އެމަނިކުފާނުގެ ޚިތާބު ނިންމަވާލައްވާފައިވަނީ މާތް ﷲ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވަމުނެވެ. ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރު ކުރެއްވުން އެދިވަޑައިގަންނަވަމުންނެވެ. ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.






