ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަދި އެއަރ ކޯރ ދަނީ ކުރަމުންނެވެ.
މިހާތަނަށް ކުރި މަސައްކަތުން އަދި އެމީހުން ފެނިފައެއް ނުވެއެވެ. އެ ދެމީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައިވަނޯ މާރިޗު 20ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު ކަމަށް އެމްއެންޑީފުން ވަނީ ވިދާޅުވެފައެވެ. ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، އެމީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް، ކަނޑުމަގުން 3450 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ. އަދި ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މިއަދު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވިދާޅުވެފައިވެއެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހެކެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނެކެވެ.
އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ 2026 މާރިޗު 20 ވަނަ ދުވަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.






