މާލޭގައި އެންމެފުރަތަމަ މޭޔަރެއްގެ މަގާމް އަދާކުރެއްވި އާދަންމަނިކު (ސަރަނގު) މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. މޫސާ އަލީ ޖަލީލަކީ ކުރިއަށްއޮތް ލޯކަންކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.
ސަރަނގު ވިދާޅުވީ މޫސައަށް ތާއީދު ކުރައްވަން ނިންމެވީ ވަރަށްގިނަ ސަބަބުތަކާ ހެދިކަމަށެވެ. އެއްކަމަކީ މޫސައާ ބެހޭ ގޮތުން ދުވަހަކުވެސް ކޮރަޕްޝަނުގެ ވާހަކާއެއް އަޑުނުއައްސަވާ ކަމަށެވެ. އަނެއްކޮޅުން މޫސައަކީ ހުރިހާކޮޅަކުން ބެއްޔަސް މާލޭ ބޭފުޅެއް ކަމަށާއި މާލޭއަށް ޚިދުމަތް ކުރަން އެންމެ އެކަށީގެންވާނީ މާލޭ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރަނގު ވިދާޅުވީ މޫސާ އަލީ ޖަލީލަށް ދެއްވާ ވޯޓެއް ބޭކާރުނުވާނޭ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ ގާބިލް އެންމެ ކެރޭ އަދި ތަރައްގީގެ ވިސްނުން ގެންގުޅުއްވާ ކެންޑިޑޭޓަކީވެސް މޫސާ އަލީޖަލީލު ކަމަށެވެ. މޫސަ މޭޔަރު ކަމަށް ވަޑައިގެން ތަންފީޒު ކުރައްވާނީ ސީދާ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ފަށްޓާފައިވާ ތަރައްގީގެއެޖެންޑާ ކަމަށް ވެސް ވިދާޅުވިއެވެ.
މޫސާ އަލީޖަލީލަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވަން މޫސައާއެކު ބޭއްވި ބައްދަލުވުމުގައި ސަރަނގު އާދަންމަނިކުވަނީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވީ މާދުރުން އައި ބައެއް ކަމަށެވެ. ޕާޓީގެ ރޫހެއްވެސް އެމީހުންގެ ނެތްކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ޒައާމަތަށް ތާއީދު ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.






