ކުރިއެރުންތަކަށް ހުރަސްއެޅުމަކީ ރައްޔިތުންނަށް ތަހައްމަލް ކުރެވޭ ކަމެއްނޫން: ރައީސް

ޟަމްރަތު އަހްމަދު
މާރޗް 23, 2026

ސިޔާސީ ވިސްނުން އިސްކުރެވުމުގެ ސަބަބުން ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށާއި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދަކީވެސް ފުއްދަވައިދެއްވުމުގެ ހެޔި ނިޔަތުގައި ވެވަޑައިގެންފައިވާ ވަޢުދު ކަމަށެވެ. ވަޢުތައް ފުއްދެވުމަށް ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަކަންކަން ކޮށްދެއްވަން ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ކަމަށެވެ. އެއީ ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮންނަކައުންސިލްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރުން ހިންގަވަން ބޭނުންފުޅުވާ މަޝްރޫއިތަކަށް ފުރިހަމަ އެއްބާރުލުން ކައުންސިލްތަކުން ދޭންޖެހޭނޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާން ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ކަމަށެވެ. އެއީ ރައްޔިތުންނަށް ސަރުކާރު ހިންގައިދެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ރައީސާ ސަރުކާރު ހިންގަން ޙަވާލުވީމައި ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތްޕުޅުގައި ބާރެއް އޮތުމަކީ އޭގެ ބޭނުންކުރަން ޖެހޭސަބަބެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެއީ ވަރަށް ޒިންމާދާރު ކަމާއެކު ރަންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކާމެދު ވެސް ފިޔަވަޅުއަޅުއްވަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ތަރައްގީ މަސައްކަތުގައިވެސް އެންމެންގެ މެދުގައި ވާހަކަދެކެވިގެން (ސިޔާސީ ވިސްނުން ނުވައްދައި) މަސައްކަތް ކުރާ ކަމަށްވަނީ ނަމަ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނުވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ