އެއްވެސް ހަނގުރާމައެއްގައި ބޭނުންކުރުމަށް ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުވަތަ އެއަރޕޯޓެއް އެއްވެސް ބަޔަކަށް ނުދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ކުރުމަށް އެއްވެސް ގައުމަކުން މިހާތަނަށް އެދިފައިވާ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެދުނަސް އެފަދަ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
”ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުމައަށް އަދި އެއްވެސް ހަނގުރާމައަކަށް. އެކަމެއް ނުވާނެ،“ ރައީސް ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ޚާއްސަ މަންދޫބާވެސް ހަނގުރާމައާ ބެހޭގޮތުން ދައްކަވާނޭ ވާހަކައެއް ނޯންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މަންދޫބު ދައްކަވާނޭ ވާހަކައެއް އެނގިވަޑައިގަންނަވާނީ ބައްދަލު ކުރެއްވުމުން ކަމަށް ވިދާޅުވިއެވެ. ”އަޅުގަނޑު ބޭނުންވަނީ ބަލަން ދައްކަން ބޭނުންވާ ވާހަކައެއް. މި ހަނގުރާމައާ ބެހޭގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނޭ ވާހަކައެއް ނޯންނާނެ،“ ރައީސް ވިދާޅުވިއެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ އެއީ ހުއްޓާލަންޖެހޭ ހަނގުރާމައެއް ކަމަށެވެ. ހަގުރާމައިގެ ބައިވެރިން އެއްބަޔަކު އަނެއްބަޔަކަށް ދެމުން ގެންދާ ހަމަލާތަކަކީ ދީގެންވާނޭ ހަމަލާތަކެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ”އީރާނުން ވެސް ހަމަލާ ދެންޏާ ދޭންޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑު ގަބޫލް ކުރާގޮތަކީ،“ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މިހަނގުރާމައިގައި އިސްވެ އީރާނަށް ހަމަލާދިނީ އިޒްރޭލުން ކަމަށްވާތީއެވެ.
ރައީސް ވިދާޅުވީ މި ހަނގުރާމައިގައި އީރާނަށް ހަމަލާދެމުން ގެންދަނީ އެމެރިކާއާއި އިޒްރޭލުން ކަމަށެވެ. އެހެންކަމުން އީރާނުން މުސްލިމް ގައުމުތަކަށް ހަމަލާދިނުމުގެ ބަދަލުގައި އެދެގައުމުގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދެވިދާނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މުސްލިމް ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން މަރުވަނީ މުސްލިމުން ކަމަށާއި ގެއްލުންވަނީ މުސްލިމުގައުމު ތަކަށާއި މުސްލިމުންގެ މުދަލަށް ކަމަށް ވިދާޅުވިއެވެ. އީރާނުން ހަނގުރާމަ ކުރަންވާނީ މުސްލިމު ގައުމުތަކާއި މުސްލިމުންނަށް ގެއްލުންނުވާ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.






