2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއް ހޯދައިގެން ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން ކަމަށެވެ. އޭނާއަކީ ޢުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާ ހައްޔަރު ކުރީ މާރިޗު 22 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.






