ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނޭތޯ ”ފެންނަ ނުފެންނަ“ ވޯޓު މާދަމާ މުޅި ރާއްޖޭގައި ނަގާނެއެވެ.
މި ކަމަށް އިލެކްޝަންސް ކޮމިޝަން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ 4 ރައީސަކު މިވަނީ ވިދާޅުވެފައެވެ. އެބޭފުޅުންނަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މި ރެފަރަމްޑަމާ ބެހޭގޮތުން ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ މިގޮތަށް އެއްދުވަހަކު ދެ އިންތިޚާބު ބާއްވާ ކަމަށްވާނަމަ ބާއްވަންވާނީ މަޖިލިސް އިންތިޚާބާއި ލޯކަލްކައުންސިލް އިންތިޚާބު ކަމަށެވެ.
މިފަދަ ވޯޓެއް މިނަގަނީ ޤާނޫނުއަސާސީއަށް ގެންނަންއުޅޭ އަށްވަނަ އިސްލާހާ ގުޅިގެންނެވެ.
ރައްޔިތުންގެ ތެރެއިން މިފަދަ ކަންކަމަށް ވިސްނާ ފިކުރުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިފަދަ ކަމެއް ކުރެވެންވާނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާވެސް ހޯދައިގެންނެވެ. އެހެންނަމަވެސް މި ބިލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް މާބޮޑު ކަމެއް ކުރެވިފައެއްނުވެއެވެ.
”މިފަދަ ވޯޓެއް ނެގުމުގެ ކުރީން ވަރަށް ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުވަންޖެހޭ. އޭގެ ފައިދާއާއި ގެއްލުން ވަރަށް ރަނގަޅަށް ސާފުކޮށް ބުނެދޭންޖެހޭ. ޕަބްލިކް ފޯރަމްތައް ބާއްވަންޖެހޭ. ގޭގެއަށްގޮސް މައުލޫމާތުދީ ރައްޔިތުން ވަރަށްބޮޑަށް މީގެ ތެރެއަށް ވައްދަންޖެހޭ. މިއީ ވިދާޅުވީމާ ކުރަންއޮންނަ ކަމަކަށްވެގެންނުވާނެ. މީގެ ހެވާއި ރަނގަޅު ކިޔައިދޭންޖެހޭއިރު ރައީސް އޮފީހުން އީސީއަށް ފޮނުވާފައިވާ ލިޔުންތަކުގައިވެސް ވަނީ އެއްކޮޅު އެއީ އެބޭފުޅުންނަށް ހެޔޮކޮޅު،“ އީސީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން މަޖިލީހުން ވެސް އޭގެ ގެއްލުމާއި ފައިދާ ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ހެވާއި ނުވަބައި ރަނގަޅަށް ކަށަވަރުވަންދެން ރައްޔިތުންނަށް މައުލޫމާތު ދޭންޖޭހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ”ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ވެރިކަމެއްތޯ ރިޔާސީ ވެރިކަމެއްތޯ ބެލުމަށް ވޯޓު ނެގުމުގެ ކުރިން އެތައް ދުވަހެއް ވަންދެން ރައްޔިތުންނަށް މައުލޫމާތުދިން. ޓީވީގައި ބަހުސްތައް ކުރެވުނު. ގޭގެއަށްގޮސް އޭގެ ގެއްލުމާއި ފައިދާ ކިޔާލަދިން. މިހާރު ކުއްލިއަކަށް ވޯޓު މިނަގަނީ. އެއީ ރައްޔިތުންނަށް ފައިދާ ކުރުމުގެ ބަދަލުގައި ވެރިންނަށް ފައިދާވާ ގޮތަށް އޮތް ބިލެއް ކަމަށް ދެކެނީ. އެހެންވީ އެންމެން ބުނަންވީ މި ބިލަށް ”ނޫނެކޭ،“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަށްޑިހަ ވަރަކަށް މިލިއަން ރުފިޔާ ސަލާމަތް ކުރަން މިފަދަ ކަމެއްކުރީމައި ރައްޔިތުންގެ އަތުގައިއޮތް ބާރު ނިގުޅައިގަތުން ފިޔަވައި އިތުރުކަމެއް ނުވާނޭ ކަމަށެވެ. ”ރައްޔިތުންގެ ބާރުވެރިކަމުގެ ވާހަކަ ދައްކާއިރު އެ ބާރެއް މިދެއްކެނީ އިންތިޚާބެއްގައިލާ ވޯޓަކުން. ކުޑަކުޑަ ވަގުތުކޮޅަކަށް ލިބިގެން އެ ދާބާރު ނިގުޅައިގެންފައި ވެރީން މިހޯދައިގަންނަނީ ފަސް އަހަރުދުވަހަށް ދެމިގެންދާ ބާރެއް. އެ ފަސްއަހަރު ނިމެންދެން ރައްޔިތުން ތިބެން މިޖެހެނީ އެއްވެސް ބާރެއްނެތި އަނެއްކާވެސް ވޯޓުލާ އަނެއް މޫސުމަށް އިންތިޒާރުގައި. ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުމަކީ ޑިމޮކްރަސީއެއްގައި ކޮށްގެންވާނޭ ކަމެއްނޫން،“ އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު އެއްދުވަހެއްގައި ފަށައި އެއްދުވަހެއްގައި ނިމޭގޮތަށް ހެދުމަކީ ދުސްތޫރީ ބޮޑެތި މައްސަލަ އުފެދު ސިސްޓަމަށް ގޮންޖެހުންތައް ކުރިމަތިވާނޭ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ސުޕްރީމްކޯޓަށް ވެސް މިހާރު ކުރެވޭނޭ ކަމެއްނޯންނަ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މިކަން ނުކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.






