އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު/ފޮޓޯދައުރު

އެމްޑީޕީގެ ލީޑަރޝިޕަށް: މާޔޫސްވާ ގޮތަށް ކަންކަން ކޮށްގެން މިކަމެއް ނުކުރެވޭނެ: ނިޒާރު

ޟަމްރަތު އަހްމަދު
އޭޕްރިލް 7, 2026

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ލޯހުޅުވޭވަރުގެ ވަރުގަދަ މެސެޖެއް އައްޑޫސިޓީގެ އިންތިޚާބީ މޭޔަރު އަދި މިހާރުގެ ވެސް އެ މަގާމް ފުރުއްވަމުން ގެންދަވާ އަލީ ނިޒާރު ދެއްވައިފިއެވެ.

ލޯކަލްކައުންސިލް އިންތިޚާބު އެޕާޓީއަށް ލިބުނު ކާމިޔާބީ ފާހަކުރަން މާލޭގައި ރޭ ބޭއްވި ޖަލްސަގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މި ކާމިޔާބީއަކީ ޕާޓީގެ މުޅި ލީޑަރޝިޕް އެކަތިކަނޑަކަށް ވެގެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެން ކަމުން ކުރިއަށްއޮތްތާގައި ވެސް އެންމެން ގުޅިގެން އުޅެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެހާސް އަށާވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކިތަންމެ އުންމީދު ކުރެވިދާނޭ ކަމަށެވެ. އެ އުންމީދު ދިނަސް އެކަންވާނީ އެކުވެރިކަމާއެކު ކުރެވޭ މަސައްކަތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

”އެމްޑީޕީގެ ލީޑަރޝިޕަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދެހާސް އަށާވީހުގެ އުންމީދު އަޅުގަނޑުމެން ދިނަސް އެކުވެރިކަމާއެކު އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތަކުންނޭ ނަތީޖާ ނެރެދެވޭނީ. ޚާއްސަކޮށް ލީޑަރޝިޕުން  ރައްޔިތުންނަށްޓަކައި މިކަން ކޮށްދޭން އެބަޖެހޭ،“ އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެމްޑީޕީން އާންމު މެންބަރުންގެ އުންމީދާ ގާތަށް ދަތުރުކުރާއިރު އެކަން ކުރަންވާނީ އެކުވެރިކަމާއެކުގައި ކަމަށެވެ.

”އަޅުގަނޑުމެން މާޔޫސްވާ ގޮތަށް ކަންކަން ކޮށްގެން މިކަމެއް ނުކުރެވޭނެ. މި އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ލީޑަރޝިޕުން ކޮށްދިން މަސައްކަތުގެ ނަތީޖާ މިއީ،“ އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯއްދަވައި ދެއްވުމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ޗެއަރޕާސަން އަބްދުލްޣަފޫރާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވަކިވަކީން އައްޑުއަށް ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. ”އެބޭފުޅުން ވަކިވަކީން ރައްޔިތުން ގާތަށް ވަޑައިގެން މިމަސައްކަތް ކޮށްދީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭށޭ ވިދާޅުވެގެން މިކަން ކުރެވުނީ. މިއެކުވެރިކަން މި އެއްބައިވަންތަކަން އަދި މި އަޚުވަންތަކަން ޕާޓީގެ ލީޑަރޝިޕުން ދައްކައިފިނަމަ ދެހާސް އަށާވީސް ކީއްކުރަންތޯ އޭގެ ކުރިއަށްއޮތް ފަސްއަހަރަށްވެސް ރައްޔިތުން އަޅުގަނޑުމެންނާ މިވެރިކަން ހަވާލުކޮށްދޭނެ،“ ނިޒާރު ވިދާޅުވިއެވެ.

ރައްޔިތުން އެމްޑީޕީއަށްޓަކައި އެކަން ކޮށްދޭނީ ރާއްޖޭގެ އަތޮޅުތަކުގެ ތަރައްގީއާއި ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދޭ ހަމައެކަނި ފިކުރަކީ އެމްޑީޕީގެ މި ރީނދޫ ފިކުރަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *