މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިފިއެވެ. އެފަރަށް ބޯޓުއަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބޯޓުގައި ޖުމްލަ 13 މީހަކު ދަތުރުކުރިއެވެ. ހާދިސާ ހިނގުމާއެކު ބިދޭސީއަކު ވަނީ ފަތާފައިގޮސް ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިފައިވަނީ ދިވެއްސެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
”މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.“ ފުލުހުން ވިދާޅުވެފައިވެއެވެ.






