ގުޅީފަޅު ނެރާ ދިމާއިން ބޭރުގައި އޮތް ”އޮގްޒޮން ކެރިއަރ 2“ ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެތަނަށް ގޮސް ވަނީ އަލިފާން ނިއްވާލައިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީމިއަދު 13:22 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައި ކަމަށެވެ. އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، އަލިފާން ނިއްވާލެވިފައިވަނީ 14:35 އެހާއިރު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަލިފާން ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ 5 މީހެކެވެ. އެ މީހުން އެހެން ދޯންޏަކަށް އަރައި ވަނީ ސަލާމަތްވެފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.






