ސުކޫކް ދެއްކުމަކީ އިތުބާރު ބޮޑުވުމަށް މަގުފަހިވި ކަމެއް: ޒަރީރު

މުހައްމަދު އަލީ
ޖުލައި 2, 2026

ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވުމަށް މަގުފަހިވި ކަމެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަރުކަޒީ ބޭންކު، އެމް.އެމް.އޭ އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި ”މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް“ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި އެމަނިކުފާނު ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

”ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާ،“ މިނިސްޓަރ ވިދާޅުވިއެވެ.

ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.

”މިއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި މިވަނީ ދަށްކުރެވި، އިތުރަށް ދަށަށްދާނެ މިސްރާބަކަށް ގެނެވިފައި. މިކަމުގެ ސަބަބުން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ މިވަނީ ކުރީގެ ޙާލަތަށްވުރެ ރަނގަޅުކުރެވިފައި. މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު އިތުރުވެފައިވާކަމުގެ ހެއްކެއް،“

މި މަސައްކަތުގައި އެމް.އެމް.އޭ އިން ސަރުކާރަށް ދިން އެއްބާރުލުން ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާމިޔާބީ ހާސިލުކުރުމުގައި އެމް.އެމް.އޭ އިން އަދާކުރި ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމުން ދޭހަވަނީ ދައުލަތުގެ މާލީ ޒިންމާތައް އަދާކުރުމާއި ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމެއް ކަމަށެވެ. އަދި އިގްތިސާދީ އަދި މާލީ ކަންކަމުގައި މާލީ ވުޒާރާއާއި އެމް.އެމް.އޭ އިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި މި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން، ރައްޔިތުންނަށާއި އިގްތިސާދަށް ބުރައަކަށް ނުވާނެހެން ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މާލީ ނިޒާމު ވަރުގަދަކޮށް އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *