މަސްތުވާތަކެތީގެ ޚިދުމަތްދޭ ގެއެއް ނުވަދިހަ ދުވަހަށް ބަންދު

މުހައްމަދު އަލީ
ޖުލައި 2, 2026

އައްޑޫ ސިޓީ ހިތަދޫ ”މައިލޯސިޓީ“ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުމާއެކު އެގެ 90 ދުވަހަށް ބަންދު ކޮށްފިއ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހު ކަމަށެވެ. އަމުރުގައި ބުނެފައިވަނީ ޖުލައި 1 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރު ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *