ޕާކިސްތާނުން ޓުއިޓާއަށް ވަނުން މަނާކުރުމަކީ ޑިޖިޓަލް ސެންސަޝިޕްގެ އަމަލެއް ކަމަށް ބަލާފައި ވެއެވެ. އަދި، ސިޔާސީ ނާމާންކަމާއި އިގްތިސާދީ ދަތި ހާލަތުގެ އުނދަގޫ ކަމުން ޕާކިސްތާނުން ބަދަލެއް ގެންނަން ޖެހޭ ކަމަށްވެސް ދައްކައެވެ.
ޕާކިސްތާން ސަރުކާރުން ވަނީ ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތަކާ ހަވާލާދީ، އަދި އެތެރޭގައި ހަމަނުޖެހުން އުފައްދާ ފަރާތްތައް މިސްމީޑިއާ ޕްލެޓްފޯމް ނުބައިކޮށް ބޭނުންކުރާ ކަމަށް ބުނެ ބައެއް ކަންކަން ހަރުކަށި ކޮށްފައެވެ. ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުތަކުން، އިދިކޮޅު ފަރާތްތަކާއި އިމްރާން ޚާންގެ ޕާޓީގެ އަޑުތައް ވަނީ ފިއްތާލަ އެވެ.
މިހުރިހައި ކަމެއްގެ ތެރޭން، ޕާކިސްތާން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެމެރިކާގެ ރައީސް މުންތަޚަބް ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވުމަށް މީސްމީޑިއާ ބޭނުން ކުރެއްވުމަށް ވީޕީއެން ބޭނުން ކުރައްވާފައެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނެފައ ވަނީ މިކަމުން ޕާކިސްތާން ސަރުކާރގެ ދެފުށްދެގޮތްކަން ހާމަވާ ކަމަށެވެ. ޓްރަމްޕްގެ ވެރިކަމުގައި ޕާކިސްތާންގެ އިގްތިސާދީ ހާލަތަށް އިތުރު ލުޔެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ޕާކިސްތާނަކީ ހަކަތަ އިމްޕޯޓް ކުރުމަށް ބަރޯސާވާ އަދި އެކަމަށް ބޭރު ފައިސާ ބޭނުންވާ ޤައުމެކެވެ. ދުނިޔޭގެ އިންފްލޭޝަން މަތިވުމާއި ޑޮލަރު ބާރުގަދަ ވުމަކީ ޕާކިސްތާންގެ މާލީ ދަތިތައް އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ.
ޕާކިސްތާނުން ޑިޖިޓަލް މިނިވަންކަން ހަނިކޮށް، ސަރުކާރުތަކުގެ މުއްދަތު ހަމަވިޔަ ނުދީ، ޚުދުމުޚުތާރު އުކުޅުތަކުގައި ހިފަހައްޓައިގެން މަސައްކަތް ކުރުމުން ޕާކިސްތާނުން ރައްޔިތުން ސަރުކާރާ އިތުރަށް ބީރައްޓެހި ވެދެއެވެ. އަދި މިކަންކަމުން ބައިނަލްއަގްވާމީ މައިދާނުގައި ޕާކިސްތާންގެ ދަރަޖަ ގެއްލިގެން ދިއުމުގެ ނުރައްކާ ވެސް ކުރިމަތި ވެއެވެ.