އަރިއަތޮޅު ދެކުނުބުރީގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އެ އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާ ގުޅޭގޮތުން ރައިސާ މަޝްވަރާ ކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އޭގެ އިތުރުން އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކޮށްދެއްވުމަށް ވެސް ރައީސަށް ދެންނެވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް އެދި ރައީސަށް ދަންނަވާ ފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އާރް.ޓީ.އެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.