ދުނިޔޭގެ އެންމެ ބޮޑު އެއް ރޭލް ނެޓްވޯކް އިން ދަނީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ އާ ބެންޗްމާކެއް ކަނޑައަޅައި، ”ނެޓް ޒީރޯ“ ކާބަން އެމިޝަން ހާސިލް ކުރުމުގެ ތަސައްވުރާ ދިމާއަށެވެ. އިންޑިއާގެ ރޭލްވޭސް އިން ދަނީ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް، ހަކަތަ ރައްކާތެރިކުރުމަށް ބަދަލުތަކެއް ގެންނަމުންނެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ރޭލްވޭ އެއްކޮށް ކަރަންޓަށް ބަދަލުކޮށް ޑީސަލް ފަދަ ފޮސިލް ފިއުލްތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ނިންމާފައި ވެއެވެ. ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިއަން ރޭލްވޭސް އިން ވަނީ ކަރަންޓް ގުޅުމުގެ ޕްރޮގްރާމް ފުޅާކޮށް، ދެމެހެއްޓެނިވި އަދި ހަކަތައިގެ ނިޒާމަކަށް ބަދަލުކުރުން އަވަސްކޮށްފަ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 60،000 އަށް ވުރެ ގިނަ ރޫޓް ކިލޯމީޓަރަށް ކަރަންޓް ދީފައިވެއެވެ.
އިންޑިއާގެ ޕެރިސް އެގްރީމަންޓްގެ ވައުދުތައް ފުއްދުމަށް ފޮސިލްފިލއުލްގެ ހަކަތައަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހެއެވެ.
އިންޑިއަން ރޭލްވޭސްގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 30 ގިނަވަޓް ގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ. އޭގެ ބޮޑު ބައެއް މިހާރު ވަނީ އިންސްޓޯލްކޮށް ބޭނުން ކުރަން ފަށާފައެވެ.
އިންޑިއަން ރޭލްވޭސް އިން ވަނީ ސާފު ހަކަތަ އުފެއްދުމަށް 1،000 އަށް ވުރެ ގިނަ ސްޓޭޝަންތަކާއި ޓްރެކްތަކުގެ ކައިރީގައި އަދި އިމާރާތްތަކުގެ ފުރާޅުމަތީގައި ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. މީގެ އިތުރުން ސީދާ އޮޕަރޭޝަންތަކަށް ކަރަންޓް ދިނުމަށްޓަކައި ރޭލުގެ އަމިއްލަ ބިންތަކުގައި ބޮޑެތި ސޯލާ ފާމްތައް ވެސް ދަނީ ތަރައްގީ ކުރަމުންނެވެ.