ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމެވުމަށްފަހު، ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލިސް ޖަލްސާއެއް މިއަދު ބާއްވަން ނިންމެވި ނަމަވެސް، އެ ޖަލްސާ ބާއްވާނެ ގަޑިއެއް، އަދި އެެޖެންޑާއެއް މިހާތަނަށް އާއްމު ކޮށްފައެއްނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މިމަހުގެ 16 އިން 20 އަށް މަޖިލިސް ރައީސް ޕާކިސްތާނަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މަޖިލިސް ރައީސް ފުރާވަޑައިގެންނެވި އިރު، މިއަދު ބާއްވަން އޮތް ޖަލްސާއަކީ، ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަނެފައިވާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ފާސް ކުރުމަށް ބާއްވާ ޖަލްސާއެއްކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މަޖިލިސް އިދާރާއިން އިއްޔެ ބުނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށެވެ.
ނަމަވެސް މަޖިލިސް އިދާރާއިން އިއްޔެ ބުނީ، އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް އައިއިރުވެސް މިއަދު މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑިއެއް އަދި އެޖެންޑާއެއް ހާމަކޮށްފައެއް ނުވެއެވެ.






