”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު“ ބޭރުކޮށްލަން ގޮވާލައި، މަޖިލިސް ތެރޭގައި އެމްޑީޕީ މެންބަރުން، މަޖިލިސް ބޭރުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލު ފާސްކުރީ ދައުރުން ބޭރުން މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ. ޖަލްސާއަށް ހާޒިރުވެ އިދިކޮޅު ފަރާތްތަކުން ރިޔާސަތުގެ ކުރިމަތީ ބެނާތައް ހިފައިގެން ތިބެ އިހުތިޖާޖު ކުރިއެވެ. އަދި ކޮމިޓީ ރިޕޯޓު ހުށަހަޅަމުން ދިޔަ ވަގުތުވެސް އަޑުގަދަކޮށްފައިވެއެވެ.
ނަން އިއްވުމަށްފަހު އިދިކޮޅު ހަ މެންބަރުން ވަނީ ޖަލްސާއިން ބޭރުކޮށްފައެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ކެޔޮދޫ ދާއިރާގެ މެންބަރު އިބްރާހިމް ނިއުޝާދު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދެވެ.
އެ ބިލު ފާސްކުރަން ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު ހިމެނޭހެން 60 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.
ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތައް ހިމަނައިގެން އެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިއަދު މެންދުރުފަހުއެވެ. އޭގެ ކުރިން އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައިވެސް އެ ބިލު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ފަރާތުން މި ބިލަށް ހަތަރު އިސްލާހެއް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި 72 އިސްލާހެއް ބިލަށް ހުށަހެޅިއެވެ. އެ އިސްލާހުތައް ހުށަހެޅުއްވީ، ކޮމިޓީގެ ނާއިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އޭނާ ހުށަހެޅި އިސްލާހުތަކުގެ ތެެރެއިން ނޫސްވެރިން ފާހަގަކުރި ބައެއް ކަންބޮޑުންތަަކަށް ބަދަލު ގެނައި ނަމަވެސް ނޫސްވެރިން ފާހަގަކުރި އެންމެ ބޮޑެތި ކަންބޮޑުންތައް ބަދަލުކޮށްފައެއް ނުވެއެވެ.
އޭނާ ހުށަހެޅި އިސްލާހުތަކަށް ހުށަހެޅުމުން، އެ ބިލަށް އިތުރު އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތަކަށް އެ ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު އެދިލެއްވިއެވެ.
އެ ފުރުސަތުގައި ބިލުގެ ހުރިހާ މާއްދާއެއް ވަކިވަކިން ވިދާޅުވެ، އެ މާއްދާތަކުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރައްވައި އެ މާއްދާތައް އުވާލުމަށް މީކާއީލް ހުށަހެޅުއްވިއެވެ.
ސަރުކާރުގެ ފަރާތުން މެންބަރު ޝަރީފް ބިލަށް ހުށަހެޅުއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުން ކަނޑައެޅުމަށް ބިލުގެ 17 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއިން ދިން ބާރު ވަނީ ކަނޑުވާލައިފައެވެ.
ބިލުގެ 17 ވަނަ މާއްދާގައި ބުނަނީ، ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުން ކަަމަށެވެ.
ނަަމަވެސް ކޮމިޝަން އެކުލެވިގެންވާނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންކަަމަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ތިން މެންބަރުން ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތަކެއް މަޖިލީހަށް ފޮނުވުމަށް އޮތް މާއްދާ ބަދަލުކޮށް، މަޖިލީހުން އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވާގޮތަށް ވަނީ ހިމަނައިފައެވެ.
ކޮމިޝަންގެ މެންބަރުންގެ ސިފަތަކުގެ ތެރެއަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްނުވުމާއި، ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދޭ ދާއިރާގެ ވިޔަފާރީގެ ހިއްސާއެއް އޮތް ފަރާތަކަށް ނުވުންވެސް ވަނީ ހިމަނައިފައެވެ.
މީޑިއާތަކުން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރަން އޮތް ގޮތްވެސް ވަނީ އިސްލާހުކޮށްފައެވެ.
އެގޮތުން މި އިންތިހާބުގައި ވޯޓުލެވޭނީ ފަސް އަހަރުވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންކަމަށް އޮތްތަން ބަދަލުކޮށް، އިންތިހާބުގައި ލެވޭނީ ތިން އަހަރު ވެފައިވާ، ރަޖިސްޓްރީ ކޮށްފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށް އެއްވޯޓު ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ކޮމިޝަންގެ ރައިސްކަމަށް އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ބޭފުޅެއްގެ ނަން ކަަމަށް އޮތް މާއްދާވެސް ބަދަލުކޮށް، ކޮމިޝަންގެ ރައީސް މަޖިލީހުން ހޮވާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ކޮމިޝަންގެ ނާއިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމިޝަންގެ މަގާމެއް ހުސްވާ ސިފަތައް ބަޔާންކޮށްފައިވާ 28 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، އެ މާއްދާގައި ބުނާ ސިފައެއް މެންބަރެއްގެ ކިބައިން އުނިވެއްޖެނަމަ، އެ މެންބަރު ވަކިކޮށްދިނުމަށް އެދި، އިންތިހާބުގައި ވޯޓުލާ މެންބަރުންގެ ތެރެއިން 50 މެންބަރުން ހުށަހެޅުމުން ކޮމިޝަންގެ ވޯޓަކުން ވަކިކުރެވޭގޮތަށް ވަނީ ހިމަނައިފައެވެ.
ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްގުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ވަނީ ހިމަނައިފައެވެ.
އަދި ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ، 66 ވަނަ މާއްދާގެ (ޅ) ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ނަމަވެސް މީޑިއާތަކާއި ނޫސްވެރިންނާއި، ސޯޝަލް މީޑިއަގައި ޝާއިރުކުރާ ހިޔާލުތަކަށް ފިޔަަވަޅު އެޅޭގޮތަށް އަދިވެސް ބިލުގެ ބައެއް މާއްދާތައް އޮތްކަން ފާހަގަކޮށް ބިލު ފާސްނުކޮށް ބޭރުކޮށްލަން ގޮވާލައި ކޮމިޓީ އަޑުއަހަން ވަދެ ތިބި ނޫސްވެރިން އިހުތިޖާޖު ކުރިއެވެ.
ނަމަވެސް މެންބަރު ޝަރީފް ހުށަހެޅުއްވި އިސްލާހުތަކާއެކު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ބިލު ފާސްވީ ކަމަށް ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ ނިންމެވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް މެންބަރު މީކާއީލް ހުށަހެޅުއްވި އިސްލާހުތަކަށް އެއްވެސް މެންބަރަކު ތާއީދު ކުރައްވާފައިނުވާތީ އެ އިސްލާހުތަކަށް ވޯޓަކަށް ނާހައެވެ.
އެ ބިލު ބޭރުކުރަން ގޮވާލައި، މިއަދު ހެނދުނުން ފެށިގެން މަޖިލިސް އިދާރާ ކައިރީގައި ނޫސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.






