ޚަވާޖާ އާސިފް: ޕާކިސްތާން ހަނގުރާމައިގެ ހާލަތެއްގައި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 11, 2025

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް، ވަނީ ޕާކިސްތާނު ހަނގުރާމައިގެ ހާލަތެއްގައިވާކަން އިޢުލާން ކުރައްވާފައެވެ. އޭނާ މިކަން އިޢުލާން ކުރެއްވީ އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އަދި ސެޝަންސް ކޯޓްގެ ބޭރުގައި ހިނގި ބޮމުގެ ހަމަލާއަކަށްފަހުގައެވެ. މި ހަމަލާގައި 12 މީހުން މަރުވެ، 27 މީހުން ޒަޚަމްވެފައިވެއެވެ.

މި ބަޔާނަކީ، ވެރިރަށް އިސްލާމްއާބާދަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ޓެރަރިޒަމްއާ ދެކޮޅަށް ސަރުކާރުގެ ރާގު ހަރުކަށި ވެފައިވާކަން ދައްކުވައިދޭ ބަޔާނެކެވެ. އެކްސް ގައި އާސިފް ވިދާޅުވީ، މި ހަމަލާއަކީ ޤައުމަށް ލިބުނު ”ހޭލައްވާލުމެއް“ ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް އެންމެން އެއްބައިވާން ޖެހޭ ކަމަށެވެ. އަދި ޕާކިސްތާނުގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޚަވާޖާ އާސިފް ވިދާޅުވީ، ”މިފަދަ މާޙައުލެއްގައި، ކާބުލްގެ ވެރިންނާއެކު ކާމިޔާބު މަޝްވަރާތަކެއް ނުބެއްވޭނެ ކަމަށާއި އެމީހުންގެ ފުށުން ހެވަކަށް އުންމީދުކުރުން ވާނީ ބޭކާރު ކަމެއް ކަމަކަށް. މިއަދު އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ ހާލަތެއްގައި.“

އޭނާ އިތުރަށް ވިދާޅުވީ، ޕާކިސްތާނު ސިފައިން ހަނގުރާމަ ކުރަމުން ގެންދަނީ އަފްޣާން-ޕާކިސްތާނު ބޯޑަރު ސަރަޙައްދުގައާއި ބަލޫޗިސްތާނުގެ ހަމަނުޖެހުން ބޮޑު ސަރަޙައްދުތަކުގައި ކަމަށް ހީކުރާ މީހުން، އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓު ސަރަހައްދުގައި މިއަދު ދިން ހަމަލައިން ހޭލާން ޖެހޭނެ ކަމަށެވެ. މި ހަމަލާއަކީ މިއީ މުޅި ޕާކިސްތާނަށް ކުރިމަތިވެފައިވާ ހަނގުރާމައެއް ކަމަށް ވިދާޅުވިއެވެ. އަދި މި ހަނގުރާމައިގައި ޕާކިސްތާނު ސިފައިން ކޮންމެ ދުވަހަކު ޤުރުބާނީތައް ވަމުން، ރައްޔިތުންނަށް ސަލާމަތްތެރިކަން ޔަޤީންކޮށްދެމުން ގެންދާކަމަށްވެސްވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ