ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
ގޭސް ޕްލާންޓެއް އުފެއްދުމަށް ގޭސް އެނބުރުމެއް ބާ؟
ޚަބަރު

ގޭސް ޕްލާންޓެއް އުފެއްދުމަށް ގޭސް އެނބުރުމެއް ބާ؟

އއިބްރާހީމްް ސަމީރު20 ސެޕްޓެމްބަރު 2024
މޯލްޑިވް ގޭސްއިން ގޭސް ޕްލާންޓެއް ބިނާ ކުރުމަށް ބޭނުންވާ މަސައްކަތުގެ ކޮންސަލްޓެންސީއަށް ބޮޑު ހޭދައެއް ކޮށްފިނަމަ، ގޭސް ޕްލާންޓް ބިނާ ކުރުމަށް ކުރަން ޖެހޭ ހޭދަ އުޅޭނީ ކިހާވަރެއްގައި ތޯއެވެ؟ ހިރި ނޫހަށް ލިބުނު މަޢުލޫމާތާއި ލިޔުންތަކުގެ އަލީގައި މިކަމުގެ ހަޤީގަތް ސާފުކޮށްލުމަށް ބޭނުންވިއެވެ. ޔޯލަ ވާހަކައަކަށް ފުރުޞަތު ދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް މަޢުލޫމާތު ދޭން ފަސްޖެހުމާއި، މަޢުލޫމާތު ދިނުމުން ރެކުމަކީ، ސިއްރު ކުރުމެއް ކަމަށް ބެލެވިދާނެއެވެ. ހިރި ނޫހުން ސާފުކޮށްލަން ބޭނުންވީ ދެ ކަމެކެވެ. ގޭސް ޕްލާންޓެއްގެ މަސައްކަތާ ގުޅޭ މަސައްކަތެއް އެބަ ހިނގާ ތޯއެވެ؟ އެ މަސައްކަތާ ގުޅިގެން ގޭސްގަނޑެއް އެބަ އެނބުރޭ ހެއްޔެވެ؟ ނޫނީ ގޭސްގަނޑެއް އެނބުރެން އުޅޭ ހެން ހީވޭ ހެއްޔެވެ؟ ސުއާލުތަކަށް ޖަވާބު ނުދެވިދާނެ ކަމަށް ބަލަމާ ހެއްޔެވެ! އެކަމަކު ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް ޖަވާބު ނުދިނުމަކީ ގަސްތުގައި ރެކިގަތުމެއްގެ ގޮތުގައި މާނަ ކުރެވިދާނެއެވެ. ކޮންސަލްޓެންސީއަށް ދޭ ފައިސާއަކީ ޤަބޫލު ކުރެވޭ ޢަދަދެއްގެ ފައިސާއެއް ކަމުގައި ވާން ޖެހޭނެއެވެ. އެފަދަ މުޢާމަލާތެއްގައި ޝައްކު ކުރެވޭ ކަންކަމުން ދުރުހެލި ވާން ޖެހެއެވެ. މިސާލަކަށް، ދިހަ މަހުން ނިންމާ ކޮންސަލްޓެންސީއަކަށް، ދެލައްކަ 50 ހާސް ޑޮލަރު ދޭނަމަ އެއީ، ގޭސް ކުންފުނީގެ 55 މުވައްޒަފުންގެ އެއް މަހުގެ މުސާރައާ އެއްވަރުގެ ޢަދަދެކެވެ. މިވަރުގެ ކޮންސަލްޓެންސީއެއް ހޯދަން ވާނީ އާންމުކޮށް އިޢުލާން ކޮށްގެންނެވެ. އެކަމުގައި ތުހުމަތު ކުރެވޭ ޝައްކު ކުރެވޭ ކަމަކަށް ޖާގަ ނުދިނުމުގެ ގޮތުންނެވެ. މިފަދަ ކޮންސަލްޓެންސީއަކަށް އެއްބަސްވާއިރު ބިރަކީ އިޢުލާން ކުރުމަކާ ނުލައި ޙަވާލު ކުރާ މަސައްކަތަށް އެޑްވާންސް ކޮށް 40 ޕަސެންޓް ދިނުމުން ކުންފުނި ފިލައިގެން ގޮސްފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކުންފުނީގެ ކަމުވޮށިގެންވާ މުވައްޒަފުންނަށްވެސް މިއީ އެންމެ ހަމަ ޖެހޭ ގޮތް ކަމަކަށް ނުބެލެވެއެވެ. އަދި މިފަދަ އެއްބަސްވުމެއްގެ މައްސަލައެއް ބެލުމުގެ އިޙްތިސާސް ލިބޭ ފަރާތަކީ ލަންކާގެ ޝަރުޢީ ނިޒާމުކަމަށް ކަނޑައެޅުމުން 40 ޕަސެންޓަށްވާ ފައިސާ ހޯދުމަށް 40 ޕަސެންޓްގެ ކިތައް ޢަދަދު ހޭދަ ކުރަން ޖެހޭނެ ބާވައެވެ! ކުންފުނީގެ މުވައްޒަފުން ކަމާ ގަޔާނުވެގެން އުޅެނީ މި ސަބަބާ ހެދިއެވެ. މިފަދަ ކޮންޓްރެކްޓްތައް ނިންމުމުގެ ކުރިން އެސްއޯއީތަކަށްވެސް އޯވަރސައިޓެއް އޮތުން މުހިންމެވެ. ގިނަ ތަންތާނގައި އެމްޑީންނާއި ސިއީއޯންނަށް ތިބޭ ފަރާތްތަކަކީ ކަންމަތީ ފިހާރައެއްގެ ވިކުރާ މެނޭޖުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ނުވާނެއެކޭ ނު ބުނާނަމެވެ. ނަމަވެސް ހިންގަން މިއުޅެނީ ދައުލަތުގެ ކުންފުންޏެކެވެ. ހޭދަ ކުރެވޭ ފައިސާއަކީ ދައުލަތުގެ ޚަޒާނާއިން އުނިވާ ރައްޔިތު މީހާ ޒިންމާވާން ޖެހޭ ފައިސާއެކެވެ. ގޭސް ކުންފުނިން ދޭ ޖަވާބަކާއި އެ ޖަވާބެއް އުފަލާއެކު ޝާއިއުކޮށް ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރަން އޮތްކަމުގެ ޔަޤީންކަން ކިޔުންތެރިންނަށް ހިރި އޮންލައިނުން ދޭކަން ހަނދާން ކޮށްދެމެވެ.

ގުޅުންހުރި ޚަބަރު