ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމްޑީޕީގެ ހަވަރުބެރުގެ އަޑު އެބަ އިވޭތަ؟
ރިޕޯޓް

އެމްޑީޕީގެ ހަވަރުބެރުގެ އަޑު އެބަ އިވޭތަ؟

ޟޟަމްރަތު އަހްމަދު21 ސެޕްޓެމްބަރު 2024
އެމްޑީޕީ ޖަހާ ހަވަރުބެރަކީ "ހަވަރުބެރު"ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެކެވެ. ބޭނުމަކީ ސަރުކާރުން ކުރަމުންދާ ނޭއްގާނި ކަންކަން ރައްޔިތުންނަށް އަންގައިދިނުމެވެ. ހަގީގަތުގައި ހަވަރު ބެރަކީ ހަވަރު އެއްކުރާން ޖަހާބެރެކެވެ. ހަވަރު އެއްކުރަނީ ހަވަރު ލައްވައި ބޮޑު ސިންގާ ކަމެއް ކުރުވުމަށެވެ. ހަވަރު އެއްވެގެން ވެރިކަން ފުރޮޅައިލުން ފަދަ ކަންކަން މާޒީގައި ކޮށްފައި އެބަހުއްޓެވެ. މައި އިދިކޮޅު ޕާޓީން މިފަދަ "ހަވަރުބެރެއް" ޖެހުމަކީ އެއްގޮތަކުން ބަލާއިރު ސަރުކާރަށް ފައިދާހުރި ކަމެކެވެ. ކަންކަން ކުރެވެމުންދާގޮތް ދުރާލާ އެނގުމެވެ. ޒިންމާދާރުކަމާ އެކު އިޖާބަދިނުމެވެ. އެމްޑީޕީން ހަވަރުބެރު ޖަހަނީ ރައްޔިތުންނަށް އިއްވާށެވެ. ރައްޔިތުންގެ ކަންކަން އެމީހުން ހަވާލުކުރި މީހުން އެކަންކަން ކުރާގޮތް ގޮތް ބުނެދީ ދައްކައިދޭށެވެ. ބޭނުމަކީ ސަރުކާރުގެ ހަގީގަތް ރައްޔިތުންނަށް ދެއްކުމެވެ. ވޯޓުފޮށި ދޮށުން ސަރުކާރު އަތުޖެހޭ ދުވަހަކުން ހަދަންވީ ގޮތް އަންގައިދިނުމެވެ. ސުވާލަކީ އެމްޑީޕީން އެޖަހާ ބެރުގެ އަޑު ސަރުކާރަށް އިވޭހެއްޔެވެ؟ ޖަވާބަކީ ނުއިވެއެވެ. ނުވެސް އިވޭނެއެވެ. އިވޭކަމަށް ވެސް ނަހަދާނެއެވެ. އަޑު ނީވުމުކީ މުސްތަގުބަލުގައި ސަރުކާރަށް ގެއްލުންބޮޑު ކަމެކެވެ. ގައުމަށް ގެއްލުންބޮޑު ކަމެކެވެ. މިފަދައިން އޭގެ ވަގުތުގައި އަހަންޖެހޭ އަޑުތައް ނޭހުމުގެ ސަބަބުން މާޒީގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރައީސް ޔާމީނަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އެ ދެބޭފުޅުންގެ ސަރުކާރަށް ވެސް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނެވެ. އޭގެ ނަތީޖާ ރައްޔިތުންނަށް ފެނުނެވެ. އެ ނަތީޖާ އިން ރައްޔިތުން ނިންމީ އެއިން ބޭފުޅަކަށް ދެވަނަ ދައުރެއް ނުދިނުމަށެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެސް މިއޮތީ އެ މަގުގައެވެ. ފޮނިގަދަ ވައުދުތަކެއްގެ ސަބަބުން ސަރުކާރު ލިބިވަޑައިގެންފައެވެ. އެއަށް ވުރެ ޑަބަލް ފޮނި ބަސްތަކަކުން މަޖިލިސް ލިބިވަޑައިގެންފައެވެ. އެކަމަކު ޕޯޑިއަމްތަކުގައި ހިންގާ ސަރުކާރާއި އޮފީސްތަކުގައި ހިނގާ ސަރުކާރު ތަފާތެވެ. ރައްޔިތުންގެ ކެކުޅުންތައް ބައިވަރެވެ. މި ހާލަތާއިގެން ކުރިއަށް ދާނަމަ އާޚިރު ނަތީޖާ އަކަށް ވާނީ ނާކާމިޔާބެވެ. ސިޔާސީ ތާރީޚުގެ މާޒީކަމުގައި ރައީސްވެގެން ދިއުމެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ އެއް ކަމެއް އެއްގޮތަކަށް ކޮށް އެއް ނަތީޖާއެއް ނުކުމެ އެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހި ރައްޔިތުން 15 އަހަރު ހޭދަކުރަން ޖެހުނީއެވެ. ދެން ވެސް އެގޮތުގައި ދާނަމަ މުޅި އުމުރަށް އޮތީ އެހާލެވެ. ރާއްޖޭގެ ހޭލުންތެރިކަމާއި، ދުރުވިސްނުން ހުރީ ގާނޫނުއަސާސީއިން ހުޅުވައިދީފައިވާ މިންތަކަކާ ފައިހަމަކުރެވޭ ވަރަށް ވުރެ ދަށުގައެވެ. ރައްޔިތުން ވޯޓުދެނީ ބާލާށެވެ. ނޫން ގޮތެއް ހޯދާށެވެ. ބޭލެއެވެ. ނޫން ގޮތެއް ހޯދެއެވެ. އެކަމަކު ޔަގީނުން ވެސް ނޫން ނަތީޖާއެއް ނުފެނެއެވެ. އިދިކޮޅު ޕާޓީތަކަށް މަޖިލީހުގެ އަޣުލަބިއްޔަތެއް ރައްޔިތުން ނުދޭހައި ދުވަހަކު ގައުމު ދާނީ މިގޮތުގައެވެ. ބޭލުމާއި ނޫން ގޮތެއް ހޯދުމުގައެވެ. ނޫން ނަތީޖާއެއް ނުފެނިއެވެ. އޭގެ ސަބަބުން ޒުވާނުން މިދަނީ މާޔޫސްވަމުންނެވެ. އުންމީދުތައް ކެނޑެމުންނެވެ. ފޫހިވަމުންނެވެ. މިއީ ކޮންކަހަލަ އަލާމާތެއް ހެއްޔެވެ؟ ޝައްކެއް ނެތެވެ. މިއީ ޚުދުމުޚްތާރު ނިޒާމެއް އުފަންވާކަމުގެ އަލާމާތެވެ. އިންތިހާއަށް ބާރުގަދަ އިސްތިބްދާދިއްޔަތެއް އައުމުގެ ފެށުމެވެ. މިއީ ގާނޫނަށް ލޯކަނު، މުލައްދަނޑީގެ ބާރުނޫން ގޮތެއް ނުދަންނަ ނިޒާމެއްގެ ބިރުވެރި ނިޝާންތަކެކެވެ. މި ވޭންދެނިވި ނަތީޖާއާ ކުރިމަތިލާން ބޭނުން ނޫން ނަމަ ކޮންމެ މީހަކު ޖެހިއަސް ހަވަރުބެރުގެ އަޑު އަހަންޖެހެއެވެ. ރައީސް މީހާވެސް މިނިސްޓަރު މީހާވެސް އަޑުއަހަންޖެހެއެވެ. މަޖިލިސް މީހާ ވެސް ރައްޔިތު މީހާ ވެސް އަޑުއަހަންޖެހެއެވެ. އިދިކޮޅު މީހާއާއި އެއްކޮޅު މީހާ ވެސް އަޑުއަހަންޖެހެއެވެ. އަޑުނޭހުމާއި ގޮތްދޫނުކުރުމުގައި އޮތީ ގެއްލުމާއި ހަލާކެވެ. އެކަމަކު އެއްވެސް ފަރާތަކުން ހަވަރުބެރުގެ އަޑެއް، އަދި ރައްޔިތެއްގެ އަޑެއް އަހާކަމަށް ވެސް އަޑު އަހާފާނެކަމަށް ވެސް އަދިއެއް ފެންނާކަށް ނެތެވެ.

ގުޅުންހުރި ޚަބަރު