ދިވެހި|English 22 ނޮވެމްބަރު 2026 · 03:13
Top banner
Advertisement
ހަނދާން ނައްތާލައިވާ އިސްލާމީ ވަޤުފުގެ ނިޒާމު!
ރިޕޯޓް

ހަނދާން ނައްތާލައިވާ އިސްލާމީ ވަޤުފުގެ ނިޒާމު!

ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އެތަނުގައި ތިބޭ ދަތުރުވެރިންނަށް މާމުއި އަޅައިގެން ހަދާފައިވާ ހަލުވާއެއް، އެންމެންނަށް އެއް މިންވަރަކަށް ފޯރުކޮށް ދެވެއެވެ.

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ21 ނޮވެމްބަރު 2026

ތިބާ ހުރީ 13 ވަނަ ޤަރުނުގެ އެނަޓޯލިއާގައި ކަމަށް ތަޞައްވުރު ކޮށްލާށެވެ. ތިބާ ހުރީ ދިގު އަދި ނުރައްކާތެރި ދަތުރެއްގެ މަތީގައި ފަށުވިމަގު ނުވަތަ ސިލްކްރޯޑުގައެވެ. ތިބާއާއެކު މުދާއަރުވައި ބަރާކޮށްފައިވާ ޖަމަލުތައް ހުއްޓެވެ. އަދި އިރު އޭގެ ދަންފަޅި ހަމަކުރުމަށްފަހު އޮއްސެން ދަނީއެވެ. އެކަމަކު، ތިބާއަކަށް ރޭކުރާނެ ހޮޓަލެއް ހޯދާކަށް ނުޖެހެއެވެ. އަދި ފައިސާތަކެއް ގުނާކަށްވެސް ނުޖެހެއެވެ. ތިބާގެ ކުރިމަތީގައިވާ ޢިމާރާތަކީ، މުސާފިރުން މަޑުކޮށްލައި، އަރާމު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ބިޔަ ބޮޑު ޢިމާރާތެކެވެ. އެއީ މުސާފިރުޚާނާ ނުވަތަ ކެރަވަންސަރާއީއެވެ.

12 އަދި 13 ވަނަ ޤަރުނުގައި ސަލްޖޫގީ ރަސްރަސްކަލުން އެނަޓޯލިއާގެ ވިޔަފާރީގެ މުހިންމު މަގުތަކުގައި މިފަދަ އެތައް މުސާފިރުޚާނާތަކެއް ތަޢުމީރު ކުރުވިއެވެ. އާންމު ގޮތެއްގައި ކޮންމެ ދެ މުސާފިރުޚާނާއެއްގެ ދެމެދުގައި ހުންނަނީ 30 ކިލޯ މީޓަރެވެ. އެއީ ޖަމަލުމަތީގައި ދަތުރުކުރާ މީހެއްގެ 01 ދުވަހުގެ ރާސްތާއެވެ. ސަލްޖޫގީ މުސާފިރުޚާނާތަކުގެ އެންމެ ހައިރާންކުރުވަނި ކަމަކީ، ކޮންމެ ދަތުރުވެރިއަކަށްވެސް 03 ދުވަސްވަންދެން ހިލޭ ހުރުމާއި، ކެއުމާއި، އަދި އެމީހުންގެ ޖަނަވާރުތަކަށް ބޭނުންވާ ސުހޫލިއްޔަތު އެތަނުން ހަމަޖައްސައިދެވެއެވެ. ތިބާގެ ކާނާއާއި، ހިނައި ތާހިރުވުމަށް ބޭނުންވާ އިންތިޒާމުތަކާއި، ތިބާގެ ޖަނަވާރުތަކަށް ބޭނުންވާ ކާނާއާއި، އަދި ބޭނުންޖެހިއްޖެ ހިނދެއްގައި ތިބާގެ ބޭސްފަރުވާގެ ކަންތައްތައްވެސް ހިލޭ ހަމަޖައްސައިދެވެއެވެ. އެކަމަކު، ސުވާލަކީ އެވަރުގެ އަގުބޮޑު ސުހޫލިއްޔަތެއްގެ ޚަރަދުތަކުގައި ހިފަނީ ކޮން ބައެއް ހެއްޔެވެ؟ އޭގެ ޖަވާބަކީ އިސްލާމީ ވަޤުފުގެ ނިޒާމެވެ. ސަލްޖޫގީ ރަސްރަސްކަލުންނާއި، އަމީރުން، އެމީހުންގެ އަމިއްލަ މުދަލާއި، އާމްދަނީއިން ބައެއް، މިފަދަ އިދާރާތަކަށް ވަޤުފުކުރެއެވެ.

މިސާލެއްގެ ގޮތުން، ކަރާތޭހާންގެ 1247 ގެ ވަޤުފު ފަތްފުށްތަކުން ސާފުކޮށް އެނގޭގޮތުގައި، އެތަނަށް އަންނަ ދަތުރުވެރިންގެ ދީނާއި، މަޒުހަބާއި، ހައިސިއްޔަތާއި، މިނިވަންކަމަށް ރިޢާޔަތްކޮށް އެއްވެސް ތަފާތެއް ނުކުރެވޭނެއެވެ. މުސްލިމުންނާއި، ނަސާރާއިންނާއި، ޔަހޫދީންނާއި އަދި ކޮންމެ ދީނަކަށް ނިސްބަތްވާ މީހެއް ކަމުގައިވިޔަސް، އެންމެންނަށްވެސް ފޯރުކޮށްދެވޭނީ އެއްފެންވަރެއްގެ ކާނާއެވެ. އަދި ފަޤީރު ދަތުރުވެރިއެއްގެ އަތުގައި އަރާނެ ފައިވާނެއް ނެތް ނަމަ، ވަޤުފުގެ ޚަރަދުގައި އެމީހަކަށް ފައިވާނެއް ހޯދައިދެވެއެވެ. ހަމައެކަނި އެކަމެއް ނޫނެވެ. އެތަނަށް އަންނަ ދަތުރުވެރިޔަކު ބަލިވެއްޖެނަމަ، އެމީހަކު ގަދަވަންދެން ބޭސްފަރުވާގެ ކަންތައްތައް ހިލޭ ހަމަޖައްސައިދެވެއެވެ. އަދި މީހަކު މަރުވެއްޖެނަމަ، އެމީހާގެ ޖަނާޒާގެ ކަންތައްތައްވެސް ވަޤުފުގެ ޚަރަދުގައި ހަމަޖައްސައިދެވެއެވެ. ޔަޢުނީ އެއްވެސް މީހަކު ނުދަންނަ ބީރައްޓެހި ދަތުރުވެރިއަކުވެސް، އޭނާގެ އެންމެފަހުގެ ދަތުރާއި ހަމައަށް އެކަނިވެރިކަމުގައި ދޫކޮށެއް ނުލައެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އެތަނުގައި ތިބޭ ދަތުރުވެރިންނަށް މާމުއި އަޅައިގެން ހަދާފައިވާ ހަލުވާއެއް، އެންމެންނަށް އެއް މިންވަރަކަށް ފޯރުކޮށް ދެވެއެވެ. އެއީ ހަމައެކަނި މުސާފިރުޚާނާއެއް ނޫނެވެ. އެއީ އިސްލާމީ އިޤުތިޞާދީ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ ވިޔަފާރި ދިރިދަމަހައްޓައިދޭ ނިޒާމެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި ހޮޓާތަކާއި، ގެސްޓުހައުސްތައް ވަނީ ބިނާކޮށްފައެވެ. އެކަމަކު ހިލޭ އެއިން ތަނެއްގައި ތިބާއަކަށް ނުހުރެވޭނެއެވެ. މީގެ 800 އަހަރު ކުރިން އެނަޓޯލިއާގެ މުސާފިރުޚާނާތަކުން ހިލޭ ހަމަޖައްސައިދިނީ ހަމައެކަނި ދަތުރުވެރިން ނިދާލާނެ ތަނެއް ނޫނެވެ. ދަތުރާއިގެން ކުރިއަށް ދިއުމުގެ ހިތްވަރުވެސް ދަތުރުވެރިންނަށް ދިނެވެ. އެވެސް މުޅިން ހިލެއެވެ.

މިއަދު އިސްލާމީ ދުނިޔޭގެ ވެރިން ވަނީ މުސްލިމުންގެ ޚަޒާނާއާއި، ޤުދުރަތީ ވަސީލަތްތަކަކީ އެމީހުންގެ ތަރިކަ މުދަލަށް ހަދާފައެވެ. އަތުޖެހުނު އެއްޗެއް، އަތުޖެހުނު ގޮތަކަށް ނަގަނީއެވެ. އަދި އެވަރުންވެސް ފުއްދައިލަނީކީއެއް ނޫނެވެ. ނިކަމެތި ފަޤީރު އިސްލާމީ ޤައުމުތަކަށް އަރައި، މުސްލިމުން ކަތިލައި، އެތަންތަނުގެ ޤުދުރަތީ މުއްސަނދިކަންވެސް ފޭރިގަންނަނީއެވެ. މީގެ ހެއްކަކަށް ސޫދާނު ފުދެއެވެ. ކެހިވެރި ޢަރަބި ޢިމާރާތުން، އެތަނުގެ ރަނުގެ ޤުދުރަތީ މުއްސަނދިކަން ފޭރިގަނެގެން، ތިމާމެންގެ ޤައުމުގައި ރަނުން ޖަރީކޮށްފައިވާ މަގެއް ހަދަނީޔޯލައެވެ. މީގެ 800 ވަރަކަށް އަހަރު ކުރިންވެސް ތިބީ އިސްލާމީ ވެރިންނެވެ. މިހާރުވެސް މިތިބީ އިސްލާމީ ވެރިންނެވެ. އެކަމަކު، މިވެރިން ނިސްބަތްވަނީ ކޮން އިސްލާމް ދީނަކަށް ކަމެއް ނޭނގެއެވެ.

ގުޅުންހުރި ޚަބަރު