ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް
ޚަބަރު

މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް

މމުހައްމަދު އަލީ22 ޑިސެމްބަރު 2025
މާލެ ސިޓީގެ މުސްތަޤުބަލުގެ ޕްލޭންތައް އެކުލަވާލައި ނިންމާނީ "ބަންދު ކޮޓަރިތަކެއްގެ" ތެރޭގައި ނޫން ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި އެކަންކަން ނިންމާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރ މިހެން ވިދާޅުވީ، މާލޭގެ "ރިވައިޒްޑް ލޭންޑް ޔޫސް ޕްލޭން" ނުވަތަ ބިމުގެ ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ޚާއްޞަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު މޭޔަރ ވިދާޅުވީ، މި ބައްދަލުވުމަކީ ހަމައެކަނި ރަސްމީ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ 2030 އަދި 2050 ވަނަ އަހަރު މާލެ އޮންނާނެ ގޮތް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. "އަޅުގަނޑުމެންނަށް މައްސަލަތައް އެނގޭ. އިދާރީ ހިންގުމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ޕްރެޝަރާއި، ޒަމާންވީ އުމްރާނީ މައްސަލަތައް އެބަހުރި. މިއީ ދުރުގައިވާ ކަންކަމެއް ނޫން، މިއީ އަޅުގަނޑުމެންގެ ޢާއިލާތަކުން ކޮންމެ ދުވަހަކު ތަޙައްމަލުކުރާ ޙަޤީޤަތް،" އޭނާ ވިދާޅުވިއެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މޭޔަރ ޢާޒިމްގެ ތަޞައްވުރު މިއަދުގެ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި:
  •  ޒަމާނީ އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން.
  • މޫސުމީ ބަދަލުތަކަށް ވިލުންތެރި، ފެހި ސިޓީއަކަށް މާލެ ހެދުން.
  • އިޤްތިޞާދީ އަދި ވިޔަފާރީގެ އާ ފުރުޞަތުތައް ފަހިކޮށްދިނުން.
  • ސަޤާފަތް ދަމަހައްޓައި، އެންމެންނަށްވެސް ރައްކާތެރި މާހައުލެއް ޤާއިމުކުރުން ހިމެނެއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ މޭޔަރ އާދަމް ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ވަކާލާތު ކުރައްވަނީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށެވެ. އަދި ރައްޔިތުންގެ އިތުބާރާއެކު މާލޭގެ ޕްލޭންތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަކަށް އޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. "އަޅުގަނޑުމެން މިތިބީ ވަކި ޕްލޭންތަކެއް ލާޒިމުކުރާކަށް ނޫން. އަޅުގަނޑުމެން މިތިބީ އަޑުއަހަން. ތިޔަބޭފުޅުންގެ ބައިވެރިވުމުން ކަށަވަރުކޮށްދޭނީ މާލޭގެ މުސްތަޤުބަލަކީ ބަންދު ކޮޓަރިތަކެއްގައި ނިންމާ ނިންމުމަކަށް ނުވުން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މޭޔަރގެ ވާހަކަފުޅު ނިންމަވާލެއްވީ، މާލެއަކީ ހަރުދަނާ ތަޞައްވުރަކާއެކު ޒިންމާދާރުކޮށް ހިންގޭނެ ސިޓީއެއްކަން ސާބިތުކޮށްދިނުމަށް ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.  

ގުޅުންހުރި ޚަބަރު