ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
"ޕްރޮޖެކްޓް އައިލާ" ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅުއްވައިފި
ޚަބަރު

"ޕްރޮޖެކްޓް އައިލާ" ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅުއްވައިފި

ހިރި ނިއުސްހިރި ނިއުސް31 ޑިސެމްބަރު 2025
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި ގާއިމުކުރާ "ސަސްޓެއިނަބަލް ޓައުންޝިޕް" ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ އަދަދު، 10 ނޮވެންބަރު 2025 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުންނާއި، 12 ޖަނަވަރީ 2025 ގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން ވަނީ ކަނޑައަޅުއްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި އެސް.އީ.ޒެޑެއް ތަރައްޤީކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފްއެގްރީމަންޓެއްގައި ސޮއިކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެސް.އީ.ޒެޑެއްގެގޮތުގައި "ޕްރޮޖެކްޓް އައިލާ" ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:- 1. ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްޤީކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް 2. ބައިނަލްއަގުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުން. 3. ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރުން. 4. އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ޤާއިމުކުރުން. 5. ޒޯނުގައި ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޢާދަކުރަނިވި ހަކަތައަށްވުން. 6. ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ޤާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ޤާއިމުކުރުން. 7. ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން. 8. ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސް.އީ.ޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކޮށްފައި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު